އައްޑޫ ސިޓީގެ ހިތަދޫގައި ސައިކަލެއްގައި ދުއްވާފައި ދިޔަ ސިފައިންގެ ދެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރޭ ހިތަދޫގައި ސިފައިންގެ ދެ މީހަކަށް ބަޔަކު ހަމަލާދީ މާރާމާރީ ހިނގި ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މަައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެ ދެ މީހުންނަށް ހަމަލާދީފައި ވަނީ ސައިކަލެއްގައި ދަނިކޮށް ކަމަށެވެ. ނަމަވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ސައިކަލެއްގައި ދަނިކޮށް އެމީހުންށް ބަޔަކު ހަމަލާދިން ކަމަށް ބުނެ ފުލުހުންނަށް އާއްމު ފަރާތަކުންނާއި ސިފައިންގެ މީހެއްގެ ފަރާތުން ކުރި ރިޕޯޓަކާ ގުޅިގެން އެ މައްސަލަ ބަލަމުން މިގެންދަނީ. ނަމަވެސް އަދި އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ،" އޮފިޝަލް ވިދާޅުވި އެވެ.

ސިފައިންގެ ދެ މީހަކަށް ހަމަލާދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ގެންދިޔަ ނަމަވެސް އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލް އަބްދުއްރަހީމް ވުދާޅުވީ ހިތަދޫގައި ހަރަކާތްތެރިވާ އެމްއެންޑީއެފްގެ އެއްވެސް އޮފިޝަލަކަށް ބަޔަކު ހަމަލާދީ މާރާމާރީ ހިންގި ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ހިނގައިގެން ނޫޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހިތަދޫގައި އެމްއެންޑީއެފްގެ ކޯސްޓްގާޑާއި ފަޔަރުގެ އިތުރުން އެކި ޑިޕާޓްމަންޓްތަކުގެ ސިފައިން މަސައްކަތް ކުރަމުން ގެންދާނެ، ނަމަވެސް އެފަދަ ކަމެއް ހިނގައިފައެއް ނެތް."

ހިތަދޫ މީހަކު ސަން އޮންލައިނަށް މައުލޫމާތު ދިން ގޮތުގައި އެ ހާދިސާ ހިނގީ ރޭ ގާތްގަނޑަކަށް 9 ޖަހާއެހާކަންހާއި އިރު ސިފައިންގެ ދެ މީހަކު ދަނިކޮށް ކަމަށެވެ. އެ ހާދިސާގައި އެތަނުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށާއި އެ ހަމަލާއަކީ އިއްޔެ މަރަދޫގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ބަޔަކު ހިތްހަމަނުޖެހިގެން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.