ޓޫރިޒަމް ވިޔަފާރިކުރުމަށް ސަރުކާރުން އުފެއްދި އެމްޓީޑީސީ އަށް މިދިޔަ އަހަރު ހަތް މިލިއަން ޑޮލަރު (108 މިލިއަން ރުފިޔާ)ގެ ގެއްލުން ވެއްޖެ އެވެ.

އެމްޓީޑީސީ އިން މިއަދު އާންމުކޮށްފައިވާ އެކުންފުނީގެ މިދިޔަ އަހަރުގެ މާލީ ބަޔާނަށް ބަލާއިރު އެ ކުންފުންޏަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 20 މިލިއަން ޑޮލަރު(3 ބިލިއަން ރުފިޔާ) އެވެ. އެއީ 2011 ވަނަ އަހަރު ލިބުނު އާންމުދަނީއަށް ވުރެ 17 ޕަސެންޓްގެ ދަށް އަދަދެކެވެ. އަދި ޖުމުލަ ފައިދާގެ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ފަސް މިލިއަން ޑޮލަރު (82 މިލިއަން ރުފިޔާ) ލިބިފައިވާއިރު އެއީ 2011 ވަނަ އަހަރު ލިބުނު މިންވަރަށް ވުރެ 36 ޕަސެންޓްގެ ދަށް އަދަދެކެވެ.

އެމްޓީޑީސީ އަށް ހަތް މިލިއަން ޑޮލަރު ސާފު ގެއްލުމެއް ވެފައިވާ އިރު 2011 ވަނަ އަހަރު ސާފު ގެއްލުމުގެ ގޮތުގައި ވެފައި ވަނީ 965 ހާސް ޑޮލަރެވެ. އެހެންކަމުން ސާފު ގެއްލުންވި މިންވަރު މިދިޔަ އަހަރު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު 626 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

އެމްޓީޑީސީގެ ހިއްސާދާރުން ރައުސްމާލަށް ބަލާ އިރު އެއަދަދު 2011 ވަނަ އަހަރު 40 މިލިއަން ޑޮލަރުގައި ހުރި އިރު މި އަހަރު ނިމުނު އިރު އެ މިންވަރު ވަނީ 34 މިލިއަން ޑޮލަރަށް ތިރިވެފަ އެވެ. އެހެންކަމުން އެއީ 2011 ވަނަ އަހަރަށް ވުރެ 16 ޕަސެންޓް ދަށް ވުމެކެވެ. އަދި މިދިޔަ އަހަރު އެ ކުންފުނީގެ ހިއްސާއަކަށް ލިބުނު އާމްމުދަނީ ވެސް ވަނީ 2.0 ޑޮލަރުގެ ގެއްލުމެއް ވެފަ އެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ އޮޕަރޭޓިން ސެގްމެންޓަށް ބަލާ އިރު ރިސޯޓް ހިންގައިގެން އެ ކުންފުންޏަށް ވަނީ 10 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެފަ އެވެ. އަދި ރަށްތައް ކުއްޔަށް ދީގެން ތިން މިލިއަން ޑޮލަރުގެ ފައިދާއެއް އެ ކުންފުންޏަށް މިދިޔަ އަހަރު ވެފައިވެ އެވެ.