ރާއްޖޭގެ ރަށްތަކަށް އަނބުމޫސުމް ލައިގަތުމާ އެކު ބާޒާރުގައި އަނބުގެ ގިނަވެ އަނބުގެ ބަހާރު މޫސުމެއް އަތުވެއްޖެ އެވެ.

މާލޭ މާރުކޭޓަށް އަނބު އެންމެ ގިނައިން ގެންނަ އެއް ރަށް ކަމަށްވާ ފުވައްމުލަކުގެ އަނބު ވިޔަފާރިވެރިންނާ ސުވާލު ކޮށްލުމުން ބުނީ ވޭތުވެ ދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ އަނބު އެ ރަށުން މާލެ ގެނެސްފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ގިނަ އަދަދެއްގެ އަނބު މާލެ ގެންނާނޭ ކަމަށެވެ.

ބާޒާރުމަތީގައި އިއްޔެ އަނބު ގަންނަން ލިބެން ހުރީ 1ރ.، އާއި 7ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެއީ ވޭތުވެދިޔަ ދެ ހަފްތާއެއްހައި ދުވަހުގެތެރޭގައި ބާޒާރުގައި އަނބު ލިބެން ހުރި އަގާއި އަޅާ ބަލާއިރު އެވްރެޖްކޮށް އަނބަކުން 2ރ. ނުވަތަ 4 ރ. ވަރުގެ ހެޔޮ އަގެކެވެ.

އަނބުގެ ވިޔަފާރި ކުރާ ފުވައްމުލަކު މީހަކު ބުނީ މިހާރު ރާއްޖެ އަށް ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން އަނބުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އެ ރަށުގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި އަދި މޫސުން ގޯސް ވުމުގެ ސަބަބުން އަނބު މާލެ ގެނައުމުގައި ވެސް ދަތިތަކެއް ކުރިމަތި ވަމުންދާ ކަމަށެވެ.

ބާޒާރުގައި އަނބުގެ އިތުރުން ފަޅޮލުގެ އަގުތައް ވެސް އިއްްޔެ ވަނީ ހެޔޮވެފަ އެވެ. އެގޮތުން ކުރިން 15ރ. އަދި 12ރ. އަށް ކިލޯއެއް ވިއްކި ފަޅޯ ކިލޯއެއްގެ މިހާރުގެ އަގު ހުރީ 7ރ. އާއި 9ރ. އަށް ކިލޯ އެކެވެ.