ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ރޭ ދެލަނޑު އެއްލަނޑުން ޕޯޗުގީޒުގެ ބެންފިކާ ބަލިކޮށް އިނގިރޭސި ވިލާތުގެ ޗެލްސީ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ނެދަލެންޑްސްގެ އަމްސްޓަޑަން އެރީނާގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލުގައި ޗެލްސީގެ ފުރަތަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 59 ވަނަ މިނިޓުގައި ފެނާންޑޯ ޓޮރޭޒްއެވެ. ޓޮރޭޒް އެ ލަނޑު ކާމިޔާބު ކުރީ ބެންފިކާގެ ހާފުގެ މެދުތެރެއިން ހުއާން މާޓާ ދިންޕާހެއް ބެންފިކާގެ ޑިފެންޑަރު ކައިރިން ނައްޓާލާފައިގޮސް އަދި ކީޕަރު ކައިރިންވެސް ނައްޓާލާފައި ގޯލްގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.

މެޗުގެ ނަތީޖާ ބެންފިކާއަށް ހަމަހަމަ ކޮށްދިނީ 68 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އޮސްކާ ކަޑޯޒޯއެވެ. އެ ޕެނަލްޓީއަކީ ޗެލްސީގެ ޕެނަލްޓީ އޭރިޔާތެރެއިން ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ސީޒާ އަޒްޕިލިކުއެޓާގެ އަތުގައި ޖެހުމުން ބެންފިކާ އަށް ލިބުނު ޕެނަލްޓީ އެކެވެ.

ފައިނަލުގައި ކުޅުމުގެ ފުރުސަތު ލިބި އެހެން ނަމަވެސް ޔޫރަޕްގެ ޓްރޮފީއެއް ނުލިބި ބައިގަރުނަށްވުރެ ގިނަދުވަސް ވެފައިވާ ބެންފިކާގެ އުންމީދުތައް ފެނަށް ދުއްވައިލީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރުވަގުތުގެ ގޮތުގައި ދެއްކި ތިން މިނިޓުގެ ފަހު ވަގުތު ކޮޅުތެރޭގައި ހުއާން މާޓާ ނަގައިދިން ކޯނަރެއް ވަރަށް ރީތިކޮށް ބޮލުންޖަހައި ބެންފިކާގެ ގޯލްތެރެއަށް ފޮނުވާލައިގެން ބްރަނިސްލޮވް އިވަނޯވިޗްއެވެ.

ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ރޭ ޗެލްސީއިން ހޯދުމުން އެ ކުލަބު ވެގެން ގޮސްފައިވަނީ ޔޫރަޕްގެ ފުޓްބޯޅައިގެ ތާރީހުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށްފަހު ޖެހިގެން އައި ސީޒަންގައި ޔޯރޮޕާ ލީގު ކާމިޔާބު ކުރި ފުރަތަމަ ކުލަބަށެވެ. އަދި ޗެލްސީގެ ވަގުތީ ކޯޗު ރަފާ ބެނިޓޭޒް ވަނީ ޔޫރޮޕާ ލީގު އެއް ފަހަރަށް ވުރެ ގިނައިން ކާމިޔާބު ކުރި ހަތަރު ކޯޗުންގެ ތެރޭގައި ހިމެނިފައެވެ.