16 May 2013, 13:46
ފުނައްޑޫ އިންވެސްޓްމަންޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ލޯނު ދައްކާފައި ނުވާތީ ރަހުނުގެ ގޮތުގައި ހުށަހެޅި ރީތި ބީޗް ރިސޯޓް (ބ. ފޮނިމަގޫދޫ) އާއި ގއ. މަހައްދޫ ތ. ފުނައްޑޫގެ ވެރިފަރާތް ބީއެމްއެލް އިން އުފެއްދި ދެ ކުންފުންޏަށް ޓޫރިޒަމް މިނިސްޓްރީން ބަދަލުކޮށްދީފި އެވެ.
އެ ދެ ރަށުގެ ވެރިފަރާތް ބީއެމްއެލް ޕްރޮޕަޓީސް އަށް ޓޫރިޒަމް މިނިސްޓްރީން ބަދަލުކޮށްދީފައި ވަނީ އެ ލޯނަށް ގެރެންޓީ ދެއްވި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް، ލޯނުތަކަކަށް ފައިސާ ނުދައްކައިގެން އެ ލޯނުތަކުގެ ރަހުނުތައް ބޭންކާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް އާޒިމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަައި ވަނިކޮށެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ދެ ރަށް ބޭންކާ ހަވާލުކުރީ ލޯނު ނެގި ފަރާތާއި ބޭންކާ ދެމެދު މަޝްވަރާކުރުމަށް ފަހު ކަމަށެވެ. ނަމަވެސް އެ ދެ ރަށް ބޭންކަށް ބަދަލުކޮށްދިނީ ކޮންއިރަކު ކަމެއް އެ މިނިސްޓްރީއަކުން ނުބުނެ އެވެ.
"އާއްމު އުސޫލެއް ގޮތުން އޮންނަނީ ބޭންކުން ނަގާ ލޯނު ނުދެއްކިއްޖެ ނަމަ ރަހުނުގެ ގޮތުގައި ބަހައްޓާ ތަކެތި ނީލަން ކިޔައިން ވިއްކާލާ ގޮތަށް. ނަމަވެސް މިހާތަނަށް ރިސޯޓެއް ނެތް ވިއްކާލާފައެއް. މިގޮތަށް ހެދުމުން ބޭންކަށް ރިސޯޓް ހިންގައިގެން ފައިދާ ހޯދޭނެ،" އޭނާ ވިދާޅުވި އެވެ.
ފުނައްޑޫން ރަހުނުކުރި ތަންތަނުގެ ތެރޭގައި ހިމެނޭ ރީތި ބީޗް ރިސޯޓަކީ މިހާރު ވެސް އޮޕަރޭޓްކުރާ ރިސޯޓެކެވެ. ނަމަވެސް މަހައްދޫ ތަރައްގީކޮށް ހިންގަން އަދި ނުފަށަ އެވެ.
އެ ލޯނު ނެގުމަށް ރަހުނުކުރި ފުނައްޑޫގެ ހެޑް ލީސް ބީއެމްއެލް އިންވެސްޓްމަންޓްގެ ނަމަށް މިދިޔަ ހަފުތާގައި ބަދަލުކޮށްފަަައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު ވެސް މިއަދު ވަނީ ޔަގީންކޮށްދެއްވަައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ އެ ރަށުގެ ހެޑް ލީސް ބީއެމްއެލް އިންވެސްޓްމަންޓަށް ބަދަލުކުރުމުގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނޯ އޮބްޖެކްޝަން ލެޓާއެއް ހޯދާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެ ރަށުގެ ވެރިފަރާތް ބަދަލުކުރުމުގެ ކުރިން ކަށަވަރުކުރިން އެއްވެސް ފަރާތަކަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކާ އޮތްތޯ. އެކަން ޔަގީންކުރުމަށް ފަހު ހެޑް ލީސް ބަދަލުކުރީ،" ޝަފީއު ވިދާޅުވި އެވެ.
ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީންގެ ހިއްސާ ކުރިން އޮތް ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނަގާފައި ވަނީ ތ. ފުނައްޑޫގައިވާ ހުރިހާ އިމާރާތަކާއި އިންވެސްޓްމަންޓާއި ކަނބާލިފަރު އިންވެސްޓްމަންޓްސްގެ "މަޑިވަރު 3" ޔޮޓާއި ރީތި ބީޗް ރިސޯޓާއި ރިސޯޓުގެ އެންމެހާ މުދަލާއި ރިސޯޓާ ގުޅުން ހުރި އެ ތަނުގައި ބޭނުންކުރާ އެންމެހާ ތަކެއްޗާއި ލިބެން ޖެހޭ ފައިސާ ވެސް ރަހުނުކުރުމަށް ފަހު އެވެ. ލޯނުތަކަށް ފައިސާ ދައްކަމުން ނުދާތީ އިންޓްރަސްޓާ އެކު މިހާރު ވަނީ ދައްކަން ޖެހޭ އަދަދު 206 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.