ހދ. ކުމުންދޫ ސްކޫލްގެ ދަރިވަރަށް ޓީޗަރަކު އަނިޔާ ކުރި ކަމަށް ބުނެ އެ ރަށު ޓީޗަރަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކުމުންދޫ ސްކޫލް ތެރެއަށް ބަޔަކު ވަދެ ޓީޗަރަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 41 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެއްގެ އިތުރުން 28 އަހަރުގެ މީހެކެވެ.

އެ ހާދިސާގައި އަނިޔާވި ކުމުންދޫ ސްކޫލްގެ ފިޒިކްސް ޓީޗަރަށް ލިބުނު އަނިޔާއަށް އިތުރު ފަރުވާދިނުމަށް އިއްޔެ ހަވީރު މާލެ ފޮނުވާލާފައިވާ ކަމަށް ކުމުންދޫ ކައުންސިލުން ބުނެ އެވެ.

ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު ހަވީރު އިރުއޮއްސުނު އިރު ފުލުހުންނަށް ހުށަހެޅި އެ މައްސަލައިގައި އަނިޔާ ލިބުނު ކަމަށް ބުނާ ދަރިވަރު އެ ދުވަހު ކުމުންދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

އެފަދަ މައްސަލަތަކުގައި ދެ ފަރާތުގެ ދެމެދުގައި ދެކޮޅުވެރިކަން އުފައްދައި މާރާމާރީ ނުހިންގައި ވާހަކަ ދައްކައިގެން ނޫންނަމަ ފުލުހުން މެދުވެރިކޮށް މައްސަލަ ހައްލުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.