15 May 2013, 19:30
އައްޑޫ ސިޓީގެ މަރަދޫގައި ދެ ގްރޫޕަކުން މަރާމާރީ ހިންގަން އުޅުނު ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަޔަކު ފާސްކުރަމުން ދަނިކޮށް ހަމަނުޖެހުން ހިންގި ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގުމާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އަށް މީހަކު ކަމަށެވެ.
ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ދެ ފިރިހެނުންނާއި 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ދެ ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަރަދޫގައި ދެ ގުރޫޕަކުން މާރާމާރީ ހިންގަން ތައްޔާރުވެގެން ތިބިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެމީހުން ތިބި ސަރަހައްދަށް ފުލުހުން ގޮސް، އެމީހުން ހުއްޓުވައި އެމީހުންގެ އަތުގައި މާރާމާރީ ހިންގަން ބޭނުންކުރާ އެއްވެސް ހަތިޔާރެއް އޮތްތޯ ބަލައި ފާސްކޮށްފައި ވަނީ މިއަދު 3:15 އެހައިކަންހާއިރު ކަމަށެވެ.
ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި ފުލުހުންނާއި ދިމާއަށް ގާއުކައި ފުލުހުންނަށް އެކިވަރުގެ އަނިޔާދީ އެ އަށް މީހުން ހަމަނުޖެހުން ހިންގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ހާދިސާއަށް ފަހު ބަޔަކު މީހުން އައްޑޫ ސިޓީ ލިންކު ރޯޑުން ދަތުރު ނުކުރެވޭނެހެން މަގުތަކަށް އެއްޗެތި އަޅައި ފުލުހުންގެ ވެހިކަލްތަކަށް ގާއުކައި އައްޑޫ ސިޓީގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ހާދިސާގައި ފުލުހުން އާންމުންނަށް އަނިޔާ ކުރިކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދާއިރު ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް ކުޑަކުއްޖަކަށް އަދި އެއްވެސް އަންހެނަކަށް އަނިޔާދީ އެމީހުންނާއި ދެކޮޅަށް ބާރުގެ ބޭނުން ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.