15 May 2013, 17:20
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މިދިޔަ އަހަރު ސިޔާސީ ހަރަކާތްތަކަށް 15.95 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީން މިއަދު އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އެ ޕާޓީގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު އެ ޕާޓީ އަށް 15.30 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
އެ ޕާޓީން 2011 ވަނަ އަހަރު ހަރަދުކޮށްފައި ވަނީ 13.68 މިލިއަން ރުފިޔާ އެވެ.
އެމްޑީޕީގެ އޮޑިޓް ރިޕޯޓުގައި ބުނަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން 2012 ވަނަ އަހަރު އެ ޕާޓީ އަށް 3.75 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެހެނިހެން ގޮތް ގޮތުން 11.21 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ޕާޓީ އަށް އެހެނިހެން ގޮތް ގޮތުން ލިބިފައިވާ ފައިސާއަކީ ޕާޓީގެ އާއްމު މެމްބަރުން އެކި ފަހަރު މަތިން ޕާޓީ އަށް އެހީގެ ގޮތުގައި ހަދިޔާކޮށްފައިވާ ފައިސާ ކަމަށް އެ ޕާޓީން ބުނެ އެވެ.
މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް ނުވަ ޕާޓީ އަކުން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަވެ އެވެ.