16 May 2013, 09:21
ސީޕްލޭންގެ ދަތުރުތައް އަތޮޅުތަކަށް ޝެޑިއުލްކޮށް ކުރުމަށް ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) އާއި މޯލްޑިވިއަން އެއާޓެކްސީ (އެމްއޭޓީ)ން ހުށަހަޅާފައި ވަނީ ވަރަށް ބޮޑު އަގުތަކެއް ކަމަށާއި އެކަމާ ބެހޭ ގޮތުން އެ ފަރާތްތަކާ އެކު މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް މިއަދު ސަން އަށް ވިދާޅުވީ މީހުން އުޅޭ ރަށްރަށަށް ސީޕްލޭންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ހުޅުވާލުމުން ދެ ކުންފުނި ގުޅިގެން ހުށަހަޅާފައިވާ އަގުތަކަކީ ސަރުކާރަށް އެކަށީގެންވާ މިންވަރަށް ވުރެ ބޮޑު އަގުތަކެއް ކަމަށެވެ. އެގޮތުން އޭވިއޭޝަން ޗާޖުތައް ހިލޭކޮށްދިނުމާއި ދަތުކުރާ ކޮންމެ ޕެސެންޖަރެއްގެ ބޮލަކަށް މަދުވެގެން 95 ޑޮލަރު (1،464.9ރ.)ނަގަން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސާމީ ވިދާޅުވީ ސީޕްލޭންގެ ހިދުމަތްދޭ ދެ ކުންފުނިން ހުށަހަޅާފައިވާ ގޮތުން ކޮޅަކަށް 12 ޕެސެންޖަރުންނަށް ވުރެ މަދުން ދަތުރުކުރާ ނަމަ ބޮލަކަށް ވަކި މިންވަރެއް ސަރުކާރުން ދައްކަން ޖެހޭނެ ކަމަށެވެ.
"އެހެންވެއްޖެ ނަމަ މަހަކު ގާތްގަނޑަކަށް 800،000 ރ. މަދުވެގެން ސަރުކާރުން ދައްކަން ޖެހޭނެ،[ އެ ކުންފުންޏަށް]. އެ އަގުތަކަކީ ސަރުކާރަށް އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގުތަކެއް. ސަރުކާރުން މަސަކަތްކުރަނީ ދެމެހެއްޓެނިވި ގޮތެއްގައި މިކަންކުރެވޭނެ ގޮތެއް ހަމަޖައްސަން،" އޭނާ ވިދާޅުވި އެވެ.
ސާމީ ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ އެ ފަރާތްތަކާ އެކު މަޝްވަރާކޮށްގެން އަގުތަކަށް ބަދަލެއް ގެނެވޭތޯ ބެލުން ކަމަށެވެ.
ޓީއެމްއޭ އާއި އެމްއޭޓީގެ މައިގަނޑު ހިއްސާދާރަކީ އެމެރިކާގެ މަޝްހޫރު އިންވެސްޓްމަންޓް ކުންފުނި ބްލެކްސްޓޯން އެވެ. އަތޮޅުތަކަށް ސީޕްލޭންގެ ހިދުމަތް ދިނުމަށް ސަރުކާރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18ގައި އެމްއޭޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރި އެވެ.
ސާމީ ވިދާޅުވީ ޓީއެމްއޭއާ އެކު ސޮއިކުރި އެއްބަސްވުމަށް އަމަލުކުރެވެން ނެތިގެން އެ އެއްބަސްވުން މިހާރު ބާތިލްކޮށްފައިވާ ކަމަށެވެ.
ސީޕްލޭންގެ ހިދުމަތް އަތޮޅުތަކަށް ދޭން ޓްރާންސްޕޯޓް މިނިސްޓްރީން މިއަހަރު ކުރީކޮޅު އިއުލާން ކުރީ ދަތުރުފަތުރުގެ ނިޒާމާ ގުޅުވާލުމަށެވެ. ސީ ޕްލޭންގެ ހިދުމަތްދޭ ޓީއެމްއޭ އާއި އެމްއޭޓީން ވެސް މިހާރު ދަތުރުކުރަނީ ޓޫރިސްޓުން އުފުލުމަށް ހަމައެކަނި ރިސޯޓްތަކަށެވެ.