16 May 2013, 12:08
އޭޑީކޭ ހޮސްޕިޓަލުގައި ހިތުގެ ބަލީގެ ފަރުވާދިނުމަށް ހާއްސަ ޑިޕާޓްމަންޓެއް ފުރަތަމަ ފަހަރަށް އުފައްދަައިފި އެވެ. މިއީ ހިތުގެ ބަލީގެ ފަރުވާދޭން ދިނުމަށް ރާއްޖޭގައި ހެދި ފުރަތަމަ ކްލިނިކެވެ.
ރާއްޖޭގައި ހިންގާ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު "ސަން" އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ހިތުގެ ބަލީގެ ފަރުވާ ދިނުމަށް އުފެއްދި ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވަނީ ސުޕަ ސްޕެޝަލިޓީ ދިވެހި ދެ ޑޮކްޓަރުން ކަމަށްވާ ޑރ. އަލީ ޝަފީގާއި ޑރ. މުހައްމަދު ޝާފިއު ކަމަށެވެ.
"ކާޑިއެކް ކްލިނިކެއް އުފެއްދުމުގެ ބޭނުމަކީ ރާއްޖޭގައި ވެސް މިހާރު ހިތުގެ ބަލީގެ މީހުން ގިނަވަމުންދިއުމާ ގުޅިގެން މިކަމުގެ ފަރުވާ ދެވޭނެ ގޮތްތަކެއް ހަމަޖެއްސުން. އަނެއް ކަމަކީ މިފަދަ ސުޕަ ސުޕެޝަލިޓީ ޑޮކްޓަރުންތަކެއް ރާއްޖެ އަންނައިރު މަސައްކަތްކުރެވޭނެ އެކަށީގެންވާ ވަސީލަތްތަކެއް ނެތިގެން ރާއްޖެ ދޫކޮށް ގޮސްފި ނަމަ އެއީ ގައުމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް،" އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ ރާއްޖޭގައި ހިތުގެ ބަލި ގިނަވަމުން އަންނައިރު އެކަމަށް ފަރުވާދެވޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަމަށެވެ. އެގޮތުން އަލަށް އުފެއްދި ކްލިނިކުން ސްޓްރެސް ޓެސްޓް ހެދުމުގެ އިތުރުން ހޮލްޓާ ޓެސްޓް ހެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭޑީކޭ އިން އަލަށް ހެދި ކާޑިއެކް ކްލިނިކްގައި އެކޯ ކާޑިއެކްގްރަފިކް ހެދޭ މެޝިނެއް ވަނީ ބަހައްޓައިފަ އެވެ. މިއީ ހިތުގެ ސްކޭން ހަދާ މެޝިނެކެވެ.
އަފްއާލް ވިދާޅުވީ ކާޑިއެކްގްރެފިކް މެޝިން ގެނެސް އިންސްޓޯލްކޮށް، މުވައްޒަފުން ތަމްރީނު ކުރަން ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް މިކުރަނީ ކުރިމަގުގައި މި ހިދުމަތް އިތުރަށް ފުޅާކުރަން. އަދި އިތުރު ވަސީލަތްތައް ހޯދައި ރާއްޖޭގައި ހިތުގެ ބައްޔަށް ޒަމާނީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުން،" އޭނާ ވިދާޅުވި އެވެ.
އޭޑީކޭ އިން ހިތުގެ ބަލީގެ ސުޕަ ސްޕެޝަލިޓީ ޑޮކްޓަރަކަށް ދެއްކުމަށް 400ރ. ޗާޖްކުރެ އެވެ.