16 May 2013, 17:48
ރާއްޖޭގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތާއި، ކަރަންޓާއި އަދި ކުނީގެ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ހުސްވި އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި "ފެނަކަ ކޯޕަރޭޝަން ލިމިޓެޑް"ގެ ވެބްސައިޓެއް މިއަދު އިފްތިތާހު ކޮށްފިއެވެ.
ޝީ ބިލްޑިންގުގައި މިއަދު އޮތް ޚާއްސަ ޖަލްސާއެއްގައި ފެނަކަ ކޯޕަރޭޝަންގެވެބްސައިޓްއިފްތިތާހު ކޮށްދެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު ޑރ. މަރިޔަމް ޝަކީލާއެވެ.
ފެނަކަ ކޯޕަރޭޝަންގެ ވެބްސައިޓުގައި ކުންފުނީގެ އެންމެ ފަހުގެ ޚަބަރުތަކާއި ކުންފުނިން ހިންގާ އެކިއެކި ޕްރޮޖެކްޓް ތަކާއި ކުންފުނިން ޚިދުމަތްތައް މިހާރު ގާއިމު ކޮށްފައިވާ ތަންނަނާއި، އެ ޚިދުމަތްތައް ކުރިއަށްދާގޮތާއި ކުންފުނީގެ ކުރިއަށް ރޭވިފައިވާ މަޝްރޫއުތަކާއި އަދިވެސް ފެނަކާއާ ބޭހޭގޮތުން ރައްޔިތުންނަށް އެނގެން ބޭނުންވާ ތަފާތު މައުލޫމާތުތައް ހިމެނެއެވެ.
ފެނަކަ ކޯޕަރޭޝަންގެ ވެބްސައިޓު އިފްތިތާހު ކޮށްދެއްވުމަށްފަހު އެ ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ ފެނަކަ ކޯޕަރޭޝަނަކީ ރައްޔިތުންނަށް ފޯރުކޮށްދޭޖެހޭ މުހިއްމު އަސާސީ ޚިދުމަތްތަކެއް ފޯރު ކޮށްދެއްވުމަށްޓަކައި ސަރުކާރުން އުފެއްދެވި ކުންފުންޏެއް ކަމަށާއި އެކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށްޓަކައި މިހާރުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ ކަމަށެވެ. އަދި ފެނަކަ ހަރުދަނާކޮށް ހިންގުމަށްޓަކައި ކުންފުނީގެ މުވައްޒަފުން އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ކަމަށް ވެސް ޝަކީލާ ވިދާޅުވި އެވެ.
"ފެނަކަ ކޯޕަރޭޝަން އުފައްދާފައި މިވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުހިއްމު ޚިދުމަތްތަކެއް ކަމަށްވާ ފެނާއި ނަރުދަމާ، ކަރަންޓާއި އަދި ކުނި މެނޭޖު ކުރުމުގެ ޚިދުމަތް މީގެ ކުރިން ތަފާތު އެކި މުއައްސަސާ ތަކުން ދެމުން އައިސް މިކަން އެއަށްވުރެ ހަރުދަނާ ކުރުމަށްޓަކައި ނިންމި ނިންމުމެއްގެ މަތިން. މި ޚިދުމަތް އެކަށީގެންވާ ފެންވަރެއްގައި ދިނުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން. އެހެން ކަމުން މިހާރު މިކުރެވެމުންދާ މަސައްކަތުގައި ތިބޭފުޅުން ތިކޮށްދެއްވަނީ ވަރަށް އަގުހުރި ޚިދުމަތެއް،" ޝަކީލާ ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން އަޙްމަދު ނޫމާން އަލީ ވިދާޅުވީ އެ ކުންފުނި ރަނގަޅަށް ހިންގުމަށްޓަކައި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަ ހުރިކަމަށާއި އެހެން ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަށްވާނޭ ކަމަށެވެ.