16 May 2013, 13:19
ނިއުރޭޑިއެންޓު ސްޕޯޓްސް ކުލަބުގެ ކޮންމެ ކާމިޔާބެއްގައި ވެސް އެންމެ މުހިއްމު ދައުރެއް އަދާކޮށްދޭ ބަޔަކީ ސަޕޯޓަރުން ކަމަށް ނިއުގެ ކެޕްޓަން އިމްރާން މުޙައްމަދު ބުނެފި އެވެ.
އިއްޔެ ހަވީރު އޭއެފްސީ ކަޕްގެ ދެވަނަ ބުރުގައި މެލޭޝިޔާގެ ސެލަންގޯ ދޭއް ސުމަކުން ބަލި ކުރުމަށް ފަހު ސަންއަށް ދިން އިންޓަވިއުއެއްގައި އިމްރާން ބުނީ އިއްޔެގެ މެޗުގައި ނިއުގެ ކުޅުންތެރިންގެ ހުރިހާ ވެސް ހިތްވަރަކީ ކުލަބުގެ ސަޕޯޓަރުން ކަމަށާއި ދަނޑަށް ވަދެ ތިބި އެތައް ހާސް ސަޕޯޓަރުންނެއް ފެނުމުން ހުރިހާ ކުޅުންތެރިން ވެސް ތިބީ އާދަޔާ ހިލާފު ޖޯޝެއްގައި ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ދަނޑުން ފެނިގެން ދިޔައީ ފުޓްބޯޅައާ ހެދި މޮޔަވެފަ ތިބި ސަޕޯޓަރުން ތަކެކޭ. އަޅުގަނޑުމެންނަށް މިކާޔާބު ހޯދުމުގައި އެންމެ ބޮޑު ހިތްވަރެއް ލިބިގެން ދިޔައީ ދަނޑަށް ވަދެ ތިބި އެތައްހާސް ސަޕޯޓަރުންނެއް މެދުކެނޑުމެއް ނެތި ދެއްވަމުން އެ ގެންދިޔަ ސަޕޯޓުގެ ސަބަބުން،" އިއްޔެގެ މެޗަށްފަހު ނިއުގެ ކެޕްޓަން ބުންޏެވެ.
ނިއުރޭޑިއެންޓާއި އަދި ގައުމީ ޓީމުގެ ގޯލްބަލަހައްޓާ ތަޖުރިބާކާރު ގޯލްކީޕަރު ބުނީ އިއްޔެގެ މެޗަށް ދަނޑަށް ވަދެތިބި ސަޕޯޓަރުންގެ އަދަދަށް ބަލައިލުމުން ރާއްޖޭގެ ފުޓްބޯޅަ ކުރިއަރައި އުޖާލާވަމުން އަންނަކަން ވަރަށް ރަނގަޅަށް ފެނިގެން ހިނގައްޖެ ކަމަށެވެ.
"މިއަދު ދަނޑަށް ވަދެ ތިބި ސަޕޯޓަރުންގެ އަދަދަށް ބަލައިލުމުން އަޅުގަނޑުމެންނަށް އެބަ އެނގޭ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށްކަން. އެހެން ކަމުން މިއަދު އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށްލަން ބޭނުން ހުރިހާ ސަޕޯޓަރުން ދެއްވި ސަޕޯޓަށް. އެބޭފުޅުންގެ އެހީތެރިކަމާ އެކީގައި އަޅުގަނޑުމެންނަށް ކާމިޔާބު މި ލިބުނީ. ސަޕޯޓަރުން އެގޮތަށް ތިއްބަވާ ނަމަ އަޅުގަނޑުދަންނަވާނީ ސަޕޯޓާރުން އުފާވާފަދަ މޮޅު ކުޅުމެއް އަޅުގަނޑުމެއް ވެސް ދައްކާނަމޭ،" އިމްރާން ބުންޏެވެ.
އިމްރާން އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ކުޅި ބަލާމީހުންނަކީ ވަރަށް މުހިއްމު ބައެކެވެ. އެގޮތުން ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށްވަދެ ކުލަބު ތަކަށް ސަޕޯޓް ކުރާނަމަ ކުޅުންތެރިންނަށްވެސް އިތުރު ހިތްވަރެއް ލިބި ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި، ކުރިން އޮތް ފަދަ ހާލަތަކަށް ބަދަލުވެ އޭގެ ރަނގަޅު އަސަރު ގައުމީ ފެންވަރުގައި ވެސް ކުރާނެއެވެ.
އިއްޔެގެ މެޗަށް 10000 ވުރެ ގިނަ ސަޕޯޓަރުން ދަނޑަށް ވަދެފައިވާ އިރު ރޭޑިޔޯ އާއި ޓީވީ އަދި އޮންލައިން މީޑިޔާގެ ޒަރީއާއިން ވެސް މެޗާބެހޭ މައުލޫމާތު ވަނީ ދުރަށް ފޮނުވާފައެވެ. ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ޑައިރެކްޓަރު އޮފް ފުޓްބޯލް އަންވަރު އަލީ ވިދާޅުވީ އިއްޔެ އެކުލަބަށް ދަނޑަށް ވަޑައިގެން ކުލަބަށް ސަޕޯޓު ކުރެއްވި ހުރިހާ ފަރާތްތަކާއި އަދި ރޭޑިއޯ ޓީވީ ފަދަ މީޑިގެ ޒަރީއާއިން މެޗު ބައްލަވައި، އަޑު އެއްސެވި ހުރިހާ ބޭފުޅުންނަށް ކުލަބުގެ މެނޭޖްމަންޓާއި، އޮފިޝަލުންނާއި ކުޅުންތެރިންގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށާއި އަދި ކުރިއަށް އޮތްތާނގައި ވެސް ނިއުގެ ސަޕޯޓަރުންނާއި ރާއްޖޭގެ ފުޓްބޯޅައަށް ލޯބިކުރަށްވާ ހުރިހާ ފަރާތްތަކުން އިއްޔެ އެ ދެއްވިފަދަ ތަރުހީބެއް ލިބޭނޭ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.