ރިޔާޟް (މޭ 17): ފޭސްބުކާއި ޓްވިޓާ ފަދަ ސޯޝަލް ނެޓްވާކްތައް، މަގުދައްކައިދޭ ދަލީލެއްގެ ގޮތުގައި ބަލާމީހުންނަކީ ދުނިޔެއާއި އާޚިރަތުން ގެއްލި ހަލާކުވެފައިވާ ބައެއް ކަމަށް "އަމުރު މަޢްރޫފްކޮށް މުންކަރާތްތައް ނަހީކުރާ ސައޫދީ އިދާރާ"ގެ ވެރިޔާ އައްޝައިޚް ޢަބްދުއްލަތީފް އާލުއްޝައިޚް ސިފަކުރައްވައިފި އެވެ.

މިއިދާރާގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހިންގާ ފިކުރީ ހަނގުރާމައާ ކުރިމަތިލުމުގެ ތަމްރީން ދިނުމުގެ ޕްރޮގްރާމެއް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތަކަށް ފަހު ދެއްވި ބަޔާނެއްގައި އައްޝައިޚް ޢަބްދުއްލަތީފް އާލުއްޝައިޚް ވިދާޅުވީ ސޯޝަލް ނެޓްވާކްތަކާ އަދި ޚާއްސަކޮށް ޓްވިޓާއަކީ ފިކުރީ ހަނގުރާމައާއި މުޖްތަމަޢުތަކުގައި ފިތުނަ އުފެއްދުމަށް ފުޅާދާއިރާއެއްގައި ބޭނުންކުރަމުންގެންދާ ވިއުގައެއް ކަމަށާ ޓްވިޓާގެ "ދަލުގައި"ޖެހިފައިވާ ކޮންމެ މީހަކީ ވެސް "ދުނިޔެއާއި އާޚިރަތް ގެއްލިފައިވާ މީހެއް" ކަމުގަ އެވެ.

ސަޢޫދީ އަރަބިޔާގައި މަތީފެންވަރަށް ޒަމާނީ ތައްލީމީ ފެތުރެމުންދާއިރު އެގައުމުގައި ފޭސްބުކާއި ޓްވިޓާ ފަދަ ސޯޝަލް ނެޓްވާކްތައް ބޭނުންކުރާ ރައްޔިތުންގެ ޢަދަދު ވެސް ދުވަހެއް ދުވަހަކަށް ދަނީ ގިނަވަމުންނެވެ. މިމައްސަލާގައި ސައޫދީ ސަރުކާރާއި ޝާހީ ޢާއިލާއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ގެންދަނީ ކަންބޮޑުވާކަން ހާމަކުރަމުންނެވެ. ސޯޝަލް ނެޓްވާކްތައް ބޭނުންކުރާ ސައޫދީ ރައްޔިތުން އެގައުމުގެ އެތެރޭގެ ކަންތައްތައް ތަކަށާއި ރައްޔިތުންގެ ބައިވެރިވުމެއްނެތި ސައޫދީގައި ޤާއިމްކޮށްފައިވާ ވިރާޘީ ރަސްކަމުގެ ނިޒާމަށް އެކިމިންވަރަށް ފާޑުކިޔަމުން ގެންދެ އެވެ.

އަދި ސައޫދީ ވިރާޘީ ރަސްކަމުގެ ނިޒާމާދެކޮޅަށް ބައެއް ރައްޔިތުން ކުރާ އިޙްތިޖާޖްތަކާއި އިދިކޮޅު ޙަރަކާތްތައްވެސްސޯޝަލް ނެޓްވާކްތަކުގެ އެހީގައި ސައޫދީ ރައްޔިތުން އެހެންގައުމުތަކުގެ ރައްޔިތުންނާ ޙިއްސާ ކުރަމުން ގެންދެ އެވެ.

އަދި ސޯޝަލް ނެޓްވާކްތައް ބޭނުންކުރާ ސައޫދީ ބައެއް ރައްޔިތުން އެގައުމުގައި ޑިމޮކްރަސީ ނެތްކަމަށްބުނެ ދިމުޤްރާތީ އިސްލާޙްތަކަށް ގޮވާލައި ވާހަކަ ދައްކައި ޓްވީޓްތައް ކުރަމުންގެންދާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. ފޭސްބުކާއި ޓްވިޓާ ފަދަ ސޯޝަލް ނެޓްވާކްތަކަކީ ދުނިޔޭގެ އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފްވުމަށް ހެޔޮގޮތުގައި ބޭނުންކުރެވެންއޮތް އެއްޗަކަށް ވިޔަސް ނުރައްކާތެރި ފިކުރުތަކާއި ފަނާކުރަނިވި ލާދިނީ ވިސްނުންތައް ފެތުރުމަށާއި ބަދުއަޚްލާޤީ ޢަމަލުތަކަށް މަގުފަހިކުރުމަށް ވެސް މިނެޓްވާކްތަކުގެ ބޭނުން ފުޅާއިރާއެއްގައި ކުރެވެމުންދެ އެވެ.

ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތައް ސިޔާސީ ހަތިޔާރަކަށް ހަދައިގެން ބައެއް ފަރާތްތަކުން ފަތުރަމުންގެންދާ ފިކުރުތަކާގުޅިގެން ގައުމުތަކަށް އަންނަމުންދާ ފިތުނައިގެ ބޮޑެތި "ކޮޅިގަނޑު"ތަކުގެ ސަބަބުން އިސްލާމީ އެތަށް ގައުމެއް އިޖްތިމާއީ ގޮތުންނާއި އަޚްލާޤީ ގޮތުންނާ އަދި މާއްދީގޮތުން ހަލާކުވަމުންދާމައްސަލައާބެހޭ ގޮތުން ސަޢޫދީ މީޑިޔާގެ ބައެއް ޕްރޮގްރާމްތަކުގައި އެގައުމުގެ މަސްއޫލުވެރިން ވާހަކަ ދައްކަވަމުން ގެންދަވަ އެވެ. އަދި ޢިރާޤާއި ސޫރިޔާ ފަދަ ބައެއް އިސްލާމީ ގައުމުތައް ޑިމޮކްރަސީއާއި އިސްލާޙުގެ ނަމުގައި ލޭއޮހޮރުވުންބޮޑު އަހްލީ ހަނގުރާމައަށްވެއްޓި އެދެގައުމުގެ ރައްޔިތުން އެއްބަޔަކު ފަނާވެ ގިނަބަޔަކު ޙާލުގައިޖެހި ގައުމުގެ ބޮޑުބައެއް ވީރާނާވެފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި ފިކުރީ ސެކިއުރިޓީ ސައޫދީ އަރަބިޔާއަށް މުހިއްމު ކަމާބެހޭ ގޮތުން "އަމުރު މަޢްރޫފްކޮށް މުންކަރާތްތައް ނަހީކުރާ ސައޫދީ އިދާރާ" ގެ ވެރިޔާ ޢަބްދުއްލަތީފް އާލުއްޝައިޚް ދާދިފަހުން ވާހަކަ ދައްކަވާފައިވެ އެވެ.

އަނެއްކޮޅުން ޢަރަބި ބައެއް ގައުމުތަކުގައި ދިގުލީ ވެރިކަންތައް ކުރަމުން ގެންދިޔަ ޚުދުމުޚްތާރު ވެރިންނާ ދެކޮޅަށް ޢަރަބި ސްޕްރިންގް ނަމުގައި އެގައުމުތަކުގެ ރައްޔިތުން އުތުރިއަރައި ތޫނިސް އާއި މިސްރާއި ލިބިޔާގެ ދިގުލީ ވެރިކަމުގެ ނިޒާމުތައް ވައްޓާލާފައިވެ އެވެ. އެހެންކަމުންސައޫދީ އަރަބިޔާގެ ރައްޔިތުންގެ ތެރެއިން އެކޮޅިގަނޑު ސައޫދީ ރަސްކަމުގެ ނިޒާމާ ދެކޮޅަށް އަތުވެދާނެ ކަމުގެ ބިރު އެގައުމުގެ ޝާހީ ޢައިލާ އިޙްސާސްކުރަމުން ގެންދާކަމަށާ ސޯޝަލްނެޓްވާކްތަކަކީ މިފަދަކަންކަމަށް މަގުފަހިކުރުމުގެ ވަސީލަތެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)