16 May 2013, 22:12
ފްރާންސްގެ، ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އިނގިރޭސި ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް ފުޓްބޯޅަ ކުޅުން ހުއްޓާލަން ބޭނުންވާ ކަމަށް އޭނަ ބުނެފި އެވެ.
ފުޓްބޯޅަ ކުޅުން ހުއްޓާލަން ބޭނުންވާ ކަމަށް ބުނެ، އިނގިރޭސި ބައެއް މީޑިއާތަކަށް ބެކަމް ދީފައިވާ އިންޓަވިއުގައި ބުނެފައި ވަނީ، ފުޓްބޯޅަ ކުޅުން ހުއްޓާލަން ބޭނުން ވަނީ ޕީއެސްޖީ އަށް ކުރިއަށް އޮތް މެޗު ކުޅެދިނުމަށް ފަހު ކަމަށެވެ.
"އަހަރެން މިހާރު ނިންމާފިން ފުޓްބޯޅަ ކުޅުން ހުއްޓާލަން. މިއީ އަހަރެން ފުޓްބޯޅަ ކުޅުން ހުއްޓާލަން ބޭނުންވާ އެންމެ ރަނގަޅު ވަގުތު. އަހަރެން ޝުކުރުއަދާކުރަން ޕީއެސްޖީ އަށް. އެ ޓީމަށް ކުޅުމުގެ ފުރުސަތު އަހަންނަށް ދިނީތީވެސް އެޓީމުގެ އިސްވެރިން ނަށް ޝުކުރު އަދާކުރަން." ބެކަމް ބުންޏެވެ.
އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ބެކަމް ބުނީ، ފުޓްބޯޅައިގެ ހަޔާތުގައި އޭނަ ހޭދަކުރި ދުވަސްތަކުގައި ވަރަށް ވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދިއްޖެ ކަމަށް ގަބޫލް ކުރާ ކަމަށާއި އެގޮތުން ފުޓްބޯޅަ ކުޅުން ހުއްޓާލި ކަމަކު ފުޓްބޯޅައިގެ ދައިރާ އިން ފެންނާނެ ކަމަށް އޭނަ ބުންޏެވެ.
ބެކަމް ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމި އިރު، އޭނާގެ އެންމެ ފުރަތަމަ ކޯޗު މެންޗެސްޓާ ޔުނައިޓެޑްގެ ސާ އެލެކްސް ފާގަސަން ވެސް މިހާރުވަނީ ފުޓްބޯޅައިން ރިޓަޔާކުރިކަން އިއުލާންކޮށްފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފުޓްބޯޅަ ކުޅުންތެރިޔަކީ ޑޭވިޑް ބެކަމް ކަމަށް ރިޕޯޓްތައް ބުނާ އިރު، އޭނައަށް އާމްދަނީގެ ގޮތުގައި 36 މިލިއަން ޑޮލަރު ލިބޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އުމުރުން 38 އަހަރުގެ ބެކަމް ފުޓްބޯޅަ ކުޅުން ހުއްޓާލަނީ އެންމެ މަތީ ފެންވަރުގައި 20 އަހަރު ކުޅެދީފަ އެވެ. އެގޮތުން އެމުއްދަތުގައި އޭނާ ވަނީ އިންގުލޭންޑުގެ ގައުމީ ޓީމަށް 115 ފަހަރު ކުޅެދީ މެންޗެސްޓާ ޔުނައިޓެޑަށް 394 ފަހަރު ކުޅެދީފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިނގިރޭސި ގައުމީ ޓީމަށް ކުޅުނު މަޝްހޫރު ފުޓްބޯޅަ ކުޅުން ތެރިޔާ ވަނީ ޕްރިސްޓަން ނޯތް އެންޑް، މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް، މިލާން ގެ އިތުރުން އެމެރިކާގެ ލަ ގެލެކްސީ އަށް ކުޅެފަ އެވެ.
ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށް އިއުލާން ކޮށްފައިވާ ބެކަމް ވަނީ އޭނާގެ ފުޓްބޯޅައިގެ ކެރިއަރުގައި މިހާތަނަށް 19 ތަށި ހޯދައިފަ އެވެ.