ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދު، ނިޝާން އިއްޒުއްދީނުގެ ވެރިޔާ މައްޗަށް ދައުލަތުން ކުރާ ޖިނާއީ ދައުވާގެ ޝަރީއަތަށް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް އަމުރުކޮށްފައި ނުވާ ކަމަށާއި ހަމީދު ހުންނެވީ ދައުވާއަށް ޖަވާބުދާރީވާން ތައްޔާރަށް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު ޝާހީން ހަމީދު ވިދާޅުވެއްޖެ އެވެ.


ޝާހީންގެ ފަރާތްޕުޅުން އާންމު ކުރެއްވި ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޝަރީއަތް ބޭއްވުމަށް ތާވަލުކޮށްފައި ކެންސަލް ކުރަން ޖެހުނީ ހަމީދު ކޯޓަށް ހާޒިރުވެވަޑައިނުގަންނަވައިގެން ކަމަށް ބުނުމުގެ ހައްގު އެއްވެސް ފަރާތަކަށް ނެތް ކަމަށެވެ.


އިއްޔެގެ ތާރީހުގައި ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ހަމީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި ޖަވާބުދާރީވެވަޑައިގަތުމަށް ހަމީދު ތައްޔާރަށް ހުންނެވި ކަމަށާއި އެގޮތުން ގާނޫނީ ވަކީލުން އައްޔަން ކުރައްވައި އެ ވަކީލުން މެދުވެރިކޮށް ޝަރީއަތުގައި ދައުވާ އަށް ޖަވާބުދާރީވެވަޑައިގަތުމަށް ހަމަޖައްސަވައި އެ މައުލޫމާތު ކްރިމިނަލް ކޯޓަށް ހަމީދުގެ ފަރާތުން އަންގާފައިވާ ކަމަށެވެ.


އެ ބަޔާނުގައި ބުނެފައި ވަނީ ޒަރޫރީ ގޮތުން ހަމީދު ޝަރީއަތަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވާ ހާލު، މި މައްސަލައަކީ އެތައް އަހަރެއް ކުރިން ހިނގާފައިވާ ކަންކަމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ދައުވާއެއް ފައިސަލާ ކުރުމުގެ މައްސަލައެއް ކަމަށެވެ.  އަދި ދައުވާ ބިނާކޮށްފައިވާ ހާދިސާތަކުގެ ހަގީގަތް ހާމަ ކުރެވޭނީ ހަމީދުގެ ބަސްފުޅުން ނޫން ކަމަށާއި އެކަން ކުރެވޭނީ ޝަރީއަތަށް ހުށަހަޅާ ލިޔެކިޔުންތަކާއި ހެއްކާއި ގަރީނާއިން ކަމަށެވެ.


އަދި ވިދާޅުވެފައި ވަނީ މި މައްސަލާގައި އަދުލު އިންސާފު ގާއިމް ކުރުމަށް ހަމީދުގެ ފަރާތްޕުޅުން ޝަރީއަތަށް ބޭނުންފުޅުވާނެ ހުރިހާ ކަމެއް ހަމީދުގެ ގާނޫނީ ވަކީލުންނަށް ފުރިހަމަ ކޮށްދެވޭނެއިރު ކްރިމިނަލް ކޯޓުން އަމުރުކުރެއްވި ކޮންމެ އިރެއްގައި ކޯޓަށް ހާޒިރުވުމަށް ވަކީލު ތައްޔާރަށް ހުރި ކަމަށެވެ.


ޝާހީންގެ ބަޔާނުގައި ބުނަނީ އޭނާގެ ބައްޕާފުޅުގެ މައްޗަށް ކުރައްވާ ދައުވާ ޕީޖީން ކުރައްވާފައި ވަނީ ގާނޫނުތަކާ ހިލާފަށް  ސިޔާސީ ބޭނުމެއް ހާސިލު ކުރަށް ކަމަށެވެ. އަދި އެ މައްސަލައިގައި ތަހުގީގަށް ހޯދާފައިވާ ލިޔުންތައް ހޯދަން ތަކުރާރުކޮށް އެދުމުން ވެސް ފުލުހުންނާއި ޕީޖީން އެ ލިޔުންތައް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.


މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގެ ދައުވާ ކުރުމަށް ހުށަހެޅީ 2009 ގައެވެ. ކްރިމިނަލް ކޯޓުން އިއްޔެ ބުނެފައި ވަނީ ހަތަރު ފަހަރަށް ވުރެ ގިނައިން ހަމީދުގެ މައްސަލަ ބާއްވަން އުޅެ ވެސް ހަމީދުގެ މައްސަލަ ބޭއްވިފައި ނުވާ ކަމަށާއި ހަމީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި ހައްޔަރުކޮށްގެން ނަމަވެސް ކޯޓަށް ހާޒިރުކުރުމަށް ކަމާ ބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށެވެ.