15 May 2013, 16:46
ނޫސްވެރިކަމުގެ ދާއިރާގައި 14 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާކާރު ޒުވާން ނޫސްވެރިޔާ އަބްދުﷲ ޖަމީލް އަހުމަދު ސަންމީޑިއާ ގްރޫޕާ މިއަދު ގުޅިއްޖެ އެވެ.
ހަވީރު ނޫހުގެ ސަބް އެޑިޓަރުކަން ކޮށްފައިވާ ޖަމީލް ވަނީ އެ ނޫހުގައި ނުވަ އަހަރު މަސައްކަތްކޮށްފަ އެވެ. އަދި އޭގެ ކުރިން މިއަދު ނޫހުގައި ވެސް އޭނާ މަސައްކަތްކޮށްފައިވެ އެވެ.
ޖަމީލު ވަނީ ނޫސްވެރިކަމާ ބެހޭ ސަރަހައްްދީ ވަރަށް ގިނަ ވޯކްޝޮޕްތަކުގައި ބައިވެރިވެ ތަޖުރިބާ ހޯދައިފަ އެވެ. އަދި ބައެއް އެވޯޑްތައް ވެސް އޭނާ ހޯދާފައިވެ އެވެ.
ނޫސްވެރިކަމުގައި އޭނާ ބޮޑަށް ހާއްސަ ވަނީ ވިޔަފާރި އާއި އިގްތިސާދީ ދާއިރާގަ އެވެ. ނަމަވެސް ލޯކަލް ހަބަރާއި ރިޕޯޓްތައް އުފެއްދުމާއި އަދި ނޫސްކޮންފަރެންސުތަކުގައި ޖެހިލުމެއް ނެތި ސުވާލުތައްކޮށް މައްސަލަތައް ތިލަކުރުމަށް އޭނާ އަކީ ކުޅަދާނަ ނޫސްވެރިއެކެވެ.
ޖަމީލު ބުނީ ސަންގެ ޒުވާން ޓީމާ އެކު މަސައްކަތް ކުރުމަށް އޭނާ އަށް ލިބުނު ފުރުސަތަކީ ނޫސްވެރިކަމުގައި އޭނާ ކުރިއަަށް އެއްލާ ސަފުހާއެއް ކަމަށެވެ.