17 May 2013, 13:26
ވޮޝިންޓަން (މޭ 17): އައިފޯނާއި އައިޕެޑް ފަދަ ސްމާޓް ފޯނާއި ސްމާޓް ކޮންޕިއުޓަރުގެ ބާވަތްތައް އުފައްދާ އެމެރިކާގެ މަޝްހޫރު އެޕަލް ކުންފުނީގެ ވެރިޔާ ޓިމް ކުކް އާއެކު ކޮފީ ބޯލުމުގެ ފުރްސަތެއް ހޯދުމަށް މީހަކު 6 ލައްކަ 10 ހާސް އެމެރިކާ ޑޮލަރު ޚަރަދުކޮށްފި އެވެ.
އެޕަލް ކުންފުނީގެ ވެރިޔާއާ އެކު ކޮފީބުއިމަށް 6 ލައްކަ 10 ހާސް އެމެރިކާ ޑޮލަރު ޚަރަދުކުރި މީހާގެ ނަން މިކަން އިންތިޒާމްކުރި ފަރާތުން ހާމަކޮށްފައެއްނުވެ އެވެ. މިމީހާ މިފުރްސަތު ހޯދީ "ޗެރިޓީ ބަޒް" ނަމަކަށްކިޔާ ވެބްސައިޓެއްގައި މިކަން ބައިނަލްއަޤްވާމީ ނީލަމަށް (އޮކްޝަނަށް) ހުޅުވާލުމުން މި ނީލަން ކާމިޔާބުކޮށްގެންނެވެ. އެޕަލް ކުންފުނީގެ ވެރިޔާއާ އެކު ކޮފީ ބުއިމުގެ ނީލަން ފެށޭ އަގެއްގެ ގޮތުގައި "ޗެރިޓީ ބަޒް" އިން އިޢްލާންކުރި އަގަކީ 50 ހާސް އެމެރިކާ ޑޮލަރެވެ. ނަމަވެސް މިނީލަމުގައި ބައިވެރިވި މީހުން ނީލަމުގައި މިފުރްސަތުގެ އަގު މަތިކުރަމުން ގެންގޮސް އެންމެފަހުން ނީލަން ނިންމާލި އިރު މިފުރުސަތުގެ އަގުވަނީ 6 ލައްކަ 10 ހާސް އެމެރިކާ ޑޮލަރަށް މައްޗަށް އަރާފަ އެވެ.
އެޕަލް ކުންފުނީގެ ވެރިޔާ ޓިމް ކުކް އާއެކު ކޮފީ ބޯލުމުގެ ފުރްސަތު ހޯދި މީހާ މިކަމަށް ދިން ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ އަދާލަތާއި އިންސާނީ ހައްޤުތަކުގެ ނަމުގައި މަސައްކަތްކުރާ އެމެރިކާ މަރުކަޒެއް ކަމަށްވާ "ރޮބަޓް ކެނެޑީ ސެންޓަރ ފޯރ ޖަސްޓިސް އެންޑް ހިޔުމަން ރައިޓްސް" އަށެވެ. މިނީލަމުގައި 86 ފަރާތަކުން ބައިވެރިވި އިރު މީގެތެރޭގައި ގިނައީ އެޕަލްކުންފުންޏާ އެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގަމުން ގެންދާ ކުންފުނިތަކާއި އަދި އެކުންފުންޏާ އެކު މިފަދަ މުޢާމަލާތްތައް ހިންގަން ބޭނުންވެފައިތިބި ކުންފުނިތަކެވެ. ބައިނަލްއަޤްވާމީ ނީލަމުން ލިބުނު މިފުރްސަތުގައި ޓިމް ކުކް އާއެކު ކޮފީ ބުއިން ބޭއްވުމަށް ހަމަޖެހިފައި ވަނީ ކެލިފޯނިޔާގައި ހުންނަ އެކުންފުނީގެ މައި މަރުކަޒުގަ އެވެ.
ކޮފީގެ މިފުރްސަތަށް ކަނޑައެޅިފައިވާ ވަގުތަކީ ބައިގަޑިއާއި އެއްގަޑީއިރާ ދެމެދެވެ. މިފުރްސަތު ހޯދިމީހާ ކެލިފޯނިޔާއަށް ދިޔުމާއި ހުރުމުގެ ޚަރަދު ހަމަޖައްސަންޖެހެނީ އަމިއްލައަށެވެ. ނޫނީ އޭނާ ސްޕޮންސަރ ކުރާފަރާތުންނެވެ. ނަމަވެސް މިކޮފީގައި އޭނާ ބޭނުންވާ އިތުރު އެކަކު ހިލޭ ބައިވެރިކުރުމުގެ ފުރްސަތު މި ނީލަމުގެ ދަށުން ލިބިފައިވެ އެވެ. އެޕަލް ކުންފުންޏަކީ އެމެރިކާގެ އެންމެ މުއްސަނދި އަދި އެންމެ މަޝްހޫރު އެއްކުންފުންޏެވެ.
އެޕަލް ކުންފުނީގެ ކުރީގެ ވެރިޔަކީ އެކުންފުނި ވުޖޫދަށްގެނައި މުއައްސިސް ސްޓީވް ޕޯލް ޖޮބްސް އެވެ. އޭނާއަކީ ޢަރަބި ދަރިކޮޅުގެ އެމެރިކާ ރައްޔިތެކެވެ. ސްޓީވް ޕޯލް ޖޮބްސްގެ އަސްލު ނަމަކީ ޢަބްދުލްފައްތާޙް އެވެ. އޭނާގެ ބައްޕައަކީ އަރަބި ގައުމެއް ކަމަށްވާ ސޫރިޔާގެ މުސްލިމް ރައްޔިތެކެވެ. ސްޓީވްގެ މަންމައަކީ އެމެރިކާގެ ދޮންނަސްލުގެ މީހެކެވެ. ސްޓީބް ޖޮބްސް ކުޑައިރުއްސުރެ ބަލައި ތަރްބިއްޔަތުކުރީ އެމެރިކާގެ ނަސާރާ ޢާއިލާއަކުންނެވެ. އެހެންކަމުން އޭނާ އުފެދި ބޮޑުވީ ނަސާރާއެއްގެ ގޮތުގައެވެ. ކެންސަރު ބަލީގައި 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ސްޓީވް ޖޮބްސް މަރުވުމުން އެކުންފުނީގެ ވެރިއަކަށް ހަމަޖައްސާފައިވަނީ ޓިމް ކުކް އެވެ. (ނޫސްއެޖެންސީތައް)