15 May 2013, 18:36
އައްޑޫ ސިޓީއާއި ފުވައްމުލަކުގެ ފެނުގެ ނިޒާމްގެ މަސައްކަތް ނިންމުމަށް 5.4 މިލިޔަން ރުފިޔާ އަށް ފެނަކަ ކޯޕްރޭޝަނާއި ހަވާލު ކޮށްފި އެވެ.
މިކަމަށްޓަކައި މިއަދު ހަވީރު އެންވާރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު އެވެ. އަދި އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރު މަތީން ވިދާޅުވީ ފެނަކަ ކޯޕަރޭޝަނާ ހަވާލު ކުރި އެ މަސައްކަތަކީ އިގިރޭސިވަލާތުގެ ބައިވޯޓާ ކުންފުންޏާއި ދިވެހި ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތެއް ކަމަށެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން އެ މަސައްކަތަށް ދިވެހި ސަރުކާރުން 15 މިލިޔަން ޑޮލަރު ހޭދަކުރަން ޖެހޭ އިރު ބައިވޯޓާ ކުންފުނިން 27 މިލިޔަން ޑޮލަރު ހޭދަކުރަން ޖެހޭނެ ކަމަށް ވެސް މަތީން ވިދާޅުވި އެވެ.
މަތީން ވިދާޅުވީ އެގޮތަށް އެއްބަސް ވެފައި ވީނަމަވެސް ކުރިމަތިވި ބައެއް ދަތިތަކާ ހުރެ އެއްބަސްވިގޮތަށް އެ ޕްރޮޖެކްޓަށް 27 މިލިޔަން ޑޮލަރު ހޭދަނުކުރެވޭނެ ކަމަށް 2011 ވަނަ އަހަރުގެތެރޭގައި ބައިވޯޓާ ކުންފުނިން ސަރުކާރަށް އަންގާފައިވާ ކަމަށެވެ.
މީގެކުރިން އެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު ބައިވޯޓާ ކުންފުނިން ކޮންމެވެސް ވަރަކަށް ހޭދަކޮށްފައިވާއިރު ސަރުކާރުން 15 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ވެސް މަތީން ވިދާޅުވި އެވެ. ނަމަވެސް އެ ބަޖެޓަކީ އެކަށީގެންވާވަރުގެ ބަޖެޓަކަށް ނުވާތީ މިހާތަނަށް އެ މަސައްކަތް ފުރިހަމަކުރެވިފައި ނުވާތީ ސަރުކާރުން ނިންމީ 5.4 މިލިއަން ރުފުޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ވީހާވެސް އަވަހަކަށް އެ މަސައްކަތް ނިންމުމަށް ކަމަށް ވެސް މަތީން ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ނިމާލު ވިދާޅުވީ އެ ކުންފުނީގެ މަގުސަދަކީ ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުން ކަމަށެވެ. އެގޮތުން އެ މަގުސަދު ހާސިލު ކުރުމަށްޓަކައި ބައިވޯޓާ ކުންފުންޏާ ގުޅިގެން އިނގިރޭސިވިލާތުން ގެންނަން ޖެހޭ މަސައްކަތު ސާމާނު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.