ހދ. ކުމުންދޫ ސްކޫލްގައި ކިޔަވައިދެއްވާ ބިދޭސީ ޓީޗަރަކަށް އެ ސްކޫލްގެ ބެލެނިވެރިން ނުކުމެ ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެން ޕޭރެންޓްސް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކުމުންދޫ ސްކޫލްގައި ފިޒިކްސް ކިޔަވައިދޭ ބިދޭސީ ޓީޗަރަށް މިދިޔަ އަންގާރަ ދުވަހު ބެލެނިވެރިންތަކެއް ނުކުމެ ހަމަލާދީފައި ވަނީ ދަރިވަރަކަށް ޓީޗަރު އަނިޔާކުރި ކަމަށް ބުނެ އެވެ. އަދި އެ ޓީޗަރަށް ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށް އޭނާ ވަނީ މާލެ ފޮނުވާލާފަ އެވެ.

ޕޭރެންޓް އެސޯސިއޭޝަނުން އިއްޔެގެ ތާރީޚުގައި ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ބެލެނިވެރިންނަކީ ދަރިވަރުންނަށް ނަމޫނާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. އަދި ދަރިވަރުންނާ ގުޅުން ހުރި ކަމެއްގައި ކިތަންމެ ބޮޑު ހިތްހަމަނުޖެހުމެއް ކުރިމަތިވިޔަސް އެކަމުގައި ރުޅިއިސްނުކޮށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އެކު ވާހަކަދައްކައިގެން ހައްލު ހޯދުމަށް ވެސް އެބަޔާނުގައި ވަނީ ބުނެފަ އެވެ.

އެބަޔާނުގައި ބުނީ ކަންކަމުގައި ރުޅި އިސްކޮށް، އަތް އިސްކޮށްގެން ކަންކަން ކުރާނަމަ ދަރިވަރުންނަށް އެދައްކުވައި ދެވެދެނީ ރަނގަޅު ނަމޫނާއެއް ނޫން ކަމަށެވެ. އަދި އޭގެ ސަބަބުން ދަރިވަރުންގެ ހިތްތަކުގައި ޓީޗަރުންނާ މެދު އޮންނަ ގަދަރަށް އުނިކަން އައިސް ޓީޗަރުންނަށް ދަރިވަރުން ކުރަން ޖެހޭ އިހުތިރާމް ނެތިގެން ހިނގައިދާނެ ކަމަށް ވެސް ޕޭރެންޓް އެސޯސިއޭޝަނުން ބުނެ އެވެ.

ކުމުންދޫ ބެލެނިވެރިންގެ ތެރެއިން ބަޔަކު ނުކުމެ ބިދޭސީ ޓީޗަރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އުމުރުން 41 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެއްގެ އިތުރުން 28 އަހަރުގެ މީހެކު ވަނީ ހައްޔަރުކޮށްފަ އެވެ.