ހުސްވި އޭޕުރީލް މަހު ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތްކުރި ނިސްބަތް، މިދިޔަ އަހަރުގެ އެ މަހާ އަޅާ ބަލާ އިރު 14.3 ޕަސެންޓްގެ ކުރިއެރުމެއް ހޯދައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މިދިޔަ މަހު ރާއްޖެ އަށް ވަނީ 90636 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރު އޭޕުރީލް މަހު ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 79288 ޓޫރިސްޓުންނެވެ. އެހެންކަމުން މިއީ 11348 ޓޫރިސްޓުން އިތުރުވެ 14.3 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިއަހަރު މިހާތަނަށް ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތްކުރާ މިންވަރު އިތުރުވަމުން އަންނައިރު މިދިޔަ މަހަށް ބަލާ އިރު ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ބޮޑު ބައެއް ހިއްސާކޮށްފައި ވަނީ ޔޫރަޕުގެ ސަރަހައްދުންނެވެ.

މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ އިންނެވެ. އެގޮތުން އެ ގައުމުން ރާއްޖެ އަށް 20329 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

ޒަމާންވީ ބައެއް މާކެޓުތަކަށް ބަލާ އިރު މިހާރު ހީނަރުވެފައިވާ ޔޫރަޕު ސަރަހައްދުން މިދިޔަ މަހުގެ ތެރޭގައި ރާއްޖެ އަށް ވަނީ 48978 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. ނަމަވެސް އެއީ މިދިޔަ އަހަރުގެ އޭޕުރީލް މަހާއި އަޅާބަލާ އިރު 4.3 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ މަހު ޔޫރަޕު ސަރަހައްދުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އިނގިރޭސި ވިލާތުން ރާއްޖެ އަށް 8654 ޓޫރިސްޓުން ޒިޔާރަތްކުރި އިރު ޖަރުމަނުވިލާތުން ވަނީ 8303 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. އަދި ރަޝިއާ އިން ވަނީ 6241 ޓުރިސްޓުން ޒިޔާރަތްކޮށްފަ އެވެ.

ސަރަހައްދުތަކަށް ބަލާއިރު ޔޫރަޕު ސަރަހައްދުން ރާއްޖެ އަށް 48,978 ޓުރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު އޭޝިއާ ސަރަހައްދުން ވަނީ 35,663 ޓުރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ. އަދި އެމެރިކާ ސަރަހައްދުން 2,809 ވަނީ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ.

މިއަހަރުގެ އޭޕުރީލް މަހުގެ ނިޔަލަށް ރާއްޖެ އަށް ވަނީ 383748 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރުގެ އެމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 335155 ޓޫރިސްޓްއިން ނެވެ. އެހެން ކަމުން އެއީ 14.5ގެ ކުރިއެރުމެކެވެ.