ނިމުތު މިއީ ކިޔުންތެރިންނާ އެހާ ރައްޓެހި ނޫން ބަހަކަށް ވެދާނެ އެވެ. އެހެން ކަމުން މި ލިޔުން ފަށައިގަތުމުގެ ކުރީން އެ ބަހުގެ މާނަ ލިޔެލުން މުހިންމު ކަމަށް ދެކެމެވެ. ނިމުތަކީ މުސްތަގުބަލުގައި ކަމެއް ވާނެ ކަމަށް ނުވަތަ ހިނގައިފާނެ ކަމަށް، އެކަމާއި ބެހޭ މައުލޫމާތު ނުލިބި ހުރެ، ބުނާ ބުނުމެކެވެ. ނުވަތަ ކުރިމަގުގައި ކަމެއް ވަކި ގޮތަކަށް ހިނގައިފާނެ ކަމަށް ކުރެވޭ ލަފަ އެކެވެ.

މީގެ އެއްސައްތަ އެއް އަހަރު ކުރީން، އޭޕްރީލު މަހެއްގެ 14 ވަނަ ދުވަހުގެ ރޭ ހިނގައިދިޔަ އެ ހާދިސާ އަކީ އިންސާނީ ތާރީޚު ދެކެފައި ވާ ކަނޑުމަތީގެ ކާރިސާތަކުގެ ތެރެއިން އެންމެ މަޝްހޫރު ކާރިސާއެވެ. އެ ކާރިސާގައި، އިންސާނުން ބިނާ ކުރި އެންމެ މަޝްހޫރު އެއް ކަނޑުމަތީ އުޅަނދު ކަމަށް ވާ އާރްއެމްއެސް ޓައިޓެނިކް ފެތުނެވެ.

ޓައިޓެނިކް ބަނީ ކަނޑުބޯޓު ދުއްވުމުގެ ވިޔަފާރި ކުރާ އިނގިރޭސި ކުންފުންޏެއް ކަމަށް ވާ "ވައިޓް ސްޓާރ ލައިން" އިން ޚަރަދު ކޮށްގެން، އަޔަރލޭންޑުގެ ބެލްފާސްޓް ގައި، "ހާރލޭންޑް އެންޑް ވޮލްފް" ކުންފުނީގެ ބޯޓުޔާޑެއްގައެވެ. އެ ބޯޓު ފެތުމަކީ "އަމަލީ ގޮތުން ބަލާއިރު މުސްތަހީލު" ކަމަށް އިނގިރޭސި ވިލާތުގެ ނޫސްވެރީން ބުނަމުން ދިޔައެވެ. އެ ބޯޓަކީ އިންޖިނޭރުކަމާއި ކަނޑުމަތީ އުޅަނދު ބަނުމުގެ ފަންނުގައި އިންސާނާ ހާސިލު ކުރި އެންމެ ބޮޑު އެއް ކާމިޔާބެވެ. އެ ބޯޓު ފެންމަތީގައި އޮތް އިރު، އެއަށްވުރެ ބޮޑު ކަނޑުމަތީ އުޅަނދެއް ދުނިޔެއަކު ނެތެވެ. އެ ބޯޓުގެ ފަރުމާގެ ރީތިކަމާއި ފުރިހަމަކަން މަދު ބަސްކޮޅަކުން ސިފަ ކުރުމަކީ މުމްކިން ކަމެއް ނޫނެވެ. އެ ބޯޓުގައި ކަސްރަތުޚާނާތަކާއި، ކުތުބުޚާނާތަކާއި، އެންމެ މަތީ ފެންވަރުގެ ރެސްޓޯރެންޓުތަކާއި، ރަސްކަމުގެ ގަނޑުވަރުތަކާ އެއް ދަރަޖައެއްގައި ޒީނަތްތެރި ކުރެވިފައިވާ މާލަންތައް ހުއްޓެވެ. ބޯޓު ބަނުމުގައި ބޭނުން ކުރެވުނު ޓެކްނޮލޮޖީ އާއި ހުނަރުވެރިކަމަކީ ދުނިޔޭގައި އެއިރު ލިބޭން ހުރި އެންމެ މޮޅު ޓެކްނޮލޮޖީ އާއި ހުނަރުވެރިކަމެވެ.

ނަމަވެސް މިފަދަ ފުރިހަމަ ބޯޓު ވީ ވަރަށް އުމުރު ކުރު ބޯޓަކަށެވެ. އަލަތު ދަތުރުގައި، އިނގިރޭސި ވިލާތުގެ ސައުތެމްޕްޓަނުން ފުރައިގެން، އުތުރު އެޓްލާންޓިކް ކަނޑު ހުރަސް ކޮށް، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ނިއު ޔޯރކަށް ދާން ދަތުރު ކުރަނިކޮށް، ޓައިޓެނިކް ފެތުނީ ކަނޑު ވެފައި އޮތް ބިޔަ ގަނޑުފެންގަނޑެއްގައި ޖެހި ބޯޓުގެ ހަލް ފަޅައިގެން ގޮސް، ކަޅިވަތްތައް ދިޔަ ވެ، ބޯޓު ފެންމަތީ ނޯންނަ ވަރު ވުމުންނެވެ.

ޓައިޓެނިކް ފެތުނު ކާރިސާގައި، އެ ބޯޓުގައި ތިބި 2224 މީހުންގެ ތެރެއިން 1502 މީހުން ޣަރަގު ވެގެން މަރު ވިއެވެ. ހަނގުރާމަވެރި ކުރިމަތިލުމެއްގައި ނޫން ގޮތަކަށް، ކަނޑުމަތީ އުޅަނދެއް ފެތިގެން މިހާ ގިނަ އަދަދެއްގެ އިންސާނުން މަރު ވެފައި ވަނީ ވަރަށް މަދުންނެވެ. އެހެންކަމުން ޓައިޓެނިކް ފެތުނު ކާރިސާ އަކީ ކަނޑުމަތީގައި ހިނގި އެންމެ ހިތާމަވެރި އެއް ހަދިސާ ވެސް މެއެވެ. މި ހާދިސާގައި މަރު ވި މީހުންގެ ތެރޭގައި އިނގިރޭސި ވިލާތާއި ސްކެންޑިނޭވިޔާއިން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ހިޖުރަ ކުރުމުގެ މަގުސަދުގައި ދަތުރު ކުރި އެތައް ސަތޭކަ ބަޔަކު ހިމެނުނެވެ. ޔޫރަޕުގައި އެންމެ ނަން ހިނގާ މުއްސަނދި ހިރިއުކަސްފުރަދާނައިންގެ އެތައް ބަޔަކު ހިމެނުނެވެ. ޓައިޓެނިކް ފެތި، އެއިން ދަތުރު ކުރި އެތައް ސަތޭކަ ބަޔަކު އެޓްލާންޓިކް ކަނޑުގެ ޝިކާރައަށް ވެގެން ދިޔަ ޚަބަރު 15 އޭޕްރިލް 1912 ވަނަ ދުވަހު އިނގިރޭސި ވިލާތާއި އެމެރިކާ އާއި ދެންވެސް ޔޫރަޕުގެ ބޮޑެތި ގައުމުތަކުގެ ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރުމުން، އެ ގައުމުތައް ގަނޑު ވި ކަހަލައެވެ. އެ ހާދިސާގެ ހިތާމައިގައި ރުއީ އެންމެ އާދައިގެ ރައްޔިތުންނާއި ގައުމުތަކުގެ ސިޔާސީ ލީޑަރުން އެއް ބީދައަކުންނެވެ.

ޓައިޓެނިކް ފެތުނު ކާރިސާއަށް އެއް ސައްތަ އެއް އަހަރު ވެފައި ވާ އިރު، އެ ހާދިސާގެ ޒިކުރާ އައު ކުރުމަށް ޓަކައި އެތައް ވާހަކައެއް ލިޔެވިފައި ވެއެވެ. އެތައް ފިލްމަކާއި ތަމްސީލެއް ތައްޔާރު ކުރެވި ކުޅެވިފައި ވެއެވެ. އެތައް ޅެމަކާއި ލަވައެއް ހެދި އާއްމު ކުރެވިފައި ވެއެވެ. އެތައް މައުރަޒެއް އިންތިޒާމު ކުރެވި ބޭއްވިފައި ވެއެވެ. ޓައިޓެނިކުގެ ޒިކުރާ އައު ކުރުމަށް ޓަކައި މިގޮތުން ކުރެވިފައި ވާ މަސައްކަތަށް އެކަނި ބެލިޔަސް، އެ ބޯޓުގެ ވާހަކައަކީ އިންސާނުން ދުވަހަކުވެސް ހަނދާން ނައްތައިނުލާނޭ ވާހަކައެއް ކަމަށް ބުނެވިދާނެއެވެ.

ޓައިޓެނިކުގެ ވާހަކަ އަޅުގަނޑުމެން ދިވެހީންގެ ތެރޭގައި ވެސް ވަރަށް މަޝްހޫރެވެ. ނަމަވެސް ޓައިޓެނިކް ފެތުމުގެ ކާރިސާއާ އެންމެ ހައިރާން ކުރުވަނިވި ގޮތެއްގައި ގުޅިފައި ވާ އެއް ވާހަކަ، މިއަދާ ހަމަޔަށް ވެސް އޮތީ ގިނަ ބަޔަކަށް ނޭނގޭ ވާހަކައެއްގެ ގޮތުގައެވެ. އެއީ ޓައިޓެނިކް ފެތުމުގެ 14 އަހަރު ކުރީން، 1898 ވަނަ އަހަރު، އެމެރިކާގެ ލިޔުންތެރިއަކު ލިޔެ ޝާއިއު ކުރި ވާހަކައެއްގެ ވާހަކައެވެ. މި ދެންނެވި ވާހަކަ ލިޔުނު ލިޔުންތެރިޔަކީ މޯރގަން އެންޑްރޫވ ރޮބަރޓްސަނެވެ. ވާހަކައިގެ ނަމަކީ "ފިޔުޓިލިޓީ، އޯރ ދަ ރެކް އޮފް ދަ ޓައިޓަން" މިއެވެ. މި ނަން އަވަސްތަރުޖަމާއަކުން ތަރުޖަމާ ކުރާ ނަމަ، "ބޭކާރުކަން، ނުވަތަ ޓައިޓަން ކަނޑުފެތުން" މި ކަހަލަ އިބާރާތަކުން ތަރުޖަމާ ކުރެވިދާނެއެވެ.

މޯރގަން ރޮބަރޓްސަން އުފަންވީ މީލާދީން 1861 ގައެވެ. އޭނާ އަކީ ކުރުވާހަކަ އާއި ނާވިލު ލިޔުމުގެ ފަންނުގައި މަޝްހޫރުކަން ހޯދި މީހެކެވެ. އޭނާގެ ބައްޕައަކީ ކަނޑުބޯޓުފަހަރު ދުއްވައި އުޅުނު ކައްޕިތާނެކެވެ. ޚުދު މޯރގަން ރޮބަރޓްސަން ވެސް ޅައުމުރު ހޭދަކުރީ ކަނޑުބޯޓުފަހަރުގައެވެ. އާދައިގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު، ކައްޕިތާނުގެ އެހީތެރިއެއްގެ މަގާމާ ހަމަޔަށް އޭނާ ކުރިއެރުން ހޯދިއެވެ. އަހަރުތަކެއް ވާންދެން ކަނޑުމަތީގައި މަސައްކަތް ކޮށްފައި، އެ މަސައްކަތް ދެކެ ފޫހި ވެގެން، ދެން އޭނާ ދަސް ކުރި ކަމަކީ ސުނާރުވެރިކަމާއި ޖަވާހިރު އުފެއްދުމުގެ މަސައްކަތެވެ. މި މަސައްކަތުން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސައިގެން ވެސް އޭނާ ދިހަ ވަރަކަށް އަހަރު އުޅުނެވެ. އެ މަސައްކަތް ހުއްޓާލީ އެ މަސައްކަތުގެ ސަބަބުން އޭނާގެ ލޮލަށް ގެއްލުން ވާ ކަމަށް ޑޮކްޓަރު ބުނެގެންނެވެ. އޭނާ ވާހަކަ ލިޔާން ފެށީ އޭގެ ފަހުންނެވެ.

މޯރގަން ރޮބަރޓްސަން އާއްމުކޮށް ލިޔެއުޅުނީ، ކަނޑުމަތީގައި އޭނާ ހޭދަ ކުރި ދުވަސްވަރުގެ ތަޖުރިބާގެ އަލީގައި، ކަނޑުމަތީގެ ހާދިސާތަކާ ގުޅޭ ވާހަކަތަކެވެ. އޭނާގެ ވާހަކަތައް ނިއު ޔޯރކުގެ މަޝްހޫރު ނޫސްމަޖައްލާތައް ކަމަށް ވާ "މެކްލުއަރ" އާއި "ސަޓަރޑޭ އީވްނިންގ ޕޯސްޓް" ފަދަ މަންޝޫރުތަކުގައި ޝާއިއު ކުރެވުނެވެ. މި މަސައްކަތުން އޭނާއަށް އެއްވެސް އިރަކު އެކަށީގެންވާ އާމުދަނީއެއް ނުލިބެއެވެ. އެހެންކަމުން އޭނާގެ ލިޔުންތެރިކަމުގެ ހަޔާތް ވެއަތު ކުރީ މާލީގޮތުން ދަތިކަމުގައެވެ. އޭގެ ސަބަބުން މާޔޫސް ވެފައި ހުރި ހާލަތެއްގައެވެ. ނަމަވެސް 1890 އިގެ ކުރީކޮޅުގެ އަހަރުތަކުން ފެށިގެން، 1915 ވަނަ އަހަރު އޭނާ ނިޔާ ވުމާ ހަމަޔަށް ވެސް ވާހަކަ ލިޔުން ދޫކޮށެއް ނުލައެވެ. ލިޔުންތެރީންނާއި ކުރެހުންތެރީންގެ މުޖުތަމައު ދޫކޮށެއްނުލައެވެ. ބުނެވޭ ގޮތުގައި އޭނާގެ އުމުރުގެ ފަހުކޮޅު، އޭނާއަށް ސިކުނޑީގެ ބައްޔެއް ތަހައްމަލު ކުރާން ވެސް ޖެހުނެވެ. އޭނާ މަރުވީ ހިތުގެ ބައްޔެއްގައެވެ.

އިސްވެ ދެންނެވުނު ފަދައިން، މޯރގަން ރޮބަރޓްސަންގެ "ފިޔުޓިލިޓީ، އޯރ ދަ ރެކް އޮފް ދަ ޓައިޓަން" މި ވާހަކަ އެންމެ ފުރަތަމަ ޝާއިއު ކުރެވުނީ މީލާދީން 1898 ވަނަ އަހަރުގައެވެ. މި ވާހަކައަކީ ވަރަށް ހައިރާން ކުރުވަނިވި ގޮތެއްގައި، ޓައިޓެނިކް ފެތުނު ކާރިސާއާ ގުޅިފައިވާ ވާހަކައެކޭ ވެސް ދެންނެވިއްޖެއެވެ. ސުވާލަކީ، އެއީ ކިހިނެއްތޯއޭ، އެހެން ނޫންތޯއެވެ؟

"ފިޔުޓިލިޓީ، އޯރ ދަ ރެކް އޮފް ދަ ޓައިޓަން" އަކީ އިނގިރޭސި ވިލާތުގެ ފަސިންޖަރުން އުފުލާ ބޯޓަކަށް ދިމާވާ ހާދިސާއެއްގެ ވާހަކަ ކިޔައިދޭ ވާހަކައެކެވެ. އެ ވާހަކައަކީ މޯރގަން ރޮބަރޓްސަން ލިޔުނު ޚިޔާލީ ވާހަކައަކަށް ވީ ނަމަވެސް، އަދި އެ ވާހަކަ ލިޔުނީ ހަގީގީ ދުނިޔޭގެ ޓައިޓެނިކް ފެތުމުގެ ހާދިސާގެ 14 އަހަރު ކުރީން ކަމަށް ވީ ނަމަވެސް، އެ ވާހަކަ ކިޔައިލުމުން ހީވާނީ، އެއީ ޓައިޓެނިކް ފެތުނު ހާދިސާ ބަލާން، އެ މަންޒަރު ދެކޭން ހުރި މީހަކު ލިޔެފައި އޮތް ވާހަކައެއް ހެންނެވެ. މޯރގަން ރޮބަރޓްސަންގެ ވާހަކައިގެ ހާދިސާ އާއި، ހަގީގީ ދުނިޔޭގެ ޓައިޓެނިކް ހާދިސާ އެހައިވެސް އެއްގޮތީއެވެ. ބޯޓުގެ ނަމާއި ސިފަތަކާއި ބޯޓަށް ދިމާވި ހާދިސާ އާއި، ދެން ވެގެން ދިޔަ ގޮތް ފަދަ ހުރިހާ ކަންތަކެއް ވެސް މެއެވެ. ވާހަކަ ކިޔައިލުމުން، މޯރގަން ރޮބަރޓްސަނަކީ ނިމުތުވާރެކޭ، އަދި އޭނާގެ ވާހަކައަކީ ޓައިޓެނިކް ފެތުނު ހާދިސާގެ ނިމުތެކޭ ނުބުނެވޭނޭ ގޮތެއް ނެތޭ ހިތަށް އަރައެވެ.

ރޮބަރޓްސަންގެ ވާހަކަ އާއި، ޓައިޓެނިކްގެ ހަގީގީ ހާދިސާއާ ދެމެދުގައި ހުރި އެއްގޮތް ނުވަތަ ދާދި އެއްގޮތް ކަންތައްތަކާއި، ތަފާތުތަކަށް ދެން ބަލައިލަމާތޯއެވެ.

ރޮބަރޓްސަންގެ ވާހަކައިގައި ސިފަ ކޮށްދޭ ބޯޓުގެ ނަމަކީ "ޓައިޓަން" އެވެ. ހަގީގީ ބޯޓުގެ ނަމަކީ "ޓައިޓެނިކް" އެވެ. ރޮބަރޓްސަންގެ ޓައިޓަނަކީ އެކަތަ ހަލެއް ލިބިގެންވާ، ފަސިންޖަރު ބޯޓެކެވެ. ޓައިޓެނިކަކީ ވެސް އެކަތަ ހަލެއް ހުރި، ފަސިންޖަރު ބޯޓެކެވެ. ޓައިޓަންގެ ދިގުމިނަކީ 800 ފޫޓެވެ. ޓައިޓެނިކްގެ ދިގުމިނަކީ 882 ފޫޓެވެ. ޓައިޓަންގެ ބަރުދަނަކީ 70000 ޓަނެވެ. ޓައިޓެނިކްގެ ބަރުދަނަކީ 66000 ޓަނެވެ. ޓައިޓަނަކީ ތިން ބުރަފަތި ބޯޓެކެވެ. ޓައިޓެނިކުގައި ވެސް ހުރީ ތިން ބުރަފައްޗެވެ. ޓައިޓަނުގައި ހުރީ ފެނަށްބަންދު 19 ކަޅިވަތެވެ. ޓައިޓެނިކުގައި ހުރީ ފެނަށްބަންދު 15 ކަޅިވަތެވެ. ޓައިޓަން ދަތުރު ކުރާ އެންމެ ބާރު ދުވެލި ކަމަށް ވާހަކައިގައި އޮންނަނީ 24 ނޮޓެވެ. ޓައިޓެނިކްގެ އެންމެ ބާރު ދުވެއްޔަކީ ވެސް 24 ނޮޓެވެ. ޓައިޓަންގެ ޖާގައަކީ 3000 މީހުންނެވެ. ޓައިޓެނިކްގެ ޖާގައަކީ ވެސް 3000 މީހުންނެވެ. ވާހަކައިގެ ހާދިސާގައި، ޓައިޓަން ގައި ތިބިކަމަށް އޮންނަނީ 2000 މީހުންނެވެ. ޓައިޓެނިކުގައި ދަތުރު ކުރީ 2224 މީހުންނެވެ. ޓައިޓަން ފެތުނު އިރު، އޭގައި އޮތީ 24 ލައިފްބޯޓެވެ. ޓައިޓެނިކުގައި އޮތީ 20 ލައިފްބޯޓެވެ. ޓައިޓަން ފެތެނީ، އުތުރު އެޓްލާންޓިކް ކަނޑުގެ ފިނިގަދަ ސަރަހައްދުގައި ދަތުރު ކޮށްފައި ދަނިކޮށް، އޭގެ ކަނާއަތު ކޮލިމަތި ބިޔަ ގަނޑުފެންގަނޑެއްގައި ޖެހި، ކޮލިމަތީން ހަލް ފަޅައިގެން ގޮސް، ބޯޓުގެ ކަޅިވަތްތައް ދިޔަވެގެންނެވެ. ޓައިޓެނިކް ފެތުނީ ހަމަ މި ގޮތަށެވެ. ޓައިޓަނުގެ ހާދިސާގައި ވެސް ގިނަ މީހުންތަކެއް މަރުވުމުގެ މައިގަނޑު ސަބަބަކީ، އެމީހުންނަށް ފުދޭވަރަށް ލައިފްބޯޓު ނެތުމެވެ. ޓައިޓެނިކް ހާދިސާގައި ވެސް ވީ ހަމަ މިހެންނެވެ. ވާހަކައިގެ ހާދިސާ ހިނގަނީ އޭޕްރިލް މަހެއްގެ ރޭގަނޑުއެވެ. ހަގީގީ ޓައިޓެނިކް ފެތުނީ ވެސް އޭޕްރިލް މަހެއްގެ ރޭގަނޑުގެ ވަގުތެއްގައެވެ. ވާހަކައިގައި އޮންނަގޮތުން، ޓައިޓަން ބަނުމުގެ މަސައްކަތް ކުރަމުން ގެންދިޔަ އިރު، އެކި ފަރާތްތަކުން އެ ބޯޓަށް ކުރި ތައުރީފުގެ ތެރޭގައި، އެ ބޯޓު ފެތުމަކީ "އަމަލީ ގޮތުން ބަލާއިރު މުސްތަހީލު" ކަމެއް ކަމަށް ބުނެފައި ވެއެވެ. ހަގީގީ ޓައިޓެނިކް ބަނދެވުނު އިރު، އިނގިރޭސި މީޑިއާގެ ބައެއް ފަރާތްތަކުންނާއި، ބޯޓު ބަނުމުގެ މަސައްކަތް ކުރި ކުންފުނީގެ އޮފިޝަލުން ހަމަ މިހެން ބުނެފައި ވެއެވެ.

ދެން، ވާހަކައިގެ ހާދިސާ އާއި، ޓައިޓެނިކްގެ ހަގީގީ ހާދިސާގެ ތަފާތުތަކަށް ބަލައިލަމާތޯއެވެ. ވާހަކައިގައި އޮންނަ ގޮތުން، ޓައިޓަން ފެތުނީ އޭގެ އަލަތު ދަތުރުގައެއް ނޫނެވެ. އެކަމަކު ހަގީގީ ޓައިޓަން ފެތުނީ އޭގެ އަލަތު ދަތުރުގައެވެ. ބޯޓު ބަނދެ، ފެނުޖައްސައިގެން އެންމެ ފުރަތަމަ ކުރި ދަތުރުގައެވެ. ވާހަކައިގައި، ޓައިޓަން ދިޔައީ އެމެރިކާގެ ނިއު ޔޯރކުން އިނގިރޭސި ވިލާތުގެ ލަންޑަނަށެވެ. ހަގީގީ ޓައިޓެނިކް ދިޔައީ އިނގިރޭސި ވިލާތުގެ ސައުތެމްޕްޓަނުން އެމެރިކާގެ ނިއު ޔޯރކަށެވެ. ޓައިޓަން ފެތުނީ އުތުރު އެޓްލާންޓިކް ކަނޑުގެ އިރުމަތީ ސަރަހައްދުގައެވެ. ޓައިޓެނިކް ފެތުނީ އުތުރު އެޓްލާންޓިކްގެ ހުޅަނގު ސަރަހައްދުގައި، ކެނެޑާގެ ނިއުފައުންޑްލޭންޑުގެ އައްސޭރިއާ ކައިރި ހިސާބެއްގައެވެ. ޓައިޓަން ގަނޑުފެންގަނޑުގައި ޖެހުމަށް މެދުވެރި ކުރުވި ސަބަބަކީ މުޅި ޖައްވުގައި ފެތުރިފައި އޮތް ދުންފިންޏެވެ. ހަގީގީ ޓައިޓެނިކްގެ ހާދިސާ ހިނގި ރެއަކީ އުޑުމަތި ވަރަށް ސާފު ރެއެކެވެ. ބޯޓު ގަނޑުފެންގަނޑުގައި ޖެހުނީ ބޯޓު މާ ބާރަށް ދުއްވައިފައި ދިޔުމާއި، ބޯޓުގެ އޮފިސަރުންނަށް ބަލާންވާވަރަށް ނުބެލުމުގެ ސަބަބުންނެވެ. ޓައިޓަން ފެތުމުގެ ހާދިސާގައި ބޯޓުގައި ތިބި މީހުންގެ ތެރެއިން ސަލާމަތް ވީ 13 މީހުންނެވެ. ޓައިޓެނިކް ފެތުނު ހާދިސާގައި، 711 މީހުން ސަލާމަތް ވިއެވެ. ޓައިޓަންގެ ހާދިސާގައި، ބޯޓު ގަނޑުފެންގަނޑުގައި ޖެހުނުތާ މަދު މިނިޓުކޮޅެއްގެ ތެރޭގައި ބޯޓު ފެންދަށުވެ، ދާދި އަވަހަށް އަޑިއަށް ދެއެވެ. ޓައިޓެނިކް އަޑިއަށް ދިޔައީ 2 ގަޑި 40 މިނިޓުގެ ތެރޭގައެވެ.

މޯރގަން ރޮބަރޓްސަންގެ ވާހަކަ އަކީ ކިޔާލަން ރީތި ވާހަކައެކެވެ.

އެ ވާހަކަ ފެށެނީ "ޖޯހން ރޯވލެންޑް" ކިޔާ މީހެއްގެ ތައާރުފުންނެވެ. އެއީ ވާހަކައިގެ ބަތަލެވެ. ވާހަކައިގެ ރިވާޔަތު އޮންނަ ގޮތުން، އޭނާ އަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ތެރޭގައި އެއް އިރެއްގައި މަސައްކަތް ކުރި މީހެކެވެ. ސިފައިންގެ ވަޒީފާއިން އޭނާ ވަކި ކޮށްލެވެނީ އަޚްލާޤީ މައްސަލަތަކެއްގެ ސަބަބުންނެވެ. އޭގެފަހުން އޭނާ ވެގެން ދިޔައީ ރާ ބުއިމުގައި ހައްދު ފަހަނައަޅައިދާ ބަނގުޅިއަކަށެވެ. މުޖުތަމައުގެ އެންމެ ދަށް ފަންތީގައި ހިމެނޭ، އެއްވެސް ތާކުންތާކު ނުޖެހޭ އާވާރާއަކަށެވެ. މިފަދަ ގޮތަކަށް އުޅެނިކޮށް، އޭނާއަށް ވަޒީފާއެއް ލިބެނީ "ޓައިޓަން" އޭ ކިޔާ ބޯޓަކުންނެވެ. ތައްޓުމަތީގައި މަސައްކަތް ކުރާ ފަޅުވެރިއެއްގެ ވަޒީފާއެވެ. ނިއު ޔޯރކުން ފުރައިގެން ލަންޑަނަށް ދާން، ޓައިޓަން ކުރި ދަތުރެއްގައި، ބޯޓު ގަނޑުފެންގަނޑެއްގައި ޖެހި ފަޅައިގެން ދަނީ އޭނާ ބޯޓުގައި ހުއްޓައެވެ. އެހައިހިސާބުން ވާހަކައިގެ ރިވާޔަތުގެ ބޮޑު ބައި ޚާއްސަ ވަނީ އެ ހާދިސާގެ ތަފްސީލުތަކަށެވެ.

ވާހަކައިގެ ދެވަނަ ބައިގެ މައިގަނޑު އަމާޒަކީ ބޯޓު ފެންދަށުވެ އަޑިއަށް ދިޔުމަށް ފަހު، ދެން ޖޯހން ކުރާ ތަޖުރިބާތަކާއި އޭނާގެ ދިރިއުޅުން އެ ހާދިސާގެ ފަހުން ހުރި ގޮތެވެ. ބޯޓު ފެތުމަށް ފަހު އޭނާއަށް ފެންނަނީ ކިރިޔަކިރިޔާ ޣަރަގު ނުވެ އޮތް ޅަފުރައިގެ އަންހެން ކުއްޖެކެވެ. އޭނާ ނުހަނު ހިތްވަރާ އެކު، އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓައިލައިގެން، އެ އަންހެން ކުއްޖާ ސަލާމަތް ކޮށްދެއެވެ. އަދި އެކުއްޖާ ގޮވައިގެން ފެނުން މައްޗަށް ބައެއް ހިކިފައި އޮތް ގަނޑުފެންގަނޑުގެ މައްޗަށް އަރައެވެ. ތަނޑިސާރިދޯޅަކާ ހަނގުރާމަ ކުރެއެވެ. މިފަދަ ހާލެއްގައި އުޅެނިކޮށް، އެމީހުން ސަލާމަތް ކުރަނީ އެ ހިސާބުން ދަތުރު ކުރާ ބޯޓަކުންނެވެ.

މި ހާދިސާއަށް ފަހު ޖޯހން އޭނާގެ ރާ ބުއިމުގެ ނުބައި އާދަ ވެސް ދޫކޮށްލައެވެ. އަހަރުތަކެއްގެ ހިންމަތުން، ރަނގަޅު ވަޒީފާއެއް ހޯދައި، ސަރުކާރުގެ މަތީ ފަޑިއާ ހަމަޔަށް ވާސިލު ވެއެވެ. މީހުން ލޯބިވާ، މީހުންގެ އިހުތިރާމު ލިބިގެންވާ މީހަކަށް އޭނާ ވެއެވެ. ވާހަކަ ނިންމައިލައިފައި ވަނީ އޭނާއަށް ލިބޭ މެސެޖަކާ އެކުގައެވެ. އެ މެސެޖަކީ އޭނާގެ ކުރީގެ ލޯބިވެރިޔާ އޭނާއަށް ފޮނުވި މެސެޖެކެވެ. އެ ލޯބިވެރިޔާ އަކީ، އޭނާގެ ނިކަމެތިކަމުގެ ދުވަސްވަރު އޭނާ ދޫކޮށްލި ލޯބިވެރިޔާއެވެ. މެސެޖުގައި އޮތީ ލޯބިވެރިޔާ އާއި، ލޯބިވެރިޔާގެ އަންހެން ދަރިފުޅު، ޖޯހން ދެކެލާން ބޭނުން ވާހަކައެވެ. އެ އަންހެން ދަރިފުޅަކީ، އިއްތިފާގު ދިމާކުރި ގޮތުން، ޓައިޓަން ފެތުނު ހާދިސާގައި ޖޯހން އެ ކުއްޖަކު ސަލާމަތް ކޮށްދިން ޅަފުރައިގެ އަންހެން ކުއްޖާއެވެ.

މި ދެންނެވީ މޯރގަން ރޮބަރޓްސަންގެ "ފިޔުޓިލިޓީ، އޯރ ދަ ރެކް އޮފް ދަ ޓައިޓަންސް" އާއި ޓައިޓެނިކް ފެތުނު ހާދިސާގެ ހުރި ގުޅުމުގެ ވާހަކައެވެ. އެއް ބައެއްގެ ނަޒަރުގައި މިއީ އެއްވެސް މާނައެއް ނެތް އިއްތިފާގެކެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި މިއީ ގުދުރަތުން އިންސާނާއާ ކުރާ ސަމާސާއެވެ. ބައެއް މީހުން ބުނާގޮތުގައި ރޮބަރޓްސަންގެ ވާހަކައަކީ ޓައިޓެނިކް ފެތުނު ހާދިސާގެ ނިމުތެކެވެ. ހައިރާން ކުރުވަނިވި ނިމުތެކެވެ. ނުހަނު ރީތިކޮށް ހަގީގަތަކަށް ވި ނިމުތެކެވެ.