ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެކި އަތޮޅުތަކުގެ ގިނަ ރަށްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނެފި އެވެ.

ޑިޒާސްޓާ މެނޭޖްމެންޓް ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހްމަދު ސަން އަށް ވިދާޅުވީ ށ. މާއުނގޫދޫ އަށް މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅި ރަށުގައި ފެންބޮޑުވެ އަދި ގަދަ ވައިގައި ބައެއް ގޭގޭގެ ފުރާޅު އެއްލާލައި 150ގެ އަކަށް އެކި ވަރުގެ ގެއްލުން ލިބުމުގެ އިތުރުން ބައެއް ދަނޑު ބިންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ރަށު ގޭގޭގައި ހިފާ ގެންގުޅޭ ބައެއް ތަކެއްޗާއި އިލެކްޓްރޯނިކްސް ސާމާނުތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެފައިވާ ކަމަށް ވެސް މުހައްމަދު އަހްމަދު ވިދާޅުވި އެވެ.

"ށ. މާއުނގޫދޫ އަށް ބޮޑެތި ގެއްލުން ލިބިފައިވޭ. އޭގެ ތެރޭގައި ރަށު ތެރޭގައި ފެންބޮޑުވެ ބައެއް ގޭގޭގެ ފުރާޅު އެއްލާލާ 150 ގެއަކަށް އެކި ވަރުގެ ގެއްލުން ލިބުނު. އަދި ހިފާ ގެންގުޅޭ ސާމާނާއި އިލެކްޓްރޯނިކް ސާމާނާއި ފޮރުވާފައި ހުރި ސިމެންތި ބަސްތާތަކެއް ވެސް ހަލާކު ވެފައިވޭ،" މުހައްމަދު އަހްމަދު ވިދާޅުވި އެވެ.

މާއުނގޫދޫގެ އިތުރުން ބ. ތުޅާދޫގައި ތެޔޮ ވިއްކުމަށް ހަދާފައިވާ އިމާރާތްތަކުގެ ދަށުން ބިންގަނޑު ކަނޑައިގެން ގޮސް އެތަންތަން ވެއްޓުމުގެ ބިރު އެބަ އޮތް ކަމަށާއި އަދި ކަނޑުގަދަވެ ދަތުރު ފަތުރަށް ބުރޫ އެރުމުގެ ސަބަބުން ކާޑުގެ ބާވަތްތަކަށް ދަތިވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ދަނޑުވެރިކަމަށް މަޝްހޫރު އއ. ތޮއްޑު އަށް ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ފާހަގަ ކުރައްވަމުން މުހައްމަދު އަހްމަދު ވިދާޅުވީ އެ ރަށުން 500 އަށް ވުރެ ގިނަ ފަޅޯގަސް ވެއްޓި ދަނޑު ބިންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމުގެ މައުލޫމާތު މިއަދު ލިބިފައިވާ ކަމަށެވެ.

"ތޮއްޑޫގެ ފަޅޯ ދަނޑުތަކުން 500 އަށް ވުރެ ގިނަ ފަޅޯގަސް ވެއްޓި ދަނޑު ބިންތަކަށް ވެސް ވަރަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމުގެ މައުލޫމާތު މިއަދު ލިބިއްޖެ،" އޭނާ ވިދާޅުވި އެވެ.

ވ. އަތޮޅުގެ ހުރިހާ ރަށްތަކެއްގައި ފެންބޮޑުވެ އެ ރަށްތަކުގެ ދަނޑު ބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި އޭގެ އިތުރުން މ. ކޮޅުފުއްޓަށް ކުރަމުންދާ ވިއްސާރައިގައި ކަނޑު ގަދަވެ ދަތުރު ފަތުރު ކުރުމަށް ހުރަސްއެޅި މިހާރު އެ ރަށުގައި ހުރި ކާޑުގެ ބާވަތްތައް ހުސްވާން ކައިރިވެފައިވާ ކަމަށް ވެސް މުހައްމަދު އަހްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މ. ދިއްގަރަށް އުދަ އަރަމުންދާ ކަމަށާއި އޭގެ އިތުރުން މ. ރަތްމަންދޫގެ ފާލަން ހުރި ސަރަހައްދު ގިރާލައި އެ ފާލަން ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތި ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޏ. ފުވައްމުލަކަށް ވެސް އިއްޔެ އާއި މިއަދު އުދަ އަރަމުންދާ ކަމަށެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނީ މޫސުމް ގޯސްވެ، ކަނޑުގަދަވަމުންދާތީ "ސަމާލުވުމަށް" ދޭ އިންޒާރު "ޔެލޯ އެލާޓް" ނެރެފައިވާ ކަމަށެވެ. ޔެލޯ އެލާޓް ނެރުނީ 30 މޭލަށްވުރެ ވައިގަދަ ވެފައި ހުންނަތާ ދެ ގަޑިއިރުވުުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޫސުމާ ގުޅޭ ގައުމީ އިދާރާ އިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ޚާއްސަ ގޮތެއްގައި ރާއްޖޭގެ ދެކުނާއި މެދު ތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެ މެދުގެ ބާރު މިނަކަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނީ ކުރިއަށް އޮތް 24 ގަޑި އިރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކަނޑުތައް ގަދަވާނެ ކަމަށާއި އެހެން ކަމުން ފުރާ ދުއްވާ އުޅަނދުފަހަރުން މޫސުމަށް ސަމާލުކަން ދިނުމަކީ އެ އޮފީހުގެ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ.

ރާއްޖެ އަށް މިހާރު ކުރަމުން މިދާ ވިއްސާރައިގައި ގެންލުން ލިބޭ ރަށްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ބޭނުންވާ ފައިސާ ދޫކުރެއްވުމަށާއި ވިއްސާރައިގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވެ، ކާޑުގެ ބާވަތްތައް ހުސްވެފައިވާ ރަށްރަށަށް އެސްޓީއޯ މެދުވެރިކޮށް ކާޑުގެ ބާވަތްތައް ފޯރުކޮށްދެއްވޭނެ ގޮތްތަކެއް ސަރުކާރުން ވަނީ ހަމަ ޖައްސައިފަ އެވެ.