ހުޅަނގަކީ ޙައިރާންވާ ކަހަލަ އެތައްކަމެއް ފެންނަ ތަނެކެވެ. އަޅުގަނޑުމެން ތިންވަނަ ދުނިޔޭގެ [ކަޓު] މީހުންނަށް ވިސްނައިނުގަނެވޭ އެތައް ކަމެއް ހުޅަނގުގެ މުޖުތަމަޢުތަކުން ފެންނާން އެބަހުއްޓެވެ. އެމީހުން ދެކޭ ގޮތުގައި އެ ކަންތައްތައް އަޅުގަނޑުމެންނަށް ނުވިސްނެނީ އަޅުގަނޑުމެންގެ ވިސްނުން ކޮށިކަމުންނެވެ.

ހުޅަނގުގެ ޤައުމުތަކުގައި އެކި ކަންކަމަށް އެކި ކުލަބު ހަދާފައި ހުރެއެވެ. އަޅުގަނޑުމެންގެ ތެރޭގައި އިހަށް ހުރި، ސަރުކާރު މުވައްޒަފުންގެ ނާދީ ކަހަލަ ކުލަބުތަކެވެ. ބައެއް ޤައުމުތަކުގައި ހުސްހަށިބައި މީހުންގެ ކުލަބު ހުރެއެވެ. އެކުލަބުގެ ޤަވާޢިދުގެ ފުރަތަމަ މާއްދާގައި އޮންނަ ގޮތުން ކުލަބުގެ މެންބަރަކު އަންހެންކުއްޖަކާ ވާހަކަދައްކައިފިނަމަ ޖުރުމާނާކުރެވޭނެ އެވެ. ޖުރުމާނާކުރެވޭ ޢަދަދު ކަނޑައަޅާނީ ވާހަކަދެއްކި ކުއްޖެއްގެ ރީތިކަމާއި، އަސަރުގަދަކަމަށް ބަލައިފައެވެ. ޖުރުމާނާކޮށްގެން ކްލަބަށް ލިބޭފައިސާ ޚައިރާތުގެ ގޮތުގައި ބަހައިލަނީ އެވެ.

ދެންހުންނަނީ ސަރލީ ކުލަބެވެ. މިއީ އަދި މާ ޙައިރާންވާ ކަހަލަ ކުލަބެކެވެ. މި ކުލަބުގެ މެންބަރެއްގެ ތުންފަތްމައްޗަށް ހިނިތުންވުމެއްގެ އަސަރު އައިސްގެންނުވާނެ އެވެ. އެންމެން ތިބެންވާނީ ތުންދަމައި އޫކޮށްގެންނެވެ. މިއީ ހުނުމާއި، ހިނިތުންވުން މަނާ ކުލަބެކެވެ.

ދެން އޮތީ ފަލަމީހުންނަށް އޮތްޚަބަރެކެވެ. މިއީ މީގެ އެތައް އަހަރެއް ކުރިން ލަންޑަނުގައި ހުޅުވުނު ކުލަބެއްގެ ވާހަކަ އެވެ. އެއީ ފަލަމީހުންގެ ކުލަބެވެ. މި ކުލަބުގެ ނަމަކީ ކޯރޕިއުލެންޓް ކުލަބެވެ. މި ކުލަބަށް ވަދެވެނީ ދެދޮރަކުންނެވެ. އެއްދޮރަކީ މެދުމިނަކަށް ހަދާފައި ހުންނަ އާދައިގެ ދޮރެކެވެ. އަނެއް ދޮރަކީ ފަށްޖަހާ ދޮރެކެވެ. މެމްބަރަކަށް ވާން އެދޭ މީހާ ފުރަތަމަ ވަންނަންޖެހެނީ އާދައިގެ ދޮރުންނެވެ. އެއްވެސް އުނދަގުލަކާ ނުލައި އެ ދޮރުން ވަދެވިއްޖެ ނަމަ އޭނާއަކަށް މެންބަރަކަށް ނުވެވޭނެ އެވެ. އެ ދޮރުން ނުވަދެވި ތާށިވެއްޖެނަމަ، އެއްކަލަ ފަށްޖެހި ދޮރު ހުޅުވޭނެއެވެ. އެ ދޮރުން ވަނީމާ އެ އޮތީ މެންބަރަކަށްވެވިފައެވެ.

ހަމްޑްރަމް ކުލަބާއި، މަމްސްކުލަބަކީ ވެސް ބައެއް މީހުން ވަންނަހިތްވާ ކުލަބަކަށް ވެދާނެ އެވެ. މި ކުލަބަށް ވަނުމާއެކު ޖެހެނީސިނގިރޭޓް ބޯންފަށާށެވެ. އެއް ގޮތަކަށް ވެސް ހުއްޓައިލައިގެން ނުވާނެ އެވެ. އެއްޗަކު ފުލު އެއްޗެއް ރޯކުރަންވާނެ އެވެ. މެންދަމު ބާރަނުޖަހަނީސް އަނގައިން ވެސް ބުނެގެންނުވާނެ އެވެ. ގަޑިން މެންދަމު ބާރަޖެހުމާއެކު އެކަކު އަނެކަކާ ސަލާންކޮށްފައި ގެއަށް ދާންވީ އެވެ. އިތުރު ވާހަކައެއް ދައްކައިގެން ނުވާނެ އެވެ.
އެމެރިކާގެފިލަޑެލްފިއާގެ 135 މީހުން އެކުވެގެން ހެދި ކުލަބަކަށް ކިޔާ ނަމަކީ ސެވަންއޮކްލޮކަރސް ކްލަބެވެ. މި ހުރިހާ އެންމެން ވެސް މަސައްކަތް ކުރަނީ ނިއުޔޯރކްގައެވެ. ކޮންމެ ދުވަހަކު މަސައްކަތަށް ދާން ޖެހެނީ ރޭލުގައި ނުވަދިހަ މޭލުގެ ދިގުދަތުރެއް ކޮށްފައެވެ. ފިލަޑެލް ފިއާ އިން ރޭލު ފުރަނީ ހެނދުނު ހަތެއް ޖަހާއިރު އެވެ. އެނބުރި ފިލަޑެލްފިއާއަށް އަންނަނީ އިރުއޮއްސި ހަތެއް ޖަހާއިރު އެވެ. ކްލަބްގެ ނަމަކަށް ސެވެންއޮކްލޮކަރސް ކްލަބޭ ކިޔަނީ އެހެންވެގެންނެވެ.

މި ކުލަބު އުފެދުނު ކަމަށް ވަނީ 1972 ވަނައަހަރު އެވެ. މި ކުލަބުގެ ސަބަބުން ރޭލްވޭ ސްޓޭޝަނަށް ވަރަށް ފައިދާކުރެ އެވެ. އެހެންވީމާ މި 135 މީހުންނަށް ޚާއްޞަ ވަތްގަނޑެއް އެ ރޭލުގައި ހުރެއެވެ.
ކޮންމެ ދުވަހަކު ހެނދުނު ހަތެއް ޖަހާއިރު ހުރިހާ އެންމެން މި ޚާއްޞަ ވަތްގަނޑަށް އަރާނެ އެވެ. އަދި އެކަކު އަނެކަކަށް ސަލާންގޮވައިލާނެ އެވެ. ސަލާމަކަށްގޮވަންޖެހެނީ [ހެލޯ- ކްލޮކަރ-] މިހެންނެވެ. މި ޢިބާރާތް ބޭނުންނުކުރާ ކޮންމެ މީހަކު ޤަވާޢިދުން ޖުރުމާނާކުރެވޭނެ އެވެ.

އެމެރިކާގައި މި ނޫނަސް މި ބާވަތުގެ އެތައް ކުލަބެއް ހުރެއެވެ. އޭގެ ތެރޭގައި ހުތުރު މޫނުކުލަބު، ފޮޑިޖަހާ މީހުންގެ ކުލަބު، ކަރު ހިމަ މީހުންގެ ކުލަބު، ތަލަމީހުންގެ ކުލަބު މިހެންގޮސް އެތައް ކުލަބެއް ހުރެއެވެ.

ދިވެހިރާއްޖޭގައި ވެސް މި ބާވަތުގެ ކުލަބުތައް ހަދަން މިވަނީ ޖެހިފައެވެ. މިސާލަކަށް އެޅިހައި ބަތަކަށް ރިހަ، ކުލަބާއި، މީސްމީހުން ފަރާތަށް ހަދައިގެން އުޅޭ މީހުންގެ ކުލަބާއި، ބާޣީ ކުލަބާއި، ޣާޒީ ކުލަބާ މިހެން ގޮސް ކިތަންމެ ކުލަބެއް ހެދިދާނެއެވެ. މިއިން ކޮންމެ ކުލަބަކަށްވެސް ވަންނާނޭ މީހުން ވަރަށް ގިނަވާނެކަން ޔަގީނެވެ. މިއީ އަޅެ ދޮގެއްތޯއެވެ؟