"އުނބަށްޖެހި ވަޒީރުން"ގެ ނަމުގައި ޑީއާރްޕީން ފަށާފައިވާ މުޒާހަރާތަކުގެތެރެއިން ރޭ މާލޭގައި ބޭއްވި މުޒާހަރާ ކަވަރުކުރަން ނުކުތް ގިނަ އަދަދެއްގެ ނޫސްވެރިންގެ ވާޖިބަށް ފުލުހުން ހުރަސްއަޅާފައިވާތީ އެ ޢަމަލު ކުށްވެރިކޮށް، މައްސަލަ ބަލައި ދިނުމަށް އެދި ބައިނަލްއަގުވާމީ ފަރާތްތަކަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.


އެމްޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޭގެ މުޒާހަރާގައި އަނިޔާވި ނޫސްވެރިންނާއި ކުޑަވަގުތުކޮޅަކަށް ނަމަވެސް ފުލުހުން ހައްޔަރުކުރި ނޫސްވެރިންގެ ބަޔާންތައް ނަގައި ބޭރުގެ ފަރާތްތަކަށް ހުށަހެޅުމަށް ނިންމައި އެޖަމިއްޔާ އިން އެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން ފުލުހުން ރޭ ނޫސްވެރިންނާ ދެކޮޅަށް ހިންގި އަމަލުތައް ބަލައި ތަހުގީގު ކޮށްދިނުމަށް ޕޮލިސް އިންޓިގްރިޓީ ކޮމިޝަނަށް ވެސް ވަނީ ގޮވައިލާފަ އެވެ.


އެމްޖޭއޭގެ ނޫސް ބާޔާނުގައި ބުނަނީ ރޭގެ މުޒާހަރާ ތެރޭގައި ނޫސްވެރިންގެ ވާޖިބަށް ފުލުހުން ހުރަސްއަޅާފައި ވަނީ، ނޫސްވެރިން ޕްރެސްކާޑު ހިފައިގެން މުޒާރަހާ ހިނގަމުން ދިޔަ ސަރަހައްދުތަކުގައި ޙަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. އަދި މުގުރުބުރިންނާއި ޝީލްޑުން ފުލުހުން ނޫސްވެރިންނަށް ހަމަލާދީ ބައެއް ނޫސްވެރިން ފުރަގަހަށް ބިޑިއަޅުވައި ކުޑަވަގުތުކޮޅަކަށް ބަންދުކޮށްފައިވާ ކަމަށެވެ.


އެމްޖޭއޭގެ ބަޔާނުގައި އަނިޔާވި ނޫސްވެރިންނާއި ހައްޔަރު ކުރި ނޫސްވެރިންގެ ލިސްޓެއް ވެސް ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި ނުވަ  ނޫސްވެރިޔަކު ހިމެނެ އެވެ. އެއީ ދިޓީވީ ޖާނަލިސްޓް ހުސައިން އަމީނާއި ދިޓީވީގެ ކެމެރާމަން ހަސަން ނިޝާނާއި ވީޓީވީގެ ވީޑިއޯ ޖާނަލިސްޓް ހުސައިން ފަރިޔާޒާއި ވީޓވީގެ ވީޑިއޯ ޖާނަލިސްޓް ފަޔާޒު ޔޫސުފާއި ވީޓީވީގެ ވީޑިއޯ ޖާނަލިސްޓް އަހުމަދު ޖަދުއާނާއި މިއަދު ނޫނުގެ ރިޕޯޓަރު ޝަހީދާ ސައިދާއި ދި އެފްއެމް ގެ ޖާނާލިސްޓް އިބްރާހީމް ޝާފިއު އާއި ދިއެފްއެމްގެ ޖާނަލިސްޓް މުހައްމަދު ޖިނާހު އާއި ހަވީރުގެ ފޮޓޯގްރާފަރު ނަސުރުﷲ އަލީ  އެވެ.


އެމްޖޭއޭ އިން ބުނީ މި ނުވަ ނޫސްވެރިންގެ ތެރެއިން ބައެއް ނޫސްވެރިންނަށް އެކިވަރުގެ އަނިޔާ ލިބުމުގެ ސަބަބުން ހޮސްޕިޓަލުން ފަރުވާހޯދާފައިވާ ކަމަށެވެ.


އެމްޖޭއޭ އިން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދޭ ޙައްޤަކަށް ވާއިރު  ނޫސްވެރިންނަށާއި ނޫސް އިދާރާތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް ނާޅައި، މިފަދަ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ފުލުހުންނަށް ގޮވާލާ ކަމަށެވެ.  


ރޭގެ މުޒާހަރާގައި ފުލުހުން ނޫސްވެރިންނަށް ހަމަލާ ދިނީ ރާއްޖޭގެ މިނިވަންކަމުގެ މިންގަނޑު ދަރަޖަ ދަށަށް ވެއްޓުނު ކަމަށް ބައިނަލްއަގުވާމީ ޖަމިއްޔާ، ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބުނިތާ ދެދުވަސް ތެރޭގަ އެވެ. ދުނިޔޭގެ ނިސްބަތުން މިހާރު ރާއްޖޭގެ މިންގަނޑަކީ 52 އެވެ.