ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާނީ އައްޑޫ ބޭފުޅެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އެމަނިކުފާން ދައްކަވާ ވާހަކަފުޅު ބަދަލުކުރައްވާ ބޭފުޅެއް ނޫން ކަމަށާއި އެހެން ކަމުން ކުރިން ވެސް ވިދާޅުވެފައިވާ ފަދައިން ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާނީ އައްޑޫ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑު ދައްކާ ވާހަކަ ބަދަލެއް ނުކުރާނަން އިގޭތޯ. ހަމަ އެކަން އެގޮތަށް ކުރިއަށް ގެންދެވޭތޯ އިރާދަކުރެއްވީއްޔާ ބަލާނަން." ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ ކެންޑިޑޭޓުން ރަސްމީކޮށް އިއުލާން ކުރުމުގެ ކުރިން ބައެއް ސިޔާސީ ޕާޓީތަކުން ރަނިންމޭޓުން ކަނޑައަޅަމުންދާ ދިއުމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ބައެއް ސިޔުސީ ޕާޓީތަކުން ރަނިންމޭޓުން މިހާ އަވަހަށް ކަޑައަޅަމުން ދަނީ އެ ޕާޓީތަކުން ކުރިއަށް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަމުންދާކަން ދެއްކުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ބައެއް ސިޔާސީ ޕާޓީތަކުން މިހާ އަވަހަށް ރަނިންމޭޓުން ކަނޑައަޅަން ޖެހިގެން މިއުޅެނީ އެބޭފުޅުންގެ ކެމްޕޭނެއް ހިގަމުންދާކަން ދެއްކުމަށް ޓަކައި. ކެމްޕޭނެއް ނުހިނގާތީ ހިތަށް އަރަނީ އެއް ވެސް ކަމެއް ނުނހިގައޭ ހަބަރަކަށް ވެސް ނާރައޭ. އެހެންވީމާ ކެމްޕޭނެއް ހިނގާކަން ދެއްކުމަށްޓަކައި އެކި ޕާޓީތަކުން އެކިބޭފުޅުން ރަނިންމޭޓުން ކަނޑައަޅުއްވަމުން އެބަގެންދަވާ." ރައީސް ނަޝީދު ވިދާޅުވި އެވެ.