15 May 2013, 21:42
ކޮޅުނބުގައި ތިއްބަވާ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގެ އެމްބެސެޑަރުން ހިމެނިވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިއަދު މެންދުރު ފަހު މުލީއާގޭގައި އޮތް އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާއި މި އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، އީޔޫގެ ވަފުދާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށާއި އިންސާނީ ޙައްގުތައް ރައްކާތެރިކުރެއްވުމަށް ޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ޔޫރަޕުގެ އެކުވެރި ޤައުމުތަކުގެ އެހީތެރިކަމާއެކު މި މަސައްކަތް އިތުރަށް ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މީގެއިތުރުން، ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓެވުމަށާއި އިގްތިޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށް ޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް އެކަން ކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.