ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ހުސައިން ނާޝިދު ވިދާޅުވީ ހަމީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފުލުހުން އެދިފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވެވި އަމީން ފައިސަލް އާއި މުހައްމަދު އަސްލަމް ވެރިކަން ބަދަލުވިގޮތާ ބެހޭގޮތުން ނެރުއްވި ރިޕޯޓަށް މައުލޫމާތު ދެއްވިކަމުގެ ތުހުމަތުގައި ކަމަށެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ހަމީދުގެ މައްޗަށް ކުރާ ތުހުމަތަކީ އޭނާ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވި އިރު، ފުލުހުންގެ ބޭނުމަށް އެއްކޮށްފައިވާ މުހިއްމު މައުލޫމާތާއި ގައުމީ ސަލާމަތާ ގުޅުން ހުރި މުހިއްމު މައުލޫމާތުތަކުގެ އިތުރުން ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް އެހެން ބަޔަކަށް މަންފާ ކުރަނިވި ގޮތަކަށް ފޯރުކޮށްދިން ކަމުގެ ތުހުމަތު ކަމަށެވެ.

ނާޝިދު ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރި ކުރުމުން އިތުރު މައުލޫމާތުތަކެއް ފުލުހުންގެ ފަރާތުން ސާފުކުރަން ޖެހޭކަމަށް ފެންނާތީ އެ މައުލޫމާތު ހޯދުމަށް މިހާރު ފުލުސް އޮފީހުގައި އެދިފައިވާ ކަމަށެވެ.

ހަމީދު މިހާރު ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފަ އެވެ. އެ މައްސަލަ އޭނާ ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.