16 May 2013, 12:31
މާލެއިން މިދުވަސްވަރު ހިލަ ނުލިބިގެން އިމާރާތްކުރުމުގެ މަސައްކަތްތައް ހުއްޓުމަކަށް އަންނާތީ އެސްޓީއޯ އިން 8،000 ޓަނުގެ ހިލަ ޝިޕްމަންޓެއް ދުބާއީން ގެނެސްފި އެވެ.
ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ހިލަ އާއި ހިލަވެލި އެތެރެކޮށް ވިއްކާ ކުންފުނީގެ މެނޭޖިން ޑިރެކްޓަަރު ޝާހިދު އަލީ މިއަދު ސަން އަށް ވިދާޅުވީ ހިލަ ލިބުމުގައި ދިމާވެފައިވާ ދަތިކަމަށް ލުޔެއް ގެންނަން ދުބާއީން ހިލަ ގެނައި ނަމަވެސް ސްރީލަންކާގެ ކޮލަމްބޯ އިން ވެސް ހިލަ ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"މާކެޓްގައި އުޅޭ ޝޯޓޭޖަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ. އަދިވެސް މި މަސައްކަތްކުރަނީ ކޮލަމްބޯ އިން ހިލަ ގެންނަން. ކޮލަމްބޯ އިން ހިލަ ގެންނަން ހުއްދަ ދީފައި އޮތް ނަމަވެސް އެކަމުގައި ބައެއް ކަންތައް ހަމަޖައްސަން ޖެހޭތީ ލަސްވަނީ. އެކަންތައް މަދާމައަށް ފަހު ހައްލުވާނެ ކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ދުބާއީ އިން ގެނައި ހިލަ ވިއްކާނެ އަގެއް ކަނޑައަޅާފައިނުވާ ކަމަށެވެ. ނަމަވެސް މިހާރު މާކެޓްގައި ހުރި އަގަށް ވުރެ ބޮޑުނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ގޮތެއް ވިޔަސް ޑުބާއީން ލިބޭ އަގު ބޮޑު. އެހެން ނަމަވެސް މިހާރު މާލޭގެ މާކެޓްގައި ބަސްތާއެއް ވިއްކާ އަގަށް ވުރެ ބޮޑުނުވާނެ. މިހާރު މާލޭގައި ބަސްތާއެއް ވިއްކަނީ 70ރ.އަށް. އެއަށް ވުރެ ހޮޔޮކޮށް ވިއްކޭނެ ކަމަށް މިބަލަނީ." އޭނާ ވިދާޅުވި އެވެ.
ކުރިން އިންޑިއާ އިން ގެންނަ ހިލަ މިހާރު އެ ގައުމުން ދާދިފަހުން ބޭރުކުރުން މަނާކުރުމުން ލަންކާގެ އިތުރުން ބަންގްލަދޭޝް ފަދަ ގައުމުތަކުން ވެސް ހިލަ ހޯދަން ދަނީ މަސައްކަތް ކުރަމުންނެވެ.