ގަސްދުގައި މީހުން މެރުމުގެ މައްސަލަތައް ރެކޯޑު އަދަދަކަށް ފާއިތުވި އަހަރު އިތުރު ވިނަމަވެސް އޭގެ ކުރިން ވެސް އެފަދަ އެތަކެއް ހާދިސާއެއް ހިނގާފައިވެ އެވެ.

ފާއިތުވި އަހަރުތަކުގައި ހިނގާފައިވާ މަރުތަކުގެ މައްސަލަތަކުގެ ތެރެއިން ބައެއް މަރުތަކުގެ ހަގީގަތް ފުލުހުންނަށް ހޯދިފައެއް ނުވެ އެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ އެއް ހާދިސައަކީ މީގެ އަހަރުތަކެއް ކުރިން މާފަންނު ކާނޭޝަންމަގު ސަރަހައްދުގައި ބަނގްލަދޭޝް މީހެއްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލަ އެވެ. އެ ޖަރީމާ ހިންގީ ކޮންބައެއް ކަމެއް މިހާތަނަށް ފުލުހުންނަށް ހޯދިފައެއް ނުވެ އެވެ.

މަރުގެ މައްސަލަތަކާއި ތޫނު ހަތިޔާރުން މީހުންނަށް ހަމަލާދިނުމުގެ މައްސަލަތަކުގެ ތެރެއިން ޝަރީއަތަށް ސާބިތުވާ މައްސަލަތަކުގެ ނިސްބަތް މަދުކަމަށް ފާހަގަ ކުރެވެ އެވެ. ޝަރީއަތަށް ސާބިތުމުން އެކަމުން އެނގިގެން ދަނީ ފުލުހުން ކުރި ބުރަ މަސައްކަތެވެ. ހަމައެއާ އެކު މިފަދަ ބޮޑެތި މައްސަލަތައް ޝަރީއަތަށް ސާބިތު ނުވާއިރު އެކަމުގައި ފުލުހުންނަށް އެންމެ އެދެވޭގޮތުގައި މަސައްކަތް ކުރެވިފައި ނެތްކަން މިހާތަނަށް ޝަރީއަތުން ހުކުމް އިއްވި ބައެއް މައްސަލަތަކަށް ބަލާއިރު ވެސް އެނގެން އެބައޮތެވެ.

ތޫނުހަތިޔާރުން ހަމަލާދީ މީހުން މަރާލުމުގެ ހާދިސާއެއް ހިނގުމުން އެކަމުގައި އެންމެ އަވަސް ވެގަންނަން ޖެހޭ ކަމަކީ އެ މަންޒަރު ފެނުނު ބަޔަކު ވޭތޯ އެވެ. އެފަދަ ބަޔަކު ތިބި ނަމަ އެ މީހުންގެ ބަޔާން ނެގުމެވެ. އެއީ ތަހުގީގަށް ލިބޭ ވަރަށް ބޮޑު ކުރި އެރުމެވެ. ނަމަވެސް މަރުގެ މައްސަލަތައް ތަހުގީގު ކުރުމުގައި ބައެއް ފަހަރު ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ކަން ބޮޑުވާން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ޖިނާއީ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލުން ވެސް ގެންދަނީ ވިދާޅުވަމުންނެވެ.

ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވި ގޮތުގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު މަރާލާ އިރު އެ މަންޒަރު ފެންނަ މީހުން ކިޔައިދޭ ވާހަކަތަކަކީ އެ މައްސަލަ ޝަރީއަތަށް ސާބިތުވުމަށް ލިބޭ ވަރަށް ބޮޑު ހެއްކެކަށްވާ އިރު އެކަމުގައި މަންޒަރު ފެނުނުކަމަށް ބުނެ މީހަކު ތަހުގީގަށް ބަޔާންދޭ އިރު އެމީހާ އެ ހަދަނީ ދެތުކަން ބެލުމަށް މަސައްކަތްތަކެއް ކުރަންޖެހެ އެވެ. އެހެން ނޫނީ އެ މައްސަލައެއް ޝަރީއަތަށް ސާބިތުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެގެންދާ ކަމަށާއި އެފަދަ ބައެއް ކަންކަން މީގެ ކުރިން ދިމާވެފައި ހުރިކަމަށް ވެސް ޝާއިރު ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް ތޫނުއެއްޗަކުން ހަމަލާދީ މީހަކު މަރާލާ އިރު އެ މަންޒަރު ދުށްމީހަކު ހުރިނަމަ އެމީހަކު ޝަރީއަތުގައި ކިޔައިދޭ ވާހަކަތަކަކީ އެ މައްސަލަ ޝަރީއަތަށް ސާބިތުކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ހެއްކެއް. މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މީހަކު މަރާލާއިރަށް އެ މަންޒަރު ނުފެންނަ ބަޔަކު ފުލުސް އޮފީހަށް ގޮސް އެ މަންޒަރު ފެނުނު ކަމަށް ބުނެ ދޮގު ބަޔާނެއް ފުލުހުންގެ ތަހުގީގަށް ދޭތަން. މަންޒަރު ފެނުނު ކަމަށް ބުނެ ބަޔަކު ފުލުހުންގެ ތަހުގީގަށް ބަޔާންދޭ ކަމަށްވާ ނަމަ އެބަޖެހޭ އެމީހުން އެ ދެނީ ދެތުބަޔާނެއްކަން ކަށަވަރު ކުރުމަށް ޒާމާނީ ޓެކްނޮލޮޖީގެ އަލީގައި އެމީހެއްގެ ފޯންކޯލް ރެކޯޑްސް ބަލައިގެން އެ ހާދިސާ ހިނގި ސަރަހައްދުގައި އެމީހަކު ހުރިތޯ ބަލަން. އެކަމަކު އެކަމެއް ފުލުހުން ނުކުރޭ،" ޝާއިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ތަހުގީގުތަށް ބިނާކުރަން ޖެހޭނީ އެމީހާ ދިފާއުވުމަށް ޓަކައި ޝަރީއަތުގައި ދައްކާނެ ވާހަކަތަކުގެ މައްޗަށާއި ތުހުމަތު ކުރެވިފައިވާ މީހަކީ ކުށް ނުކުރާ މީހެއް (އިނޮސެންޓް) ކަމަށް ބަލައިގެން އެ ވިސްނުމުގަ އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގުތައް އާންމުކޮށް އަމާޒު ކުރަނީ އެގޮތަށް ނޫން ކަމަށްވެސް ޝާއިރު ވިދާޅުވެ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި އެގޮތަށް ތަހުގީގު ކުރުމުން ތުހުމަތު ކުރެވޭ މީހާގެ ދިފާއުގައި ހުރި ކަންތައްތައް ފުލުހުންގެ ނަޒަރުން ގެއްލިގެން ގޮސް އޭގެ ނަތީޖާއެއްގެ ގޮތުން މައްސަލަ ޝަރުއީ ކޯޓަށް ދާއިރު ފުލުހުންގެ ތަހުގީގުގައި ހުރި ދޯހަޅި ކަންތައްތައް ކޯޓަށް ހުށަހެޅުމުން އެ މީހާގެ މައްޗަށް ކުށް ސާބިތު ނުވެ ދަނީ އެވެ. ނަމަވެސް ތުހުމަތު ކުރެވޭ މީހާއަކީ ކުށް ނުކުރާ މީހެއްކަމަށް ބަލައި ތަހުގީގު ކުރެވިއްޖެ ނަމަ، ހަގީގަތުގައި އެމީހާ ކުށް ކޮށްފައިވާ ނަމަ ކިތަންމެ ވަރުގަދަ ދިފާއީ ވަކީލެއް ދިޔަކަމުގައި ވިޔަސް އެމީހާ ކުށުން ބަރީއަކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް ޝާއިރު ވިދާޅުވެ އެވެ.

ދިފާއީ ވަކީލުންނަކީ ފުލުހުންގެ ތަހުގީގުތަކުގައި ހުރި ދޯހަޅި ކަންތައްތައް އެންމެ ރަނގަޅަށް އެނގޭނެ މީހުންނެވެ. ދިފާއީ ވަކީލުން އެދައްކާ ވާހަތަކާ މެދު ފުންކޮށް ވިސްނައި މުސްތަގުބަލުގައި ތަހުގީގު ކުރިއަށް ގެންދާއިރު އެކަންކަމަށް ފުލުހުން ވިސްނަން ޖެހެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ތަހުގީގުތަކުން ފާހަގަ ކުރެވޭ އުނިކަންތައްތައް ފުލުހުންނަށް ކިޔައިދީ އަދި އަލަށް ތައާރަފްވަމުން އަންނަ ގާނޫނުތަކަށް ފުލުހުން އަހުލުވެރިކުރުވުމަށް ދެ ފަރާތުން ގުޅިގެން ކޮންމެ އަހަރަކު ވެސް މާލެއާއި ރާއްޖޭގެ އެކި އަތޮޅުތަކުގައި އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.

ޕީޖީ އޮފީހުގެ މައިގަނޑު އަމާޒަކީ ފުލުހުންނާ ގުޅިގެން މައްސަލަތައް ޝަރީއަތަށް ސާބިތުކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ފުލުހުންގެ ތަހުގީގުތަކުން ފާހަގަ ކުރެވޭ އުނިކަންތައްތައް ފުލުހުންނަށް ކިޔައިދިނުމަށާއި އަދި އަލަށް ތައާރަފްވަމުން އަންނަ ގާނޫނުތަކަށް ފުލުހުން އަލުވެރިކުރުވުމަށް އަޅުގަނޑުމެން ދެ މުއައްސަސާ ގުޅިގެން މާލެއާ އަތޮޅުތަކުގައި ކޮންމެ އަހަރަކު ވެސް ތަފާތު އެކި ބައްދަލުވުންތައް ބާއްވަން. އަޅުގަނޑުމެންގެ އޮފީހުގެ މައިގަނޑު އަމާޒަކީ ފުލުހުންނާ ގުޅިގެން މައްސަލަތައް ޝަރީއަތަށް ސާބިތު ކުރެވޭ މިންވަރު އިތުރު ކުރުމަށް މަސައްކަތް ކުރުން،" ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ އަހަރު ހިނގާފައިވާ ހާދިސާތަކަށް ބަލާއިރު ފުލުހުންގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް 20 ޕަސެންޓަށް "ވައިލެންޓް ކްރައިމް" މަދުކުރުން ކަމުގައި ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

ފުލުހުންގެ ވެބްސައިޓަށް ރިޔާޒު ދެއްވާފައިވާ ވީޑިއޯ އިންޓަވިއެއްގައި ވިދާޅުވީ އެ މަގާމާއި އޭނާ ހަވާލުވެ ވަޑައިގެންނެވި އިރު ރާއްޖޭގައި ވަރަށް ގިނަ ކުށްތަކެއް ހިނގަމުން ދިޔަ ކަމަށާއި ފުލުހުންގެ މުޅި އިދާރާ އިން ވެސް އެންމެ ފުރަތަމަ އިސްކަމެއް ދީގެން ކުރި ކަމަކީ "އޮޕަރޭޝަނަލް ޕްރައޮރިޓީޒްތަކެއް" ކަނޑައެޅައިގެން ކުށްތައް މަދުކުރުން ކަމަށެވެ.

ކޮމިޝަނަރުގެ އެ ވާހަކަ ކޮޅާ އެކު ރާއްޖެއަކީ ކުށް މަދު އަމާން ގައުމަކަށް ހެދުމަށް ފުލުހުން މަސައްކަތް ކުރަމުން ގެންދާއިރު ކޮންމެ މައްސަލައަކީ ވެސް ޝަރީއަތަށް ސާބިތު ކުރެވި އެކުށް ކުރި މީހާ އަށް ހައްގު އަދަބު ދެވޭނެ ގޮތަށް ފުލުހުންގެ ތަހުގީގުތައް ބިނާކުރަން ޖެހެ އެވެ. މާޒިވެ ދިޔަ ތަނުގައި ލިބުނު ހިތި ތަޖުރިބާތަކުން އިބުރަތް ލިބި ތަހުގީގު ކުރުމުގައި ގެންގުޅެވިފައިވާ ދޯހަޅި ކަންތައްތަކުން ދުރުހެލިވާން ޖެހެ އެވެ. ޑރ. އަފްރާޝީމް އަލީ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސައިން ހުމާމް އަހްމަދު އެތައް ބަޔަކަށް ހަމަލާދީ މަރާފައި ހުންނާނެ ކަމަށް އޭނާ އަމިއްލަ އިއުތިރާފުން އެއްބަސްވުމުން ފުލުހުންގެ ތަހުގީގުތައް ފެންވަރު ރަނގަޅު ކުރަން ޖެހޭ ވަރު އެެނގެ އެވެ.