15 May 2013, 22:06
ދިރާގުގެ ކުއާޓާލީ ރިޕޯޓް ޝާއިއުކުރަންވާ މުއްދަތުގެ ތެރޭގައި ޝާއިއުކޮށްފައި ނުވާ ކަމަށް ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނެފައި ވަނީ ދިރާގާއި ސީއެމްޑީއާ ދެމެދު ކުރެވުނު މުއާމަލާތްތަކުގައި އަރާފައިވާ އޮޅުމެއްގެ ސަބަބުން ކަމަށް ދިރާގުން ބުނެފި އެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓާގެ މާލީ ބަޔާން އާންމުކޮށްފައި ނުވާތީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ދިރާގު ޖޫރިމަނާކުރުމާ ގުޅިގެން ދިރާގުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ "ޒިންމާދާރު ޕަބްލިކް ލިމިޓެޑް ކުންފުންޏެއްގެ ހައިސިއްޔަތުން" މާލީ ހިސާބުތަކާ އަދި އެނޫން ވެސް ހިއްސާދާރުންނަށް އާއްމުކުރަން ޖެހޭ މައުލޫމާތުތައް އާއްމުކުރުމަކީ ދިރާގުން މުހިއްމު ކަން ދޭ ކަމެއް ކަމަށެވެ.
ސީއެމްޑީއޭ އިން މިއަދު ބުނީ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ މާލީ ބަޔާން އާންމު ނުކޮށްގެން ދިރާގު 30،000ރ. އިން ޖޫރިމަނާ ކުރީ މާލީ ބަޔާން ހުށަހެޅުމަށް ދީފައިވާ މުއްދަތު 30 އޭޕުރީލްގެ ނިޔަލަށް ހަމަވެފައިވާ އިރު އެ މާލީ ބަޔާން ހުށައަޅާފައިނުވާތީ ކަމަށެވެ.
ދިރާގުގެ ބަޔާނުގައި ބުނެފައި ވަނީ ސީއެމްޑީއޭގެ ގަވާއިދުގައިވާ ގޮތުން ކޮންމެ ކުއާޓާއެއް (ތިން މަސް) ނިމޭތާ 30 ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅަށް ޖެހޭ ނަމަވެސް، ދިރާގަށް ހާއްސަ އިސްތިސްނާއެއް ސީއެމްޑީއޭ އިން މީގެ ކުރިން ދީފައިވާ ކަމަށެވެ.
އެ އިސްތިސްނާ ދިރާގަށް ދީފައި ވަނީ ދިރާގުގެ މައި ހިއްސާދާރު "ކޭބަލް އެންޑް ވަޔާލެސް"އަކީ އިނގިރޭސިވިލާތުގެ ލަންޑަން ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރެވިފައިވާ ޕަބްލިކް ކުންފުންޏަކަށް ވެފައި، ލަންޑަން ސްޓޮކް އެކްސްޗޭންޖުގައި މާލީ ބަޔާން ހުށަހެޅުމަށް ކުއާޓާ ނިމޭތާ 45 ދުވަހުގެ މުއްދަތެއް ދީފައިވުމުން ކަމަށް ދިރާގުން ބުނެ އެވެ.
"ކޭބަލް އެންޑް ވަޔާލެސްގެ މާލީ ބަޔާން ހުށަހަޅަން އޮންނަނީ ކުއާޓާ ނިމޭތާ 45 ދުވަހުގެ ތެރޭގައި. ދިރާގުގެ މާލީ ބަޔާން ސީއެމްޑީއޭގެ ގަވާއިދާ އެއްގޮތަށް 30 ދުވަހުގެ ތެރޭގައި ޝާއިއުކުރާ ނަމަ ކޭބަލް އެންޑް ވަޔާލެސް ގުރޫޕްގެ މާލީ މައުލޫމާތުތަކެއް އެކުންފުނިން އާއްމުކުރުމުގެ ކުރިން އާއްމުވުމުން ލަންޑަން ސްޓޮކް އެކްސްޗޭންޖުގައި މައްސަލަ ޖެހޭނެ" ދިރާގުގެ ބަޔާނުގައިވެ އެވެ.
މިދިޔަ އަހަރުގެ މާލީ ބަޔާންތައް ހުށަހެޅުމުގައި ސީއެމްޑީއޭ އިން މިހާއްސަ އިސްތިސްނާ ދީފައިވާ ކަމަށާއި މިއަހަރު ވެސް ހާލަތު އޮތީ ހަމަ ކުރިން އޮތް ގޮތަށް ކަމުން އެކަމަށް ބަދަލެއް ނާންނާނެ ކަމަށް ދިރާގުން ބުނެ އެވެ.
އަދި އެ މައްސަލައަކީ ދިރާގާއި ސީއެމްޑީއޭއާ ދެމެދު މުވާސަލާތުކުރުމުގައި އޮޅުންތަކެއް އުފެދުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވާ އިރު، މިކަމަށްޓަކައި އެކުންފުނިން ވަނީ ކުންފުނީގެ ހުރިހާ ހިއްސާދާރުންގެ ކިބައިން މައާފަށް އެދިފަ އެވެ.