16 May 2013, 09:07
ޑާކާ ( މޭ 16) : ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ބާރުގަދަ ތޫފާން "މަޙާސިން" ބަންގްލަދޭޝްގެ ހުޅަނގު ދެކުނު އައްސޭރިފަށުގެ ސަރަހައްދުތަކަށް މިއަދު ހެނދުނު އަރަންފަށާނެ ކަމަށް ބަންގްލަދޭޝްގެ މޫސުމާބެހޭ އިދާރާ އިން ބުނެފި އެވެ.
އެ އިދާރާއިން ބުނީ "މަހާސިން" ގެނަމުން ނަންދީފައިވާ މިތޫފާން އެގައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޗިޓަގޮންގެ ބިންތިރި ހިސާބުތަކަށާއި ކޮކްސް ބާޒާރު ސަރަހައްދަށް މިއަދު އަރާނެ ކަމަށް ބެލެވޭތީ އެތަންތަނުގައި ދިރިއުޅޭ އެތައް ލައްކަބަޔަކު ރައްކާތެރި ސަރަޙައްދުތަކަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންގެންދާ ކަމުގަ އެވެ. ބަންގްލަދޭޝްގެ މަސްވެރިންނަށް ވެސް ވަނީ ކަނޑުމަތީގައި ނޫޅުމަށް މީގެ ތިން ދެ ދުވަސްކުރިން އިންޒާރުދީފަ އެވެ.
ބަންގްލަދޭޝްގެ މޫސުމާބެހޭ އިދާރާ އިން ވަނީ "މަހާސިން"ގެ ނުރައްކާތެރިކަން މިކަމާބެހޭ މިންގަނޑުގެ 5 ން 7 އަށް މަތިކޮށްފަ އެވެ. މިމިންގަނޑުގެ އެންމެ މަތީ ލެވެލްއަކީ 10 އެކެވެ. ތޫފާން "މަހާސިން" ބަންގްލަދޭޝްގެ ހުޅަނގު ދެކުނުގެ ސާޙިލް ޢާ ގާތްވަމުންދާއިރު ތޫފާންގައި ގަޑިއަކު 70 މޭލާއި 90 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިހުރިކަމަށް ވެސް ބަންގްލަދޭޝްގެ މޫސުމާބެހޭ އިދާރާ ބުނެ އެވެ. އދ. ންވަނީ ބަންގްލަދޭޝް އާއި މިޔަންމާ އާއި އިންޑިޔާގެ އިރުދެކުނުގެ ސަރަހައްދުތަކުގައި ދިރިއުޅޭ އެތައް މިލިޔަން ބައެއްގެ ތެރެއިން 2.8 މިލިޔަން މީހުން މިތޫފާންގެ ސަބަބުން ހާލުގައި ޖެހިދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ތޫފާން "މަހާސިން" އަރާނެ ކަމަށް ބެލެވޭ މިޔަންމާގެ ސަރަހައްދުތަކުގެ މީހުން ވެސް ރައްކާތެރި ސަރަޙައްދުތަކަށް ގެންދިޔުމުގެ މަސައްކަތް ހުއްޓާނުލައި ކުރިޔަށްގެންދާކަން އެދެގައުމުން ވަނީ ހާމަކޮށްފަ އެވެ. މިޔަންމާގެ ސަރުކާރުން ބުނީ "މަހާސިން"ގެ ގެއްލުން އެންމެ ބޮޑަށް ފޯރާނެ ކަމަށް ބެލެވެނީ އެގައުމުގެ ބައިމަދު ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުން ދިރިއުޅޭ ކެރިން ސްޓޭޓަށް ކަމުގަ އެވެ. ރެކިން ސްޓޭޓްގެ ރައްޔިތުންގެ ތެރެއިން ދެލައްކައެއްހާ މީހުން ރައްކާތެރި ތަންތަނަށް ގެންދިޔުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް މިޔަންމާ ސަރުކާރުން ބުނެ އެވެ. ރެކިން ސްޓޭޓްގެ އާބާދީގައި ގިނައީ ބައިމަދު ރޮހިންގްޔާ ދަރިކޮޅުގެ ޙާލުގައި ޖެހިފައިވާ މުސްލިމުންނެވެ.
މިބައިމީހުންގެ ގެދޮރު އަންދާލައި މުދާތައް ވަގަށްނެގުމުގެ ސަބަބުން މިހާރު ވެސް ދިރިއުޅެމުން ގެންދަނީ ހާމަތަންތަނުގައި ޖަހާފައިވާ އާދައިގެ ފޭލިގެތަކުގަ އެވެ. ތޫފާން "މަހާސިން"ގެ ބާރުގަދަ ވައިން މިފޭލިގެތައް ހަލާކުވެ ރޮހިންގްޔާ މުސްލިމް ޢާއިލާތައް މިހާރަށް ވުރެ ވެސް ބިކަޙާލުގައި ޖެހިގެން ހިނގައިދާނެކަމުގެ ބިރުއޮތްކަން އެހީ ދޭ ޖަމާއަތްތަކުން ވެސްވަނީ ހާމަކޮށްފަ އެވެ. (ނޫސްއެޖެންސީތައް)