16 May 2013, 23:32
ރާއްޖޭގެ ގާނޫނީ ވަކީލުންގެ ޖަމްއިއްޔާގެ ގޮތުގައި އުފައްދާފައިވާ މޯލްޑިވްސް ބާ އެ ސޯސިއޭޝަންގެ ރައީސް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނާއިބް ހުސްނުއްސުއޫދު އިންތިޚާބުކޮށްފި އެވެ.
ސުއޫދު އެ މަގާމަށް އިންތިޚާބުކޮށްފައިވާ އިރު އެ ޖަމްއިއްޔާގެ ނާއިބް ރައީސަކަށް އިންތިޚާބުކޮށްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލެއް ކަމަށްވާ އާއިޝަތު ފަޒުނާ އަހްމަދު އާއި އިކޮނޮމިކް މިނިސްޓްރީގެ ކޮމްޕެނީ ރަޖިސްޓްރާ އަލީ ޝުޖާއު އެވެ.
ޝީ ބިލްޑިންގައި މިރޭ 8:30 ހާއިރު ބޭއްވި އިންތިޚާބުގައި އެ ޖަމްއިއްޔާގެ ރައީސް ކަމަށް ސުއޫދު އިންތިޚާބުވެވަޑަގަތް އިރު އެމަގާމަށް ކުރިމަތިލައްވާފައި ވެސް ވަނީ އޭނާ އެކަންޏެވެ. މިރޭ ނެގި ސިއްރު ވޯޓުގައި އެ މަގާމުގައި ސުއޫދު ހުންނަން ފެންނަ ކަމަށް ހާޒިރުވެ ތިއްބެވި ހުރިހާ މެންބަރުން ވަނީ އިއްތިފާގު ވެވަޑައިގެންފަ އެވެ.
ނާއިބް ރައީސްގެ މަގާމުގައި ފަޒުނާ ހުންނަން ފެންނަ ކަމަށް 38 ބޭފުޅަކު ވޯޓު ދެއްވާފައިވާ އިރު ޝުޖާއު އެ މަގާމުގައި ހުންނަން ފެންނަ ކަމަށް 37 ބޭފުޅަކު ވޯޓުދެއްވާފައިވެ އެވެ.
ޝީ ބިލްޑިންގައި މިރޭ ބޭއްވި އެ ޖަމްއިއްޔާގެ އިފްތިތާހީ ޖަލްސާގައި ޖަމްއިއްޔާގެ ޖެނެރަލް ސެކްރެޓަރީ ކަމަށް އިންތިޚާބުކޮށްފައި ވަނީ އަނަސް އަބްދުއްސައްތާރު އެވެ. އެ މަގާމަށް އަނަސް އެކަނި ކުރިމަތިލެއްވި އިރު އެ މަގާމުގައި އޭނާ ހުންނަން ފެންނަ ކަމަށް ހާޒިރުވި ހުރިހާ ބޭފުޅުން ވަނީ އިއްތިފާގު ވެފަ އެވެ.
އެ ޖަމްއިއްޔާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމަށް އިންތިޚާބު ކޮށްފައި ވަނީ ޕީޖީ އޮފީހުގެ ވަކީލެއް ކަމަށްވާ އާދަމް އާރިފް އެވެ. އާރިފް އެކަނި އެ މަގާމަށް ކުރިމަތި ލައްވާފައިވާ އިރު އޭނާ އެ މަގާމުގައި ހުންނަން ފެންނަ ކަމަށް 39 ބޭފުޅަކު ވޯޓުދެއްވާފައިވެ އެވެ.
އެ ޖަމްއިއްޔާގެ ޚަޒާންދާރު ކަމަށް މުހައްމަދު ޝަހުދީ އަންވަރު އިންތިޚާބުކޮށްފައިވާ އިރު ޚަޒާންދާރުގެ ނާއިބް ކަމަށް އިންތިޚާބުކޮށްފައި ވަނީ ޕީޖީ އޮފީހުގެ ވަކީލެއް ކަމަށްވާ އާއިޝަތު ހަނާ ވަހީދު އެވެ.
އެ ޖަމްއިއްޔާގެ ހިންގާ ކޮމެޓީގައި ތިއްބަވަނީ ޖުމްލަ 11 މެންބަރުންނެވެ. އެ މެންބަރުންގެ ތެރޭގައި މަގާމްތަކަށް އިންތިޚާބުކޮށްފައިވާ ބޭފުޅުން ވެސް ހިމެނެ އެވެ.
މަގާމުތަކަށް އިންތިޚާބުކޮށްފައިވާ ބޭފުޅުންގެ އިތުރުން ހިންގާ ކޮމެޓީއަށް އިންތިޚާބު ކުރި ހަތަރު މެންބަރުންނަކީ ޕީޖީ އޮފީހުގެ ވަކީލެއް ކަމަށްވާ އާމިނަތު ރާޔާ އަލީ އާއި މީރާގެ ބޮޑު މެންބަރު ހުސައިން ސިރާޖު އާއި ގާނޫނީ ވަކީލު ހަސަން ފަލާހު އަބްދުﷲ ޝިޔާޒު އެވެ.
އެ ޖަމްއިއްޔާ އުފެއްދުމުގެ މަގުސަދަކީ ވަނީ ވަކީލުންގެ ފަންނުގައި ދިމާވާ އެކި އެކި މައްސަލަތައް ހައްލު ކުރުމަށާއި ވަކީލުންނާއި ކޯޓުތަކާއި ދޭތެރޭ ޖެހޭ މައްސަލަތައް ހައްލު ކުރުމުގެ އިތުރުން ގަނޫނީ ވަކީލުންގެ ފަންނާއި ފަންނުގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން ކަމަށް ބާ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.