ތިން އިންތިހާބެއް ބޯމަތިވަމުން އަންނައިރު ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން އެކި ރަށްތަކަށް ދަތުރުކޮށް ރައްޔިތުންނަށް ތަފާތު އެކި ވަޢުދުތައް ވަމުންދެ އެވެ. އެހެން ނަމަވެސް އުފެދޭ ސުވާލަކީ ދައުލަތުން ހަރަދުކޮށްގެން ހިންގަމުންދާ ސިޔާސީ ޕާޓީތަކުން ފައިސާ ހޯދާގޮތާއި ހަރަދު ކުރާ ގޮތް އެނގެނީ ރައްޔިތުންގެ ތެރެއިން ކިތައް މީހުންނަށް ބާވަ އެވެ. ސިޔާސީ ޕާޓީތަކުގެ ބޮޑު ބަޖެޓްގެ ހަގީގަތް އެ ޕާޓީތަކުގެ ބެލެނިވެރިފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނަށް އެނގޭބާވަ އެވެ. ނުވަތަ ސިޔާސީ ޕާޓީތަކުން ފައިސާ ހޯދާ ގޮތާއި ފައިސާ ހަރަދު ކުރާ ގޮތް ބެލޭނެ އެކަށީގެންވާ ނިޒާމެއް ގާއިމް ކުރެވިފައިވޭބާވަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނޫ ބުނާ ގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ހޯދޭނީ މެންބަރުންގެ އަތުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އަތުންނާއި، ސަރުކާރުންދޭ މާލީ އެހީ އާއި، ވިޔަފާރީގެ މުއާމަލާތްތަކުންނާއި، ފައިސާ ހޯދަން ހިންގާ ހަރަކާތްތަކުންނާއި، އަދި ދަރަންޏަށް ފައިސާ ނަގައިގެން ވެސް ސިޔާސީ ޕާޓީތަކަށް ފައިސާ ހޯދޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ސިޔާސީ ޕާޓީތަކަށް ބޭރުގެ އެހީ ވެސް ހޯދޭނެ ކަމަށް ބުނެފައިވެ އެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން އެހެން ސަރުކާރުތަކުންނާއި ބޭރުގެ ޖަމާއަތްތަކުންނާއި ބޭރު ގައުމުތަކުގެ އިދާރާތަކުންނާއި އަދި އެނޫން ވެސް ބިދޭސީ ފަރާތްތަކުން އެހީގެ ގޮތުގައި ދޭ ފައިސާ އާއި ތަކެތި ޕާޓީތަކުން ބަލައިގަންނަން ވާނީ އިލެކްޝަންސް ކޮމިޝަންގެ ހުއްދަ ލިޔުމަކުން ހޯދައިގެންނެވެ.

ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ އިލެކްޝަންސް ކޮމިޝަނުން ދޫކުރަން ޖެހޭނީ އަހަރީ އޮޑިޓް ރިޕޯޓް ހުށަހަޅާފައިވާ ޕާޓީ ތަކަށާއި އަދި ޕާޓީގެ އަހަރީ ރިޕޯޓް ހުށަހަޅާ ސިޔާސީ ޕާޓީ ތަކަށެވެ. މީގެ އިތުރުން ޕާޓީގެ މަގުސަދުތައް ހާސިލުކުރަން މަސައްކަތް ކޮށްފައިވާކަން އަހަރީ ރިޕޯޓުން ފެންނަން އޮންނަ ޕާޓީތަކަށެވެ.

އެމައްސަލާގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ފައިސާ ހޯދާ ގޮތާއި ފައިސާ ހަރުދު ކުރާ ގޮތް ބެލޭނެ އެންމެ އެކަށީގެންވާ ނިޒާމެއް ގާއިމް ކުރެވިފައި ނެތް ކަމަށާއި އެހެން ނަމަވެސް ސިޔާސީ ޕާޓީތަކުން ފައިސާ ހޯދާ ގޮތާއި ހަރަދު ކުރާ ގޮތް މިހާރު ވެސް އެ ކޮމިޝަނުން ކޮންމެވެސް ސިފައެއްގައި ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން އަހަރަކު އެއްފަހަރު ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް އެ ޕާޓީއެއްގެ އަހަރީ އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ޕާޓީތަކުން ތައްޔާރު ކުރާ އޮޑިޓް ރިޕޯޓް ތައްޔާރު ކުރަން ޖެހޭނީ އޮޑިޓާ ޖެނަރަލް ގަބޫލު ކުރާ އޮޑިޓް ފާމްއަކުން ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. އަދި އެ އޮޑިޓް ރިޕޯޓްގައި ސިޔާސީ ޕާޓީތަކުން ފައިސާ ހޯދި ގޮތާއި ހޯދި ތާރީހާއި ހަރަދު ކުރި ގޮތާއި ހަރަދު ކުރި ތާރީހު ސާފުކޮށް ބަޔާންކޮށްފައި ހުންނަން ޖެހޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީތަކުން ފައިސާ ހަރަދު ކުރާ ގޮތް އަޅުގަނޑުމެން ދެ ގޮތަކަށް ބަލަހައްޓަމުން ގެންދަން. ފުރަތަމަ ގޮތަކީ ސިޔާސީ ޕާޓީތަކުން ޖެހޭނެ ކޮންމެ އަހަރަކު އެއް ފަހަރު އެ ޕާޓީ އެއްގެ އަހަރީ އޮޑިޓް ރިޕޯޓް ހުށަހެޅުން. އެ ރިޕޯޓުގައި ހުންނަން ޖެހޭނެ ދައުލަތުން އެ ޕާޓީއަކަށް ދޫކުރި ފައިސާ ހަރަދު ކުރި ގޮތް. އޭގެ އިތުރުން އޮޑިޓް ރިޕޯޓްގައި ވަރަށް ހާމަކަން ބޮޑު ގޮތަކަށް ހުންނަން ޖެހޭނެ އެ ސިޔާސީ ޕާޓީ އަކުން ފައިސާ ހޯދުމަށް ކުރި މަސައްކަތަކާއި ފައިސާ ހޯދި ތާރީހާއި ފައިސާ ދިން މީހެއް ސާފުކޮށް އެނގެން ހުންނަން ޖެހޭނެ. އަދި ފައިސާ ހަރަދު ކުރި ތާރީހާއި ހަރަދު ކުރި ގޮތް ބަޔާން ކޮށްފައި ހުންނަން ޖެހޭނެ،" ފުއާދު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުން ފައިސާ ހަރަދު ކުރާ ގޮތް ބަލައި ދެވަނަ ގޮތެއް ކަމަށް ފުއާދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން ކެންޕޭންތަކަށް ހަރަދު ކުރާ އިރު އެކަމަށްޓަކައި ވަކި ބެންކް އެކައުންޓެއް ހުޅުވަން ޖެހޭނެ ކަމަށެވެ. އަދި އެ ކެންޑިޑޭޓަކަށް ޕާޓީން ފައިސާ ހަރަދު ކޮށްފައިވާ ނަމަ ހަރަދު ކުރި މިންވަރާއި ހަރަދު ކުރި ތާރީހް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި އެކި ފަރާތްތަކުން އެހީގެ ގޮތުގައި ފައިސާ ދީފައިވާ ނަމަ ފައިސާ ދިން ފަރާތާއި ފައިސާ ދިން ތާރީހް ވެސް އެ ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ފައިސާ ހަރުދު ކުރާ ގޮތާއި ފައިސާ ހޯދާ ގޮތް ބަލައި ދެނެގަތުމުގައި އިލެކްޝަންސް ކޮމިޝައަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން އެކަންތައްތައް ބެލެހެއްޓުމުގައި ކޮމިޝަންގައި އެކަށީގެންވާ ވަރަށް މުވައްޒަފުން ނެތުމާއި އަދި އެކަމަށްޓަކައި ބޭނުންވާ ޒަމާނީ ވަސީލަތްތައް ނެތް ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީތަކުން ފައިސާ ހަރަދު ކުރާ ގޮތާއި ފައިސާ ހޯދާ ގޮތް ބަލަހައްޓޭނެ އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް ވެސް އަންނަން ޖެހޭ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. މީގެއިތުރުން ފުއާދު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ފައިސާ ހޯދާ ގޮތާއި ފައިސާ ހަރަދު ކުރާ ގޮތް އެންމެ އެކަށީގެންވާ ގޮތެއްގައި އެ ކޮމިޝަންނަށް މޮނީޓާ ނުކުރެވޭކަން ގަބޫލު ކުރައްވާ ކަމަށާއި އެކަމުގައި ވެސް ކޮމިޝަނަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދު ހަދައި ނިމުމުން އެކަމަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމަށާއި އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ކައުންސިލްތަކުގެ އިންތިހާބާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމުމުން ސިޔާސީ ޕާޓީތަކުން ފައިސާ ހަރަދު ކުރާ ގޮތާއި ފައިސާ ހޯދާ ގޮތް ބެލުމުގައި ފަސޭހަވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުން ފައިސާ ހޯދާ ގޮތާއި ހަރަދު ކުރާ ގޮތާއި ބެހޭ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވަކަސީ މެނޭޖަރު އައިމަން ރަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުންނާއި އެ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުން އިންތިހާބީ ކެމްޕޭންތަކުގައި ފައިސާ އާއި މާލީ ކަންކަން ހާމަކަމާއި ޒިންމާދާރުކަން ހާސިލްކުރުމަށްޓަކައި ފައިސާއާ ގުޅުން ހުރި ޝަރުއީ އޮނިގަނޑާއި އަމަލުކުރާ އުސޫލްތައް ހަރުދަނާކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި ދައުލަތުގެ ހުރިހައި މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރާން ޖެހޭ ކަމަށް އައިމަން ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީތަކުން އަދި އެ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުން އިންތިހާބްތަކުގައި ކެމްޕޭންތަކުގައި ފައިސާ އާއި މާލީ ކަންކަން ބެލެހެއްޓޭނެ އެކަށީގެންވާ ގޮތް ތަކެއް ނެތް. ހާމަކަމެއް ނެތް. އެހެން ވީމަ ސިޔާސީ ޕާޓީތަކުންނާއި ޕާޓީތަކުގެ ކެންޑިޑޭޓުން ހަރަދު ކުރާ ފައިސާ ހާމަކަމާއި އެކެން ޒިންމާދާރު ކަމާ އެކު ދެނެގަތުމަށް ޓަކައި ފައިސާއާ ގުޅުން ހުރި ޝަރުއީ އޮނިގަނޑާއި އަމަލުކުރާ އުސޫލްތައް ހަރުދަނާކުރަން ޖެހޭ،"

އައިމަން ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަމަލު ކުރަމުންދާ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ބޭރުގެ ފަރާތްތަކުން ސިޔާސީ ޕާޓީތަކަށް ފައިސާ ހަރަދު ކުރެވޭ ގޮތަށް އޮވެފައި އެކަން ބެލޭނެ އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް ނެތުމަކީ އެކަމުގެ ސަބަބުން ކޮރޮޕްޝަނަށް މަގުފަހިވެގެން ހިގައިދާނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރާ ހަރަދު ރައްޔިތުންނަށް ފެންނާނޭހެން އާންމު ކުރަން ޖެހޭނެ ކަމަށެވެ.

"ޕާޓީތަކުންނާއި ކެންޑިޑޭޓުން އިލެކްޝަނަށް ހުށަހަޅާ މާލީ ރިޕޯޓްތައް އާއްމުންނަށް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސަން އެބަ ޖެހޭ. ޕާޓީތަކާއި ކެންޑިޑޭޓުންނަށް ހަރަދުކުރާ ފަރާތްތަކަކީ ކޮބައިކަން ރަސްމީކޮށް ހާމަކުރަން ޖެހޭ ގޮތަށް ލާޒިމްކޮށް ގާނޫނުތައް ބަދަލުކުރަން ޖެހޭ. އަދި އަލަށް އަމަލު ކުރަން ފެށި ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ބޭރުގެ ފަރާތްތަކަށް ވެސް ސިޔާސީ ޕާޓީތަކަށް އެހީވެވިދާނެ. އެހެން ނަމަވެސް އޭގައި ވެސް އެއް ވެސް ލިމިޓެއް ނެތް. އަދި އެ ފައިސާ ހޯދާގޮތާއި ލިބުނު ގޮތާއި ދިން ފަރާތާއި މިނޫން ވެސް ކަންތައްތައް ބެލޭނެ އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް ނެތް،" އައިމަން ވިދާޅުވި އެވެ.

އައިމަން އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެންބަރުން ތިބޭ އަދަދަށް ޕާޓީތަކަށް ފައިސާ ދޫކުރުމަކީ ވެސް އޭގެ ސަބަބުން ކޮރޮޕްޝަންއަށް މަގުފަހިވެގެން ހިގައިދާނެ ކަމެއް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަދި ބައެއް ފަރާތްތައް ޕާޓީ ބަދަލު ކުރުމުގައި ފައިސާ އެކުލެވޭ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އެހެން ކަމުން މެންބަރުން ތިބޭ އަދަދަށް ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގެ ބަދަލުގައި ޕާޓީތަކުން އިންތިހާބު ތަކުގައި ވާދަ ކޮށްގެން އެ ޕާޓީތަކަށް އިންތިހާބުތަކުން ލިބޭ ސީޓްތަކަށް ބަލައިގެން ފައިސާ ދިނުމަކީ އޭގައި އެކުލެވޭ ކޮރޮޕްޝަން ހުއްޓުވިދާނޭ ކަމެއް ކަމަށް އައިމަން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއްވެސް ސިޔާސީ ޕާޓީއަކަށް ވިޔަފާރި ކުރެވޭނެ ގޮތަށް އޮތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީތަކުން ފައިސާ ހޯދާ ގޮތާއި ފައިސާ ހަރަދު ކުރާ ގޮތް ބެލުމުގައި އިލެކްޝަންސް ކޮމިޝަން ވަނީ ނުކުޅެދިފައި ކަމަށެވެ.

ކޮންމެއަކަސް އިލެކްޝަންސް ކޮމިޝަންގެ ވާހަކަތަކުންނާއި އަދި ޓްރާންސްޕޭރެންސީގެ ވާހަކަތަކުން އެނގޭ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ބޮޑު ބަޖެޓް ހަރަދު ކުރާ ގޮތް އެނގޭނެ އެކަށީގެންވާ ނިޒާމެއް ގާއިމް ކުރެވިފައި ނެތް ކަމަވެ. އަދި އެކަމުގައި އިލެކްޝަންސް ކޮމިޝަން ވެސް ފެއިލްވެފައިވާ ކަމަވެ. އެހެން ނަމަވެސް ރައްޔިތުންގެ ފައިސާ އިން ހިންގަމުންދާ ސިޔާސީ ޕާޓީތަކުން ފައިސާ ހޯދާ ގޮތާއި ހަރަދު ކުރާ ގޮތް ރައްޔިތުންނަށް ހާމަވާން ޖެހޭނެ އެވެ. އެހެން ކަމުން ސިޔާސީ ޕާޓީތަކުގެ ބޮޑު ބަޖެޓް ހަރަދު ބެލޭނެ ނިޒާމެއް ދައުލަތުގެ ހުރިހައި މުއައްސަސާތަކެއް ގުޅިގެން އެކަށައަޅަން އެބަޖެހެ އެވެ.