17 May 2013, 10:48
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ރެކޯޑް މިންވަރަކަށް ފައިދާވެ ކޮންމެ ހިއްސާސަކަށް 75ރ. ބަހަން އެ ކުންފުނިން ނިންމައިފި އެވެ.
ޓްރޭޑާސް ހޮޓެލްގައި ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި، ހިއްސާއަކަށް 75ރ. ބަހަން ފާސްކުރީ އެ ޖަލްސާގައި ވޯޓްދިން 653 ހިއްސާ ދާރުންގެ ތެރެއިން 543 ވޯޓުންނެވެ.
ހިއްސާދާރުންގެ ފަރާތުން ރަނގަޅު ތަރުހީބެއްލިބުނު އަދި މިހާތަނަށް އެސްޓީއޯގެ ތާރީހުގައި އެންމެ ގިނަ ހިއްސާދާރުން ބައިވެރިވި އެ ޖަލްސާގައި އާދައިގެ މަތިން 2011 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި އަދި 2012 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި މިދިޔަ އަހަރުގެ ބެލެންޝީޓް ފާސްކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތް އަހަރުގެ އޯޑިޓް ކުރާނެ ފާމެއް ވެސް ވަނީ ޖަލްސާގައި ފާސްކޮށްފަ އެވެ. އެގޮތުން މިދިޔަ ފަސް އަހަރެކޭ ވެސް އެއްގޮތަށް އެކްސްޓާނަލް އޯޑިޓް ފާމެއްގެ ގޮތުގައި ހަމަޖެއްސީ ޕްރައިސް ވޯޓާ ހައުސް ކޫޕާޒް އެވެ. އެއީ 32000 ޑޮލަރަށެވެ.
ފޯރި ގަދަ އަދި ނަތީޖާ އާންމުކުރުން ދިގުލައިގެން ދިޔަ އިންތިހާބަކަށް ފަހު ރޭގެ ޖަލްސާގައި އާންމު ހިއްސާ ދާރުންގެ ތެރެއިން ބޯޑަށް އިންތިހާބުވީ މިދިޔަ އަހަރު ވެސް އެ މަގާމު ފުރުއްވަމުން ގެންދެވި މުހައްމަދު ފަރުސަތު އެވެ. އެއީ އޭނާ އާއި އެންމެ ބޮޑަށް ވާދަކުރެއްވި މއ. ފޮސީތިއާ، މަރިޔަމް ޝެނިން އަށް ވުރެ އިތުރަށް އެންމެ ވޯޓެއް ހޯދައިގެން 323 ވޯޓުންނެވެ.
ރޭގެ ޖަލްސާގައި މީގެ ކުރިން އެސްޓީއޯގެ ބޯޑް ޑިރެކްޓަރުންގެ މުސާރާގެ އިތުރުން ކޮންމެ ސިޓިން އަކަށް ދޭ 500ރ. ގެ ބަދަލުގައި އެއަދަދު 2000ރ. އަށް އިތުރުކުރުމަށް ހުށައެޅުމުން އެއިސްލާހް ވަނީ ފާސް ނުވެފައެވެ. އެ އިސްލާހު ފާސްނުވީ ވޯޓްލީ 653 ހިއްސާދާރުންގެ ތެރެއިން 365 ހިއްސާދާރުން އެކަމާ ދެކޮޅު ހެދުމުންނެވެ.
ގާތްގަނޑަކަށް ރޭ 10:00 އިން ފެށިގެން ރޭ މެންދަމް 2:30ގެ ނިޔަލަށް ދިގުދެމިގެން ދިޔަ އެ ޖަލްސާގައި ހިއްސާދާރުން ވަނީ އެ މީހުންގެ ހިޔާލްތައް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ކުންފުނިން ރައްޔިތުންނަށްޓަކައި އިތުރަށް ބައެއް ކަންކަން ކޮށްދިނުމަށް ބައެއް ހިއްސާދާރުން ހިޔާލް ފާޅުކުރިއިރު ގިނަ ހިއްސާދާރުން ވަނީ އެސްޓީއޯ އިން ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް އެކުންފުނީގެ މެނޭޖުމަންޓަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަ ދައްކާފަ އެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުގައި، އެކުންފުއްޏަށް މިދިޔަ އަހަރުވަނީ އާމްދަނީގެ ގޮތުގައި 9.1 ބިލިއަން ރުފިޔާ ލިބިފައެވެ. އެހެންކަމުން އެއީ 2011 ވަނަ އަހަރަށްވުރެ 33 ޕަސެމްޓްގެ ކުރިއެރުމެކެވެ. އަދި 2011 ވަނަ އަހަރު 147 މިލިއަން ރުފިޔާގެ ސާފު ފައިދާވި ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 158 މިލިއަން ރުފިޔާއެވެ. މިއީ ރެކޯޑް މިންވަރެއްގެ ކުރިއެރުމެކެވެ.