އިސްލާމްދީނުގައި އޮންނަ "އަނެއް ގޮތް" ނުވަތަ "އޮލްޓަނޭޓިވް ނެރޭޓިވް"އަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންކާރު ކުރައްވައިފި އެވެ.

މޫކާއީ ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ޑެންމާކަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި ތަގުރީރުގައި ރެޑިކަލް އިސްލާމާއި ލިބަރަލް އިސްލާމްއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށް ދެއްކެވި ވާހަކަފުޅުގެ މަޙްފޫމަކީ ނުވަތަ މާނައަކީ ކޮބައިތޯ ސަން އޮންލައިނުން ތަކުރާރުކޮށް ދެންނެވުމުން ވެސް ނަޝީދު ވިދާޅުވީ "އެމްޑީޕީގެ ސަރުކާރެއްގައި ރާއްޖޭގައި އިސްލާމްދީން ވަރަށް ފުރިހަމައަށް ހިމާޔަތް ކޮށްދޭނެ" ކަމަށެވެ.

"އަޅުގަނޑު ހަމަ ދަންނަވަން އޮތީ އެމްޑީޕީގެ ސަރުކާރެއްގައި ރާއްޖޭގައި އިސްލާމްދީން ވަރަށް ފުރިހަމައަށް ހިމާޔަތް ކޮށްދޭނަމޭ. އެއީ އަޅުގަނޑުމެންގެ އެއް އަސާސީ މަގުސަދު. ޑެންމާކްގައި ދެއްކެވި ވާހަކައާ ގުޅޭ ގޮތުން ވެސް އަޅުގަނޑު ދަންނަވަން އޮތީ އަޅުގަނޑުމެން އެމްޑީޕީގެ ސަރުކާރެއްގައި އިސްލާމްދީން ވަރަށް ފުރިހަމަ އަށް ހިމާޔަތް ކޮށްދޭނަމޭ." ތަކުރާރުކޮށް ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޯޕަންހޭގަން ޔުނިވާސިޓީގައި ދެއްވި ތަގުރީރުގައި ނަޝީދާ ސުވާލުކުރީ، އިސްލާމްދީނާއި "ޕްރޮގްރެސިވް" އިސްލާމްދީނާ ދެމެދު ހިނގަމުންދާ އަރާރުންވުމުގެ ތެރެއިން ސަގާފީ އިސްލާމް ފެތުރެމުންދާތީވެ އެކަމުގެ ހަގީގަތް ހުޅަނގުގެ އާއްމުންނާ ހިއްސާކޮށްދެއްވުމަށް އެދި އެވެ.

އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރު ފެތުރެން ފަސޭހަވެފައި ވަނީ އިސްލާމްދީނުގައި އޮންނަ "އަނެއް ގޮތް" ނުވަތަ "އޮލްޓަނޭޓިވް ނެރޭޓިވް"ކިޔައި ނުދެވުމުގެ ސަބަބުން ކަމަށެވެ.

"ހަރުކަށި ފިކުރުގެ މީހުން ވެއްޖިއްޔާ ކޮންމެ ސުވާލަކަށް އެމީހުންގެ ޖަވާބެއް އެބަ އޮތް. ދަންވަރު ގުޅާފައި "ޝޭހުއޭ. މިއުޅެނީ ނުނިދިގެންނޭ" ބުނެފި ނަމަ، ޝޭހު ދޭނެ ރަސޫލާގެ ހަދީސްއެއް ނުވަތަ ވަހީ ބަސްފުޅެއް ދަންވަރު ނިދުމުގައި ކަންކުރުމާ ބެހޭ ގޮތުން. އަޅުގަނޑުމެންގެ ނެތް މިކަހަލަ ހެލްޕްލައިނެއް. އަޅުގަނޑުމެންގެ އަތުގައެއް ނެތް "އެހެން ގޮތެއް". އެހެން ގޮތެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް،" ރައީސް ނަޝީދު ވީޑިއޯގައި ވިދާޅުވެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ކީރިތި ރަސޫލާގެ މައްޗަށް ސަލަވާތް ކިޔަވަން އިންކާރު ކުރެއްވި ކަމަށް ޝޭހު އިލްޔާސް ހުސައިން ކުރައްވާފައިވާ ތުހުމަތާ ގުޅިގެން ސަން އޮންލައިނުން ދެންވިދާޅުވި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ކީރިތި ރަސޫލާގެ މައްޗަށް ސަލަވާތް ކިޔަވާ ކަމަށާއި އަދި އެގޮތުގައި ދެމިހުންނަވާނެ ކަމަށެވެ.

"އިތުރު އެކަލޭގެފާން ނޫން ގޮތަކަށް އަޅުގަނޑު ކީރިތި ރަސޫލާއާ ގުޅޭ ގޮތުންނެއް ވާހަކައެއް ނުދައްކާނަން. ކީރިތި ރަސޫލާ އަށް ސަލަވާތް ކިޔަވަން އޮންނަނީ އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އެއީ ރަސޫލާ އަށް ސަލަވާތް ކިޔަވަން އޮންނަނީ. އަޅުގަނޑުމެން އެކަން އަބަދުވެސް ކުރަމުން ގެންދަން ޖެހޭނެ... އެކަން އަޅުގަނޑު އަބަދުވެސް ކުރަމުން ގެންދާނަން." ނަޝީދު ވިދާޅުވި އެވެ.

މި މަހުގެ ފުރަތަމަ ދުވަހު ޝޭޙް އިލްޔާސް އާޓިފިޝަލް ބީޗު ސަރަހައްދުގައި ދެއްވި ދަރުސްއެއްގައި ވިދާޅުވެފައި ވަނީ ﷲ އަށް ހަމްދުކޮށް ރަސޫލާ އަށް ސަލަވާތް ކިޔެވުމަށް އެދިވަޑައިގެންނެވުމުން ބައެއް މީހުންގެ ކައިރީގައި "ލޭ ކެކި، ލަގޮނޑިއަށް އަސަރު ކުރާ" ކަހަލަ ޖަވާބު ނަޝީދު ދެއްވާފައި ހުރި ކަމަށެވެ.

"ނަޝީދު ވިދާޅުވީ] އެކަލޭގެ [ރަސޫލާގެ] މައްޗަށް މަ ނުޖެހޭނެއޭ ސަލަވާތް ކިޔަވަން. މިއީ ކާކުތޯ. ލަގޮނޑިއަށް އަސަރު ކުރާނެ، ލޭ ވެސް ކެކޭނެ. ނުކުންނަން ޖެހިއްޖެ ކަމުގައި ވަނީ ނަމަ ނުކުންނާނަން. އެ ކަމަށްޓަކައި މިއަދު ޕޯޑިއަމަށް ވެސް މި އެރީ. މީގެ އެތައް ކަމެއް އަދި ކުރާނަން،" އިލްޔާސް ވިދާޅުވެފައިވެ އެވެ.