15 May 2013, 19:45
މަސްތުވާތަކެތީގެ މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ބޭނުން ވެގެން ތިން މީހަކު ހޯދަން އިއުލާން ކޮށްފި އެވެ.
ފުލުހުން އިއުލާން ކޮށްފައި ވަނީ ސ.ހުޅުދޫ ސަނީލޮޖް އަލީ އާރިފް،36، އާއި ގއ. ދާންދޫ އުނިމާގޭ އިގްބާލް އާދަމް،22، ގެ އިތުރުން ސ.ހިތަދޫ ކަޅުހުއްތުމާގޭ އަހްމަދު އަލީ،49، އެވެ.
އެ މީހުންނަކީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި، ބޭހުގެގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައެއްގެ ޝަރީއަތަށް ހާޒިރުވާން އެންގުމުންވެސް ހަޒިރުނުވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމާ ގުޅިގެން ހޯދަމުން ގެންދާ ބައެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
"ވީމާ މި މީހުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 ނުވަތަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ހޮޓްލައިން 3322111 އަށް އެންގުވުން އެދެމެވެ،" ފުލުހުންގެ އިއުލާންގައި ބުނެފައި ވެއެވެ.