މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގެ ޝަރީއަތަށް ހާޒިރުނުރެވޭތީ އޭނާ ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.

ފުލުހުން އިއުލާން ކޮށްފައި ވަނީ ގދ. ތިނަދޫ ރަންގަލް ހަސަން ލޫތު،34، ހޯދުމަށެވެ. އޭނާ ހޯދުމަށް އިއުލާންކޮށްފައި ވަނީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް އަމުރުކޮށްފައިވާތީ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓުން އެފަދަ އަމުރެއް ފުލުހުންގެ މައްޗަށް ނެރެފައި ވަނީ ކޯޓަށް ހާޒިރުވުމަށް ލޫތު އަށް ޗިޓް ފޮނުވުމުން ކޯޓަށް ހާޒިރުވެފައި ނުވާތީ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ލޫތު ކޯޓަށް ހާޒިރުކުރަން ޖެހިފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ވިޔަފާރީގެ ބޭނުމަށް މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާގެ ޝަރީއަތަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ވީމާ ހަސަން ލޫތުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް އެންގުވުން އެދެމެވެ،" ފުލުހުންގެ އިއުލާނުގައި ބުނެފައި ވެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ލޫތުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

ލޫތުގެ އިތުރުން އެ މައްސަލައިގައި 88 މީހެއްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

ތިނަދޫ ޕޮލިސް ސްޓޭޝަނާއި އެރަށު މެޖިސްޓްރޭޓު ކޯޓުގެ އިތުރުން ގދ. އަތޮޅު ކައުންސިލް އިދާރާގައި ހުޅުޖަހައި އަންދާލުމުން ދިވެހި ދައުލަތަށާއި ގދ. އަތޮޅުގެ ރައްޔިތުންނަށް ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރޭގައި ތިނަދޫ އެސްޓީއޯ ފިހާރައިގެ ކުރީގެ މެނޭޖަރު އެރަށު ލިލިއަންޕާކް މުހައްމަދު ނިޒާމް އާއި ތިނަދޫ ދިރާގު އޮފީހުގެ އިސް ބޭފުޅެއް ކަމަށްވާ އެރަށު ޖައްވު މުހައްމަދު ލިރާރު އަލީ އާއި ކާޑެއްދޫ އެއާޕޯޓުގެ މެނޭޖަރު އެރަށު ފްލޯސްލައިޓް އަލީ ރިޔާޒުގެ އިތުރުން ބީއެމްއެލް ތިނަދޫ ބްރާންޗުގެ ލޯން އޮފިސަރު އެރަށު ފަސްޓްއެވެނިއު މުހައްމަދު އަލީ ވެސް ހިމެނެއެވެ.

މީގެ އިތުރުން ގދ. އަތޮޅު ކައުންސިލް މެންބަރު އަހްމަދު ގައިސު އާއި ތިނަދޫ ކައުންސިލްގެ ނާއިބް ރައީސް މުހައްމަދު ޒާހިރު އާއި ތިނަދޫ ކައުންސިލް މެންބަރުން ކަމަށްވާ ހައުލަތު އަލީ އާއި ކިނާނަތު މުހައްމަދު އާއި އަލީ ޝާމްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.