މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ ޝަރީއަތް ޕްރެސިކިއުޓާ ޖެނެރަލްގެ އޮފީހުން (ޕީޖީ) އިން އެދިގެން ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު 9:00 އަށް ޝެޑިއުލް ކޮށްފައި އޮތް ހުމާމްގެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެގޮތަށް އެދިފައިވާތީ ކަމަށެވެ.

ޕީޖީ އޮފީހުން އެގޮތަށް އެދިފައި ވަނީ ހެކި ހުށަހެޅުމަށް ދިން މުއްދަތުގައި ހެކި ހުށަހެޅިފައި ނުވާތީ އެކަމަށް ވަގުތު ބޭނޫން ވާތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ޕީޖީ އޮފީހުން އެދުނުގޮތަށް ހެކި ހުށަހެޅުމަށް އިތުރު ފަސް ދުވަހުގެ މުހުލަތެއް ކޯޓުން ދީފައިވާ ކަމަށެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުމާމް ބުނީ މީގެކުރިން ބައެއް މީހުން މަރާފައިވާނެ ކަމަށާއި ނަމަވެސް އަފްރާޝީމް މަރައިލައިފައި ނުވާނެ ކަމަށެވެ. އަދި އޭނާ ބުނެފައި ވަނީ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ ގާނޫނީ ވަކީލަކާއި ނުލައި ކަމަށެވެ.

ހުމާމުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި ޑރ. އަފްރާޝީމް ދިރިއުޅުއްވާ ހ. ފުންވިލުގެއަށް އިތުރު ބަޔަކާ އެކު ގޮސް ތޫނު އެއްޗަކުން ހަމަލާ ދީ އޭނާ މަރައިލައިފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އޭނާގެ އިތުރުން ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ވެސް ދައުލަތުން ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ހަމަ އެ މައްސަލައިގައި އުފުލައިފަ އެވެ. އޭނާގެ މައްޗަށް ދައުވާ ސާބިތު ކުރާން ހެކި ހުށަހެޅުމަށް ވެސް ކޯޓުން ވަނީ ދައުލަތަށް ފުރުސަތު ދީފަ އެވެ.