26 Oct 2010, 07:10
ޑީއާރުޕީން ބޭއްވި މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ނޫސްވެރިންނަށް އަނިޔާވެފައިވާތީ އެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ޑީއާރުޕީން ބުނެފި އެވެ.
ޑީއާރުޕީން ރޭ ބޭއްވި އެމުޒާހަރާ ފުލުހުން ކޮންޓްރޯލް ކުރިތާ މާގިނަ އިރުތަކެއް ނުވެ ޑީއާރްޕީގެ އޮފީސް ދޮރުމަތީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިލި މާފަންނު ދާއިރާގެ މެންބަރު ނިހާން ހުސެން މަނިކު ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ޑީއާރުޕީން ފަށާފައިވާ ސިލްސިލާ މުޒާހަރާތައް އަދިވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
ޑީއާރުޕީގެ ރޭގެ މުޒާހަރާގައި ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުން ދީފައިވާ ހުރިހާ ހަމަލާތަކެއް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ނޫސްވެރިންނަށް ދިން އެ ހުރިހާ ހަމަލާތަކެއް ބައިނަލްއަގުވާމީ މުޖުތަމައަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީޑިއާ އަށް މިކުރި ޖެއްސުމަކީ ދުނިޔޭގެ ފެންވަރުގެ ކަމެއް (ކުށެއް) އަޅުގަނޑުމެން މިވަގުތުން މިވަގުތަށް ސްޓޭންޑްބައި އެބަވަން. އަޅުގަނޑުމެން އެދެން ތިޔަ ބޭފުޅުން އޭގެ ހެކި ގޮތުގައި އަޅުގަނޑުމެންނާ ހަމައަށް ތިޔަ ބޭފުޅުން އަތުގައި ހުރި މެޓީރިއަލް އާ ތިޔަ ބޭފުޅުންގެ ސްޓޭޓްމަންޓްސް އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދޭން." ނިހާން ވިދާޅުވި އެވެ.
އަދި އެކަމާ ދެކޮޅަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ވީހާ އަވަހަކަށް އަޅާނެ ކަމަށް ޑީއާރުޕީން ބުނެ އެވެ.