26 Oct 2010, 08:03
ސައްހަ ނޫން ޕާސްޕޯޓާއި ވީޒާ އަދި ދަތުރުފަތުރު ކުރުމަށް ބޭނުންކުރެވޭ އެހެނިހެން ލިޔެކިޔުންތައް ދެނެގަނެވޭނެ އެޑިޝަން ސޮޕްޓްވެއައެއް އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް އިމިގެރޭޝަން އެންޑް ސިޓިޒަންޝިޕްގެ ފަރާތުން ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.
އިމިގްރޭޝަން ޑިޕާޓުމަންޓުން މިއަދު ބުނީ މި ސޮޕްޓްވެއާ ހަވާލުކުރުމުގެ ރަސްމިއްޔާތުން އޮތީ މިއަދު ހެނދުނު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި އޮތް ރަސްމިއްޔާތެއްގައި ކަމަށެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެތަކެއްޗާ ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު އައްޝައިޙް އިލްޔާސް ހުސެއިން އިބްރާހިމް އެވެ.
މި ސޮޕްޓްވެއާ އަކީ ޕާސްޕޯޓް، ވީޒާ އަދި ދަތުރުފަތުރު ކުރުމަށް ބޭނުންކުރެވޭ އެހެނިހެން ލިޔެކިޔުންތަކުގެ މައުލޫމާތާއި އޭގައި ހިމެނޭ ސެކިއުރިޓީ ސިފަތައް ހިމެނޭ ސޮފްޓްވެއާ އެކެވެ. ޑަޗް ޕޮލިސްގެ ފަރާތުން އުފައްދާފައިވާ އެ ސޮފްޓްވެއާ ބޭނުން ކުރަން ފަށާފައި ވަނީ 1980ގެ އަހަރު ތެރޭގަ އެވެ. މިސޮޓްވެއާގައި 3،500 އަށް ވުރެ ގިނަ ދަތުރުކުރުމަށް ބޭނުންކުރެވޭ އެކިކަހަލަ ލިޔެކިއުންތަކުގެ މައުލޫމާތާއި ސެކިއުރިޓީ ސިފަތައް ހިމެނެ އެވެ.
އިމިގްރޭޝަން ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވީ މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި އިމިގްރޭޝަންގައި ޕްރޮސެންސިކް ޑޮކިއުމަންޓް ލެބޯޓްރީއެއް ގާއިމްކުރުމަށް ބޭނުންވާ ފޮރެންސިކް ޑޮކިއުމަންޓް އެގްޒަމައިނިންގ އިކްއިޕްމަންޓްސް ވެސް އޮސްޓްރޭލިއާގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި މިއީ ފޮރެންސިކް ޑޮކިއުމަންޓް ލެބޯޓަރީއެއް އިމިގްރޭޝަންގައި ގާއިމްކުރެވޭ ފުރަތަމަ ފަހަރު ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.