ރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކޮށް ނޫސްވެރިންނަށް އަނިޔާވާ ގޮތަށް ފުލުހުން ހުރަސް އަޅާފައިވާތީ ފުލުހުންގެ އެ އަމަލު ކުށްވެރިކޮށް، އެ މައްސަލަ ބަލައި ތަހުގީގު ކުރަން ފަށަފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.


އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިޑިޔާއަކީ ޑިމޮކްރަސީއެއްގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބަޔަކަށްވާއިރު މީޑިޔާގެ މިނިވަން ކަމަކީ ގާނޫނު އަސީން ކަށަވަރުކޮށްދީފައިވާ އެއްވެސް ހާލަތެއްގައި ނިގުޅައި ނުގަނެވޭނެ ހައްގެއް ކަމަށެވެ.


‹މިފަދަ ހާލަތްތަކުގައިތެރެއަށް ނޫސް އިދާރާތަކުގެ އިދާރީ މީހުންނާއި ވެރިންނާ ޓެކްނީޝަނުން، އެކްޓިސްޓިވިސްޓުންނެކޭ އެއް ގޮތަށް ހަރަކާތްތެރިވާތަން ފެނޭ، އެއީ ހަގީގީ މީޑިޔާއެއް ނޫން›


ކޮމިޝަނުން ބުނީ ނޫސްވެރިންނަކީ މިނިވަން ކަމާއި ހިމާޔަތް ލިބެންޖެހޭ ފަރާތްތަކަކަށްވިޔަސް، ރޭ މާލޭގައި ކުރި މުޒާހަރާ ކަވަރު ކުރަން ދިޔަ ބައެއް ނޫސްވެރިންނާއި އެމީހުންގެ މަސައްކަތަށް ފުލުހުން ބާރުގެ ބޭނުންކޮށް އަނިޔާވާ ގޮތަށް ހުރަސް އަޅާފައިވާތީ ކޮމިޝަނުން އެކަން ކުށްވެރި ކުރާ ކަމަށެވެ.


ކޮމިޝަނުން ބުނީ ރޭގެ މުޒާހަރާގައި ހިންގައި ދިޔަ ކަންކަމާ ގުޅިގެން ކަނބޮޑުވާ މައްސަލަތައް އެބަހުރި ކަމަށާއި އެކަންކަން އިތުރަށް ބަލައި  ތަހުގީގު ކުރުމުގެ މަސައްކަތް ކޮމިޝަނުން ފަށާފައިވާ ކަމަށެވެ.


ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ފުލުހުންނާއި ނޫސްވެރިންނާ ދެމެދު ކުރިމަތިލުންތަކެއް އައީ މުޒާހަރާގެ ސަރަހައްދުތަކުގައި ފުލުހުން އަންގާ ގޮތުގެ މަތިން ނޫސްވެރިންގެ އަމަލުތައް ނުބެހެއްޓުމުން ކަމަށާއި އެއީ ފުލުހުން ބޭނުންވާ ގޮތް ނޫން ކަމަށެވެ.


އޭނާ ވިދާޅުވީ މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމަށް "ހަގީގީ ނޫސްވެރިން" ނެރެދިނުމަށާއި ނޫސްވެރިން އެކްރެޑިޓްކޮށް ދިނުމަށް 2006 ވަނަ އަހަރުން ފެށިގެން ފުލުހުން މިޑިޔާގެ ދާއިރާތަކުގައި އެދެމުން އަންނަ ކަމަށާއި މިހާނަތަށް ވެސް އެކަންކަން ތަންފީޒުވެފައި ނުވާ ކަމަށެވެ.


އޭނާ ވިދާޅުވީ ރޭގެ ހާލަތަކީ "އާދައިގެ ހާލަތެއް ނޫން" ކަމަށާއި އެ ހާލަތުގައި ފުލުހުން އަންގާ ގޮތާ ހިލާފަށް ނޫސްވެރިންގެ އަމަލުތައް ބަހައްޓާފައިވާ ކަމަށެވެ.


"މިފަދަ ހާލަތްތަކުގައިތެރެއަށް ނޫސް އިދާރާތަކުގެ އިދާރީ މީހުންނާއި ވެރިންނާ ޓެކްނީޝަނުން، އެކްޓިސްޓިވިސްޓުންނެކޭ އެއް ގޮތަށް ހަރަކާތްތެރިވާތަން ފެނޭ، އެއީ ހަގީގީ މީޑިޔާއެއް ނޫން،" ޝިޔާމް ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ރޭގެ ހާލަތު އެ ގޮތަށް މެދުވެރިވިޔަ ނުދިނުމަށް ފުލުހުންނާ ގުޅިގެން ނޫސް އިދާރާތަކުން ކުރިޔަށް އޮތަނުގައި މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އެހެން ނުވާނަމަ ރޭ ހިނގިފަދަ ހާދިސާތައް އަދިވެސް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.