ހައިކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް އަލީ ޖޭއެސްސީ އަށް ހާޒިރުކޮށްފި އެވެ.

ޖޭއެސްސީގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އޮންލައިނަށް ވިދާޅުވީ ހައިކޯޓުގެ އިސް ފަނޑިޔާރު އަހަމަދު ޝަރީފް އިއްޔެ ޖޭއެސްސީ އަށް ހާޒިރު ކުރެއްވީ މީގެ އަހަރު ދުވަސް ކުރިން ހައިކޯޓުގެ އިސްފަނޑިޔާރާ ދެކޮޅަށް އެ ކޯޓޫގެ ހަތް ފަނޑިޔާރަކު ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

"އަޅުގަނޑުމެން ހައިކޯޓުގެ އިސް ފަނޑިޔާރު ޖޭއެސްސީ އަށް ހާޒިރު ކުރީ މީގެ އަހަރު ދުވަސް ކުރިން އެ ކޯޓުގެ ހަތް ފަނޑިޔާރަކު ސޮއި ކުރައްވައި އިސް ފަނޑިޔާރަކާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން. ދެން އިސްފަނޑިޔާރު ވެސް ވަނީ މީގެ އަހަރު ދުވަސް ކުރިން ޖޭއެސްސީ އަށް މައްސަލަ އެއް ހުށަހަޅުއްވާފައި. އެހެން ވީމާ އިސް ފަނޑިޔާރު ހާޒިރު ކުރެއްވީ އެ މައްސަލައަ އަށް ޖަވާބުދާރީ ވުމަށް،" ޖޭއެސްސީގެ މެންބަރު ވިދާޅުވި އެވެ.

ހައިކޯޓުގެ އިސްފަނޑިޔާރާ ދެކޮޅަށް އެ ކޯޓުގެ ހަތް ފަނޑިޔާރުން ސޮއި ކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލައާ ބެހޭ ގޮތުން ޖޭއެސްސީގެ މެންބަރު ވިދާޅުވީ އެ މައްސަލަ އަކީ ހައިކޯޓުގެ އިދާރީ ކަންކަން ރަނގަޅަށް ނުދާތީ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

"ހައިކޯޓުގެ އިސްފަނޑިޔާރާ ދެކޮޅަށް އެ ކޯޓުގެ ހަތް ފަނޑިޔަރަކު ސޮއި ކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލަ އަކީ އެ ކޯޓުގެ އިދާރީ ކަންކަން ރަނގަޅަށް ނުދާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް. ދެން އެ މައްސަލާގައި ވަނީ އިސްފަނޑިޔާރު އެ ބޭފުޅުންނާ މަޝްވަރާ ނުކުރައްވައި އިދާރީ ކަންކަން ކުރައްވާ ވާހަކަ އާއި އަދި ކޯޓުގެ މަސައްކަތްތައް ކުރުމަށް ޓަކައި ހަދަން ޖެހޭ ގަވާއިދުތައް ނުހަދައި ހުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް." ޖޭއެސްސީގެ މެންބަރު ވިދާޅުވި އެވެ.

ޖޭއެސްސީގެ މެންބަރު އިތުރަށް ވިދާޅުވީ އެ މައްސަލާގައި ޖަވާބުދާރީވުމަށް ހައިކޯޓުގެ އިސްފަނޑިޔާރު އިތުރު ފުރުސަތަކަށް އެދިވަޑައިގެންވި ކަމަށާއި އެހެން ކަމުން ހަފްތާއެއްގެ މުއްދަތު އިސް ފަނޑިޔާރަށް ދީފައި ވާނެ ކަމަށެވެ. އަދި ވިދާޅުވީ އިސްފަނޑިޔާރު މައްސަލަ އަށް ޖަވާބުދާރީ ވުމަށް އިއްޔެ އު ޒުރުވެރުވެރިވެ ވަޑައިގަތީ ނަފްސާނީ ގޮތުން އެ މައްސަލަ އަށް ޖަވާބްދާރީ ވުމަށް ތައްޔާރުވެފައި ނުވާތީ ކަމަށް ފަނޑިޔާރު ވިދާޅުވި ކަމަށެވެ. އަދި ޖޭއެސްސީގެ މެންބަރެއްގެ ހައިސިއްޔަތުން އެ މައްސަލަ މިވަގުތު ކުރިއަށް ގެންދަން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށް ޖޭއެސްސީގެ މެންބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައިކޯޓުގެ އިސް ފަނޑިޔާރު ޖޭއެސްސީ އަށް ހާޒިރު ކުރި އިރު އެ ބައްދަލުވުމަށް ޖޭއެސްސީގެ މެންބަރުންގެ ތެރެއިން ހާޒިރުވެފައި ވަނީ ތިން ބޭފުޅުން ކަމަށެވެ.