މި އަހަރު ބަޔޯސްފިއާ ރިޒާވަކަށް ހެދުމަށް ކަނޑައެޅޭނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރާ އަތޮޅުތަކުގެ ތެރެއިން، ހުރިހާ ގޮތަކުން އެންމެ އަވަހަށް ބަޔޯސްފިއަ ރިޒާވެއްގެ ޝަރުތުތައް ހަމަވާނެކަމަށް ލަފާކުރެވޭ ތިން އަތޮޅެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ރާއްޖެ 2017ގެ ނިޔަލަށް ބަޔޯސްފިއަ ރިޒާވަކަށް ހެދުމަށް ރައީސް މުހައްމަދު ވަހީދު އިއުލާނު ކުރެއްވުމާ ގުޅިގެން އެ ކަމާގުޅޭ އިމްޕްލިމެންޓޭޝަން ޕްލޭނެއް ތައްޔާރުކުރެވި އެ ޕްލޭން ކެބިނެޓުން ފާސްކޮށްފައިވާ ކަމަށެވެ.

"މިއާ އެކު ބަޔޯސްފިއާ ރިޒާވަކަށްވުމުގެ ޝަރުތުތައް ތިން އަތޮޅެއްގައި މި އަހަރުގެ ނިޔަލަށް ފުރިހަމަ ކުރުމަށް ނިންމާފައި ވާތީ އެކަމަށް ޝައުގުވެރިވާ އަތޮޅުތަކާ އެކު މި މިނިސްޓްރީން ވީ އެންމެ އަވަސް ފުރުސަތެއްގައި މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައި،" އެ އިއުލާނުގަައި ބުނެފައިވެ އެވެ.

ރާއްޖޭގައި މިހާތަނަށް ކުރެވުނު މަސައްކަތުން 2011 ވަނަ އަހަރު ބ. އަތޮޅަކީ ދުނިޔޭގެ ފެންވަރުގެ ބަޔޯސްފިއަ ރިޒާވަކަށް ވަނީ ވެފަ އެވެ. ބަޔޯސްފިއާ ރިޒާވަކީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ އާއި އިގްތިސާދީ މަސައްކަތްތައް ކުރެވޭ އަދި އެ ތަނެއްގައި ހިމާޔަތްކުރެވިފައިވާ ތަންތަނާއި ތަރައްގީގެ މަސައްކަތްތައް ކުރާނެ ތަންތަން ވަކިކުރެވި ދުރާލާ ރޭވިގެން ހިންގޭ ނިޒާމެއް، އެ ތަނެއްގައިވާ ތަންތަނެވެ.ަ

އެ މިނިސްޓްރީން ބުނީ މި އަހަރުގެ ނިޔަލަށް ބަޔޯސްފިއާ ރިޒާވްއަކަށް ވުމުގެ ޝަރުތުތައް ފުރިހަމަ ކުރެވޭނެ ކަމަށް ލަފާ ކުރެވޭ އަތޮޅުތަކުން ބަޔޯސްފިއާ ރިޒާވް އަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކޮށް މިމަހުގެ 20ގެ ކުރިން އެ ކަން އެ މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އަންގައިފަ އެވެ.