16 May 2013, 15:21
ލ. ގަން ރީޖަނަލް ހޮސްޕިޓަލުން އޮޅުވާލައިގެން އެބޯޝަން ހެއްދި ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މީގެ ހަ އަހަރު ކުރިން ކައިވެނިކޮށްގެން އުޅުނު މީހާއަކީ މިހާރުގެ ވެސް ފިރިމީހާ ކަމަށް ބުނެ ހޮސްޕިޓަލަށް ދޮގު މައުލޫމާތު ދީ އޮޅުވާލައިގެން އެބޯޝަން ހައްދާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އުމުރުން 26 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އަދި އަންހެން މީހާގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ނަމަވެސް ދަރިފުޅު އެބޯޓުކޮށްލާފައި ވަނީ ބަނޑަށް ކިތައް މަހުގައި ކަމެއް ގަމު ރީޖަނަލް ހޮސްޕިޓަލުން ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އެ ހޮސްޕިޓަލް ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި މުހައްމަދު އަބުދުއްސަމަދު ވިދާޅުވީ އެކަމަކީ އޭނާ ހޮސްޕިޓަލާ ހަވާލުވުމުގެ ކުރިން ހިނގާފައިވާ ކަމަކަށް ވާތީ އެކަމުގެ ތަފްސީލް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަމާ ބެހޭ މައުލޫމާތެއް ސާފުކުރެވޭނީ އަންނަ އާދިއްތަ ދުވަހުގެ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.