16 May 2013, 11:53
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ސިފައިންނާއި ބައިވެރިވެގެން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު "ބަޣާވާތް" ކުރެއްވި ކަމަށް ބުނެ އެކަން ސާބިތުކުރުމަށް ފޮޓޯތަކާއި ވީޑިއޯތަކެއް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ޝަރީއަތަށް ހުށަހަޅައިފި އެވެ.
ރައީސް ނަޝީދުގެ ފަރާތުން ފޮޓޯތަކާއި ވީޑިއޯތައް ޝަރީއަތަށް ހުށަހަޅާފައި ވަނީ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރިޔާޒަށް ރައްދުވާ ގޮތަށް "ބާޣީ ރިޔާޒުއޭ" ނަޝީދު ވިދާޅުވެފައި ވާތީ އެކަމުގެ ސަބަބުން އޭނާގެ އަބުރު ގެއްލިފައިވާ ކަމަށް ކަނޑައަޅައި އޭގެ ބަދަލެއްގެ ގޮތުގައި ނަޝީދުގެ ކިބައިން 3.7 މިލިއަން ރުފިޔާ ނަގައިދިނުމަށް ރިޔާޒު ކުރައްވާފައިވާ ދައުވާއާ ގުޅިގެން ސިވިލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވީ ފެބްރުއަރީ ހަތް ވަނަ ދުވަހު ބަނޑޭރިކޮށި ތެރޭގައި އާއި ޖުމްހޫރީ މައިދާނު ސަރަހައްދުގައި ސިފައިން ކުރި ކަންތަތައްތަކަކީ ސިފައިންގެ ގާނޫނުގެ 48 ވަނަ މާއްދާގެ (ޅ)ގެ ދަށުން ބަޣާވާތެއް ކަމަށެވެ. އަދި ސިފައިންނާ އެކު އެކަމުގައި ރިޔާޒު ބައިވެރިވެވަޑައިގަތްކަން ޝަރީއަތަށް ހުށަހެޅުނު ފޮޓޯތަކާއި ވިޑިއޯތަކުން ސާބިތުވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެބްރުއަރީ ހަތް ވަނަ ދުވަހު ރިޔާޒު ހުންނެވީ ދައުލަތުގެ އެއްވެސް މަގާމެއްގައި ނޫން ކަމަށް ވާއިރު އުސޫލުތަކާ ޚިލާފަށް ސިފައިންނާ އެކު ރައީސް އޮފީހުގެ ތެރެއަށް ވަދެ ރިޔާޒު އެތަނުގެ ލިޔުންތައް ނަންގަވާފައިވާ ކަމަށެވެ.
އުސްފަސްގަނޑުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައި ވަނީ ރިޔާޒު ބަޣާވާތް ކުރެއްވި ކަމަށް އެމަނިކުފާނަށް ތުހުމަތު ކުރެއްވޭތީ "ބާޣީ ރިޔާޒު" އޭ އަދިވެސް ކިޔާނެ ކަމަށާއި ފެބްރުއަރީ ހަތް ވަނަ ދުވަހު ހިނގައިދިޔަ ކަންތަކަށް ބަލާއިރު އެ ތުހުމަތު ރިޔާރުގެ މައްޗަށް ކުރުމުގެ ފުރުސަތު ނަޝީދަށް އެބައޮތް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހަސަން ލަތީފް ވަނީ އެ މައްސަލައިގައި އެކްސްޕާޓުން ޝަރީއަތަށް ހާޒިރު ކުރަން ބޭނުންވާ ކަމަށް ބުނެ ހެކި ހުށަހެޅުމަށް ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.
މިއަދުގެ ޝަރީއަތުގައި ރިޔާޒުގެ ވަކީލު އަރީފް އަހްމަދު ނަސީމް ވިދާޅުވީ ނަޝީދުގެ ފަރާތުން ހުށަހެޅުއްވި ބަޔާނަށް ރައްދުދެއްވައި ބަޔާނެއް ހުށަހެޅުމަށް ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.
ގާޒީ އަބްދުﷲ ޖަމީލު މޫސާ ވަނީ ރިޔާޒުގެ ވަކީލު އެދިލެއްވި ގޮތަށް އެ ފުރުސަތު ދެއްވާފަ އެވެ. ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އެކްސްޕާޓުން ހާޒިރުކުރުމަށް ނަޝީދުގެ ފަރާތުން އެދިވަޑައިގެންފައިވާތީ އެ ފުރުސަތު ދިނުމާ މެދު ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.