15 May 2013, 22:32
މިއަދު ނިއުރޭޑިއެންޓުގެ ކުޅުންތެރިންނަކީ މުޅި ދުނިޔެއިން ވެސް އެއްވަނަ ކަމަށް ނިއުގެ ބަލްގޭރިޔާ ކޯޗު ވެލިޒާ ޕޮޕޯފް ބުނެފި އެވެ.
މީގެ އަށް އަހަރު ކުރިން އޭއެފްސީ ކަޕްގެ ސެމީފައިނަލުގައި ކުޅުނު ރާއްޖޭގެ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބު މިއަދު ހަވީރު ޕޮޕޯފުގެ އިރުޝާދުގެ ދަށުން އޭއެފްސީ ކަޕުގެ ދެވަނަ ބުރުގައި މެލޭޝިޔާގެ ސެލަންގޯ ދޭއް ސުމަކުން ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ބުނީ ނިއުގެ ފަރާތުން މިއަދު ފެނިގެންދިޔަ އާދަޔާ ހިލާފު މޮޅު ކުޅުމާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.
"އަހަރުމެންނަށް ވަރަށް ހިތްހަމަ ޖެހޭ މެޗެއް މިއަދު ފެނިގެން ދިޔައީ. މިއަދު އަހެރެންގެ ޓީމުގައި ތިބީ މުޅި ދުނިޔެއިން ވެސް އެއްވަނަ. މެސީ، ރޮނާލްޑޯ، ޒާވީ، އިނިއެސްތާ ކިޔާނެ ކަމެއްނެތް. މިއަދު އަހަރެންނަށް އަހަރެންގެ ކުޅުންތެރިންނަކީ ހަމަ ދުނިޔޭގެ އެއްވަނަ،" ނިއުގެ ކޯޗު ބުންޏެވެ.
މިއަދުގެ މެޗުގައި ނިއުގެ ދެލަނޑުވެސް ކާމިޔާބު ކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވި އިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވުމުން ނަތީޖާ ނެރުމަށް ޓަކައި އިތުރަށް ދިން 15 މިނިޓުގެ ދެހާފުގެ ތެރެއިން ފުރަތަމަ ފަނަރަ މިނިޓު ތެރޭގަ އެވެ.
ނިއުއަށް ސެލަންގޯގެ ގޯލް ހުޅުވާލަދިން ލަނޑު އިތުރަށް ކުޅުނު ހާފުގެ ހަވަނަ މިނިޓުގައި ނިއުއަށް ކާމިޔާބު ކޮށްދިނީ ނިއުގެ ތަޖުރިބާ ކާރު މިޑްފީލްޑަރު އަހްމަދު ނިޔާޒު އެވެ. ސެލަންގޯގެ ޕެނަލްޓީއޭރިޔާގެ ބޭރުން މުހައްމަދު އުމެއިރު ގޯލް އޭރިޔާ ތެރެއަށް ފޮނުވާލި ރީތި ހުރަސް ބޮލުންޖަހައި ނިޔާ ވަނީ އެހާމެ ރީތިކޮށް ސެލަންގޯގެ ގޯލްތެރެއަށް ފޮނުވާލާފަ އެވެ. ނިއުގެ ދެވަނަ ލަނޑު އޭގެ ނުވަމިނިޓު ފަހުން ސެލަންގޯގެ ގޯލްއޭރިޔާ ތެރެއަށް ނިޔާ ނަގައިދިން ރީތި ހުރަހެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އެއާ އެކު ނިއުގެ ސަޕޯޓަރުންގެ އަޑުން މުޅި ދަނޑު ގުގުމައިގެން ދިޔަ އެވެ.
ގާތް ގަނޑަކަށް 10000 މީހުން ކުޅިބަލަން ގަލޮޅު ދަނޑަށް ހާޒުރުވި ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތުގައި ވެސް ނިއުއަށް ނަތީޖާ ބަދަލު ކޮށްލާނޭ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބި ބޭކާރު ވެފަ އެވެ. އަދި ސެލަންގޯއަށް ވެސް ދެތިން ފުރުސަތެއް ލިބުނެވެ.
ނިއުގެ ކޯޗު ބުނީ މިއަދު އޭނާގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމުގެ އިތުރުން ކުލަބުގެ ސަޕޯޓަރުން ދިން ސާބަހާއި ހިތްވަރަކީ ޓީމު މޮޅުވުމަށް ވަރަށް މުހިއްމު ދައުރެއް އަދާކުރި ކަމެއް ކަމަށެވެ. އަދި އެކަމަށްޓަކައި ކުޅުންތެރިންނާއި ޓީމުގެ މެނޭޖުމަންޓާއި ސަޕޯޓަރުންގެ އިތުރުން ދިވެހި އެންމެހާ ރައްޔިތުންނަށް ވެސް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އޭއެފްސީ ކަޕްގައި 2005 ވަނަ އަހަރު އަލަށް ކުޅެ އެ ފަހަރު ސެމީފައިނަލުގައި ކުޅުނު ނިއުއިން ވަނީ ޖެހިގެން އައި ތިން އަހަރު ވެސް ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. އަދި ރާއްޖޭގެ ކުލަބަކަށް އޭއެފްސީ ކަޕުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބު މިހާތަނަށް ހޯދާފައި ވަނީ ވެސް އަދި އަލުން އެކާމިޔާބު އަނބުރާ އިޔާދަ ކުރި ކުލަބަކީވެސް ނިއު އެވެ.
ނިއުގެ ކޯޗު ފާހަގަ ކުރި ގޮތުގައި ސެލަންގޯއަކީ ވަރަށް ވަރުގަދަ ޓީމެކެވެ. އަދި މިއަދުގެ މެޗުގައިވެސް އެކުލަބުގެ މޮޅު ކުޅުން ދައްކައި ދީފައިވާ ކަމަށް ބުނެ ސެލަންގޯ ޓީމަށް ނިއުގެ ކޯޗު ވަރަށް ތައުރީފު ވެސް ކުރިއެވެ. އަދި ސެލަންގޯ ކުރިން ކުޅެފައި ހުރި ބައެއް މެޗުތައް ބަލާފައި، މިއަދުގެ މެޗަށް ހާއްސަކޮށް އޭނާގެ ޓީމު ކުޅޭ ކުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވާނޭކަމަށްވެސް އޭނާބުންޏެވެ.
ސެލަންގޯގެ ކޯޗު އިރްފާން ބަކްތީ ބިން އަބޫ ސާލިމް ބުނީ އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭގައި ޝަކުވާއެއް ނެތްކަމަށައި އަދި މެޗުގައި ސެލަންގޯގެ ކުޅުންތެރިންނަށް ކުޅެވުނީ 90 މިނިޓުވަންދެން ކަމަށެވެ. އޭގެ ފަހުން ކުޅުންތެރިންގެ ކޮންސެންޓްރޭޝަން ގެއްލުނީ ކަމަށެވެ. އަދި ނިއުގެ ހަތް ނަމްބަރާއި 16 ނަންބަރުގެ ހަލުވި ކުޅުން ހުއްޓުވުމުގައި އޭނާގެ ކުޅުންތެރިންނަށް އުނދަގޫ ތަކެއް ކުރިމަތިވިކަންވެސް އޭނާ ފާހަގަ ކުރި އެވެ.