ބިއުޓީ ސްލީޕް އަކީ ހަގީގަތުގައި ވެސް ރީތިކަން ދަމަހައްޓަން ކޮންމެހެން މުހިއްމު ކަމެކެވެ. ރޭގަނޑު ނިދާފަ އޮންނަ ގަޑި އަކީ ދުވާލު ހަންގަނޑަށް ލިބިފައި ހުންނަ ގެއްލުންތަކަށް ފަރުވާ ލިބޭ ވަގުތެވެ. މި ގަޑި އަކީ ހަންގަނޑު އިތުރަށް ފުރިހަމަވާން ލިބޭ ވަގުތެކެވެ. އެހެން ކަމުން ރޭގަނޑު ނިދާއިރު ނިދި ހަމަ ކުރުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އެއިރުން ހެނދުނު ހޭލާއިރު ހަންގަނޑު ހުންނާނީ ތާޒާކޮށް އުޖާލާކޮށެވެ.

• ބިހިނެގުމުން ސަލާމަތްވުން
ގިނައިން ނިދާ ކަމަށް ވާނަމަ ހަންގަނޑު ސާފުކޮށް ހުންނާން އެހީއަކަށްވެ އެވެ. އެހެނީ ނިދި ހަމަ ނުވާ ކަމަށް ވާނަމަ، މީހާ "ސްޓްރެސް" ވާނެއެވެ. ސްޓްރެސް ވުމުގެ ސަބަބުން ބިހި ނެގުން އިތުރުވާނެ އެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ކިޔަވާ ކުދިންގެ އިމްތިހާން ދުވަސްވަރު ބިހި ނަގާވަރު އެހެން ދުވަސްވަރަށް ވުރެ އިތުރުވެ އެވެ.

• ލޯ ރީތި ކޮށް ބެހެއްޓުމަށް
ވިދާ ބަބުޅާ ލޮލެއް ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ލޯ ކައިރި ކަޅުވުމަކީ ލޮލުގެ ރީތިކަން ފޮރުވިގެން ދާނެ ކަމެކެވެ. ބައެއް މީހުންގެ ލޯކައިރި ކަޅުވުމަކީ އާއިލީ ގޮތުން ވާރުތަ ވެފައިވާ ކަމަކަށް ވިއަސް، ނިދިހަމަ ނުވާކަމަށް ވާނަމަ ލޯކައިރި އިތުރަށް ކަޅުކަމަށް ދައްކާނެއެވެ. މިބައި ފޮރުވުމަށް ލޯކައިރީ "އައި ކްރީމް" އެއް ބޭނުން ކުރުމަށްފަހު ހަމުގެ ކުލައަށްވުރެ ދެ ޝޭޑް ކުލަ މަޑު ކޮންސީލަރ އެއް ހާކާށެވެ. (މޭކަޕް ސާމާނު ވިއްކާ ފިހާރަތަކުން ކޮންސީލަރ ގަންނަން ލިބެން ހުންނާނެ އެވެ. ކޮންސީލަރ އަކީ އާންމު ގޮތެއްގައި މޫނުގައި ހުންނަ ލަކުނު ތަކާއި މޫނުގެ ހަމުގެ ކުލަ އެއްވަރު ނޫން ކަމަށް ވާނަމަ ނުވަތަ ލޯކައިރި ކަޅުކަމަށް ވާނަމަ ފައުންޑޭޝަން މޫނުގައި ހޭކުމުގެ ކުރިން ހާކާ އެއްޗެކެވެ.)

ނިދާ ހޭލާއިރު ލޯ ދުޅަކޮށް ހުންނަ ކަމަށް ވާނަމަ އެއީ ނިދާއިރު ބޯ ތިރިކޮށް ބާއްވައިގެން ނިދުނީމާ ލޮލުކައިރީގައި ފްލުއިޑްސް ޖަމާވެގެން ކަމަށް ވެދާނެ އެވެ. މިއަށް ހައްލެއްގެ ގޮތުން ބޯދަށަށް ބާލިސް ލައިގެން ނިދަން އާދަކުރާށެވެ. މިގޮތުން ވެސް ލޯ ދުޅަވާ ކަމަށް ވާނަމަ ހެނދުނު ހޭލައިގެން ފިނި ފެން ފޮތިކޮޅެއް އެކެއް ނުވަތަ ދެ މިނިޓް ވަންދެން ލޯމަތީ ބާއްވާލާށެވެ.

• މޫނުގެ ހަމުގެ ކުލަ އެއްވަރުކޮށް ބެހެއްޓުން
ނިދި ހަމަ ނުވާ ކަމަށް ވާނަމަ ނުވަތަ ހޭލާ އުޅުނު ރެއެއް ކަމަށް ވާނަމަ އަމިއްލައަށް ވެސް ހެނދުނު މޫނު ބަލައިލާ އިރު މޫނުގެ ކުލަ އެއްވަރު ނޫންކަން އިހްސާސް ވާނެއެވެ. މޫނުގައި ދިރުމެއް ނުހުންނާނެ އެވެ. މިހެން ދިމާވަނީ ރަނގަޅަށް ނުނިދުމުގެ ސަބަބުން ހަމަށް ދަތުރުކުރަންޖެހޭ ލޭތައް ދަތުރު ނުކުރެވޭތީ އެވެ. މިކަހަލަ ދުވަހެއްގައި ނަމަ މޫނުގައި ފައުންޑޭޝަން ހޭކުމުން އެކަން ފޮރުވޭނެ އެވެ. އަދި ޓްރާންސްލޫސެންޓް ފުށެއް ޖަހާށެވެ. މޫނު ރަތް ކަމަށް ފާހަގަ ވާނަމަ "ގްރީން ޓިންޓެޑް" ފުށެއް ބޭނުން ކުރާށެވެ. (ފައުންޑޭޝަން އާއި ޓްރާންސްލޫސެންޓް ފުށަކީވެސް މޭކަޕް ސާމާނު ވިއްކާ ފިހާރަތަކުން ލިބެން ހުންނަ ތަކެއްޗެވެ. އާންމު ގޮތެއްގައި މޫނު ރަތްވާ ނަމަ "ގްރީން ޓިންޓެޑް" ފުށެއް ގަންނާށެވެ. މި ވައްތަރު ފުށް ހުންނާނީ ފެހި ކުލައިގައެވެ.)

• މީހާ ތާޒާކަމަށް ފެނުން
ނިދި ހަމަ ނުވެ ހުއްޓަސް ދުވާލު ކުރާ ކަންތައްތަކުގައި ޝާމިލް ވެގެން އުޅޭއިރު ގިނަ ފަހަރު އަމިއްލަ އަށް އެކަމުގެ އިހްސާސް ނުވިއަސް ތިމާގެ ރައްޓެހިންނާއި، އާއިލާ މީހުން އަދި ވަޒީފާގެ މާހައުލުގައި އެކީގައި އުޅޭ މީހުނަށް މިކަން ދެނެގަނެވެ އެވެ. ދިރާސާ އަކުން އެނގިފަވާ ގޮތުގައި އަށް ގަޑި އިރު ހަމައަށް ނިދާފަ ހުންނަ މީހުން ނިދި ހަމަނުވާ މީހުނާ އަޅާ ބަލާއިރު ފެންނާނީ ތާޒާކޮށް އުޖާލާކޮށް އުފާވެރިކޮށެވެ.

• ލޮނުން ދުރުވުން
ރޭގަނޑު އާންމު ގޮތެއްގައި ބަނޑުހައިވާ ކަމަށް ވާނަމަ އެންމެ ރަނގަޅީ މޭވާއެއް ކައިލުމެވެ. ލޮނުލީ އެއްޗެހި ކެއުމަށްފަހު ނިދައިފި ކަމަށް ވާނަމަ ހެނދުނު ހޭލާއިރު މޫނު ދުޅަ ވެފައި ހުރެދާނެ އެވެ.

• ތާފަނާ ފެނުން ފެންވެރުން
ނިދަން އުނދަގޫ ނަމަ، ނިދުމުގެ ކުރިން ތާފަނާ ފެނުން ފެންވަރާލާށެވެ. މިކަމުން ނިދަން ފަސޭހަ ވުމަށް ވުރެ އިތުރުން ހަމަށް ވެސް ވަރަށް ބޮޑަށް ފައިދާ ކުރާނެއެވެ.

• ރެޓްނޮއިޑްސް ރޭގަނޑު ބޭނުން ކުރުން
ރެޓްނޮއިޑްސް ހިމެނޭ ޕްރޮޑަކްޓްސް (ވިޓަމިން އޭ ހިމެނޭ) އަކީ މޫނުގައި ޖެހޭ ރޫތައް ނައްތާލުމަށް ބޭނުން ކުރެވޭ އެންމެ ފައިދާ ކުރާ ޕްރޮޑަކްޓްސް ތަކެވެ. ރޭގަނޑު ނިދުމުގެ ކުރިން މި ޕްރޮޑަކްޓް މޫނުގައި ހާކަން އާދަކުރާށެވެ. ރެޓްނޮއިޑްސް އަކީ ހަންގަނޑު ސެންސިޓިވް ކުރާ އެއްޗެއް ކަމުން ދުވާލު ގަޑީގައި މޫނުގައި ހާކައިގެން އަވީގައި އުޅުމުން މޫނު ރަތްވެ ލަކުނު ލާނެ އެވެ.

• މޫނުގައި ރޫޖެހުން މަދުކުރަން ބޭނުން ކަމަށް ވާނަމަ ނިދާއިރު ބަންޑުން ނުނިދާށެވެ. މޫނު ބާލީހުގައި ޖައްސައިގެން ނިދުމުން އެދެވެނީ މޫނުގައި ރޫތައް ޖެހުމަށް ފުރުސަތު ތަކެވެ. މި ނޫން ގޮތަކަށް ނިދަން އުނދަގޫ ނަމަ، ސެޓިން ފޮތީގެ ބެޑްޝީޓް ނުވަތަ ބާލިސް އުރަ ބޭނުން ކުރާށެވެ. އެއީ ކޮޓަން ފޮއްޗަށް ވުރެ ސެޓިން ފޮތިމަތީގައި ނިދުމުން ހަމަށް ލިބޭ އަރާމު ބޮޑުވާނެ އެވެ.

• ނިދުމުގެ ކުރިން އަތާއި ފައިގައި ބަޓަރ ކްރީމް ނުވަތަ ހީލިން އޮއިންޓްމެންޓެއް ހާކާށެވެ. އަދި ނިދާ ހޭލާ އިރު ފައި މަޑުކޮށް ބަހައްޓަން ބޭނުން ނަމަ ކްރީމް ހޭކުމަށްފަހު އިސްޓާކީނެއް ލައިގެން ނިދާށެވެ.

• ނިދުމުގެ ކުރިން ފެންތަށްޓެއް ބޯލާށެވެ. އަބަދުވެސް ހުރިހާ އިރަކު ވެސް ރީތި ކަން ދެމެހެއްޓުމަށް ފެންބުއިމަކީ އެންމެ މުހިއްމު ކަންތަކެވެ.