16 May 2013, 19:27
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުއްވުމާ ގުޅިގެން، އެ ކުންފުނި އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުންމަދު ވަހީދު ހަސަން މަނިކު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ކުންފުނި އުފެއްދެވުމުގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވެފައި، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ޙައްޖަށް ދިޔުމުގެ ގަސްތުގައި ފައިސާ ޖަމާކުރާ ފަރާތްތަކުގެ ފައިސާ، ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެ ފައިސާއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ މަގު ތަނަވަސްކޮށްދެއްވުން ކަމަށެވެ. އަދި މިއީ ދައުލަތަށް ފައިދާ ހޯއްދެވުމަށްވުރެ ބޮޑަށް ޚިދްމަތެއް ފޯރުއްވައިދެއްވުމަށް އުފައްދަވާ ކުންފުންޏެކެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަކީ ދަރަންޏަށް ޒިންމާވާންޖެހޭ ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އެކުލެވިގެންވާ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިކުންފުނި އުފެއްދެވި ކަމުގައިވިޔަސް، ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުއްދަ ދެއްވާ އަމިއްލަ ޖަމާޢަތްތަކުން މީހުން ޙައްޖަށް ގެންދިޔުމަށް ހުރަސް ނޭޅޭނެ ކަމަށް އިޤްތިޞާދީ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ލަފާއަރުއްވާފަ އެވެ.