15 May 2013, 22:25
މޫސުން ގޯސްވުމުގެ ސަބަބުން މިއަދުގެ ހަވީރު 5:30ގައި މޫސުމީ އެލާޓް "ޔެލޯ" އަށް ބަދަލުކުރުމަށް ފަހު "ވައިޓް އެލާޓް" އަށް ނެޝަނަލް މީޓޮރޮލޮޖިކަލް ސެންޓަރުން (މެޓް އޮފީހުން) ދަށްކޮށްފި އެވެ.
ޔެލޯ އެލާޓް ވައިޓް އެލާޓަކަށް މެޓް އޮފީހުން ބަދަލުކޮށްފައި ވަނީ މިރޭ 9:45 ގަ އެވެ.
ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ ވެދާ ފޯކާސްޓާ އަޒީމާ އަހުމަދު ވިދާޅުވީ އެލާޓް ބަދަލުކުރީ ވައިގެ ބާރު މިން ދަށްވުމުން ކަމަށެވެ.
"ޔެލޯ އެލާޓެއް އަޅުގަނޑުމެން ނެރުނީ ވައިގެ ބާރުމިން ގަޑިއަކު 30 މޭލަށް އެރީމާ. މިހާރު ވައިގެ ބާރުމިން ވަނީ ދަށަށް ގޮސްފައި. އެހެންވެ އެލާޓް ވައިޓަށް ބަދަލުކުރީ،" އަޒީމާ ވިދާޅުވި އެވެ.
މެޓް އޮފީހުން މޫސުމާ ބެހޭ ކަންކަމުގައި ނެރޭ ދެ އެލާޓަކައި ހުދާއި ރީނދޫ އެލާޓެވެ. ހުދު އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 23 މޭލާއި 30 މޭލާ ދެމެދުގައި އުޅޭ ނަމަ އެވެ. ރީނދޫ އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 30 މޭލާ 40 މޭލާ ދެމެދު އުޅޭ ނަމަ އެވެ.
މެޓް އޮފީހުން ގެންގުޅޭ އަނެއް ދެ އެލާޓަކީ އިންޒާރުގެ އެލާޓްތަކެކެވެ. އެއީ ރަތް އަދި ފެހި ކުލަ އެވެ. ރަތް އެލާޓް (އިންޒާރު) އަށް ބަދަލު ވަނީ ވައިގެ ބާރުމިން ގަޑިއަކު 40 މޭލަށް ވުރެ މައްޗަށް ދިއުމުން ނެވެ. ފެހި ކުލައިގެ އެލާޓަކީ ރަތް އެލާޓަށް ފަހު އިންޒާރުގެ މުއްދަތު ފަހަނަ އަޅާ ދިއުމުން، ކުރިން އޮތް ހާލަތަށް ރުޖޫއަކުރުމުގެ ކުރިން ނެރޭ އެލާޓެވެ.