ދުނިޔޭގެ މަޝްހޫރު މެގަޒިނެއް ކަމަށްވާ ބިޒްނަސް ޓްރެވަލާގެ މެދުއިރުމަތީ އެޑިޝަނުން ހޮވާ "ބެސްޓް ކެބިން ކުރޫ"ގެ އެވޯޑު ގަތަރު އެއާވޭސްއިން ކާމިޔާބުކޮށްފި އެވެ.

ހޮޓެލް ޑުބާއީ މެރީނާގައި ބޭއްވި ހަފްލާއެއްގައި ގަތަރު އެއާވޭސް އިން މިއެވޯޑު ކާމިޔާބުކޮށްފައި ވަނީ މެދުއިރުމަތީގެ މަޝްހޫރު އެއާލައިންތަކާ ވާދަކޮށް، ބިޒްނަސް ޓްރެވަލާ މެގަޒިންއިން ކިޔުންތެރިންނަށް ހުޅުވާލައިގެން ކުރިއަށް ދިޔަ ވޯޓަކުން ނެވެ.

"ބެސްޓް ކެބިން ކުރޫ" އެވޯޑަކީ ދަތުރުމަތީގައި ދަތުރުވެރިންނަށް އެއާލައިންތަކުންދޭ ހިދުމަތް އެންމެ މޮޅަށް ދޭ އެއާލައިން ފާހަގަކޮށް ދޭ އެވޯޑެކެވެ.

އެވޯޑާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ގަތަރު އެއާވޭސްގެ ޗީފް އެގްޒެކެޓިވް އަކުބަރު އަލް ބަކުރު ވިދާޅުވީ މިފަދަ އެވޯޑެއް ލިބުމަކީ މިހާރުވެސް ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ގަތަރު އެއާވޭސް އަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.

ދުނިޔޭގެ 200 އަށް ވުރެ ގިނަ މަންޒިލަށް ދަތުރުކުރަމުން ގަތަރު އެއާވޭސްއަކީ ދުނިޔޭގެ ފަސް ތަރީގެ އެއާލައިންގެ ނަމުގައި އޮޕަރޭޓްކުރަމުން އަންނަ އެއާލައިނެކެވެ.